ތަރައްޤީ: ހިންނަވަރުން ދޫކުރާ ގޯތިތަކުގައި ގެދޮރުއަޅައިދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ރަށުކައުންސިލުން ފައްޓައިފި – ކައުންސިލްގެ ރައީސް

ފަހަލަސަޢީދު

ޅ.ހިންނަވަރުގެ ފަޅުހިއްކައިގެން އިތުރުކުރެވުނު 28 ހެކްޓަރުގެ ބިން ޕްލޭން ކޮށް ގޯތިދޫކުރަން ހަމަޖެހިފައިވީ ނަމަވެސް އެދޫކުރެވޭ ގޯތިތަކުގައި ގެދޮރު ޢިމާރާތްކުރުމަކީ އެގޯތިލިބޭ ގިނަފަރާތްތަކަށް ކުރެވޭނެ ކަމެއްކަމަށް ނުފެންނާތީ ހިންނަވަރުގައި ގެދޮރުއަޅާނެފައިސާ ހޯދުމަށް ރަށު ކައުންސިލުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން އެބަގެންދަވާ ކަމުގައި ކައުންސިލްގެ ރައީސް އާދަމް ޔޫސުފް ވިދާޅުވެއްޖެއެވެ.
އެޑަމް ވިދާޅުވިގޮތުގައި މިސަރުކާރުން ހިންނަވަރުގެ ރައްޔިތުންގެ ގެއްލިފައިވާ އުންމީދުތައް ހޯއްދަވައި ދެއްވައިފިއެވެ. ހިންނަވަރުގެ ބިންހުސްވެ ފަނަރަސަތޭކައާ ގާތްކުރާ ޢަދަދެއްގެ ރައްޔިތުން އެހެން ރަށްތަކަށް ޙިޖުރަކުރަ ކޮށްފައިވަނިކޮށް 22 ހެކްޓަރުގެ ހިންނަވަރު 50 ހެކްޓަރަށް ބޮޑު ވުމުން ރަށުން ބޭރުގައާއި ރަށުގައިތިބި ރަށުގެ ރައްޔިތުންގެ ހިތްތަކަށް
ރޯޝަނީކަންލިބި އިޖްތިމާޢީ ގޮތުންނާ އިގްތިޞާދީގޮތުންނާ އަދި ސިއްޙީ ގޮތުންނާ ތަޢުލީމީ ގޮތުންނާ ވިޔަފާރީގެ ގޮތުން ކުރިއަރައިދާނޭ މަގު މިހާރު މިވަނީ ހިންނަވަރަށް ހުޅުވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅު ވިއެވެ.
މިސަރުކާރުން ހިންނަވަރުގެ ތަރައްގީއަށްޓަކާ މިފަދަ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކޮށްދެއްވާފައިވާ މަސައްކަތް ތަކަށްޓަކާ ހިންނަވަރުގެ ރައްޔިތުން ތިބީ އުފަލުންކަމަށާ ރަށުގެ ބަނދަރު ބޮޑުކޮށް ބޭރުތޮށީގައި ބޮޑުހިލަޖަހާ ރަށުގެ ނަރުދަމާ އަޅާ ނިމިފައިވާ ކަމުގައިވެސް އެޑަމް ވިދާޅުވިއެވެ.މިހާރު މަސައްކަތް ކުރައްވަނީ ބޯފެނުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކަމަށާ މިމަސައްކަތް ކުރައްވާނީ ޔުޓިލިޓީ އިންކަމުގައި އެޑަމް ވިދާޅު ވެފައި ވެއެވެ.
ޒަމާންވީ ތަޖުރިބާތަކަށް ބަލާއިރު ގޯއްޗެއް ދިނުމަކުން ބޯހިޔާ ނުވާކަމަށާ ގޯތިދިނުންލަސް ވަނީ ކުރިންވެސް ދެންނެވިފަދައިން އެގޯތިތަކުގައި ގެދޮޜު އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތް އަދިމުޅިންނުނިމޭތީކަން އެޑަމް ފާހަގަ ކުރެއްވިއެވެ.