އަފްޣާނިސްތާނުގެ ކުރީގެ ރައީސް އަވަހާރަކޮށްލުމާ ގުޅިގެން އަފްޣާނިސްތާނުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

އަފްޣާނިސްތާނުގެ ކުރީގެ ރައީސް ބުރްހާނުއްދީން ރައްބާނީގެ ގެކޮޅަށް، އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި އެމަނިކުފާނު އަވަހާރަކޮށްލުމާ ގުޅިގެން، އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރްޒާއީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ކަރުޒާއީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މެސެޖްގައި ޓެރަރިޒަމްގެ މި ޢަމަލު، ދިވެހި ސަރުކާރާއި ރައްޔިތުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެ، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، ރައީސް ކަރްޒާއީއަށާއި، އަފްޣާނިސްތާނުގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ރައީސް ބުރްހާނުއްދީން ރައްބާނީ އަވަހާރަކޮށްލުމަކީ،ީ އަފްޣާނިސްތާނުގައި އަމަންއަމާންކަން ޤާއިމްކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް ވަރަށް ބޮޑު އުނިކަމެއް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އަފްޣާނިސްތާނުގެ ކުރީގެ ރައީސް އަވަހާރަކޮށްލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.