މާފުށީ ޖަލުގައި ހިނގާދިޔަ ހިތާމަވެރި ކާރިޘާއަށް 8 އަހަރުފުރުން ފާހަގަކުރުމުގެ އިހުތިޖާޖް މިއަދު ހަވީރު 5 ޖަހާއިރު 3 ބާރު ވަކިކުރި ސަރަޙައްދުގައި އޮންނާނެ

ފަހަލަސަޢީދު

eyvaan-hadhaanugaa-20-9-2011-1601

ކުރީގެ ސަރުކާރުގެ ވެރިންގެ ޢޯޑަރަށް ކ.މާފުށީ ޖަލުގައި ތިބި އެތައް ގައިދީއެއްގެ ގަޔަށް ބަޑިޖަހާ މެރި ހިތާމަވެރި އަދި މުޅިގައުމު ބިރުންސިއްސުވާލި ކާރިޘާގެ ހަނދާންތައް އާކުރުމުގެ ގޮތުން މާލޭ ގެ 3 ބާރު ވަކިކުރި ސަރަޙައްދުގައި ބާއްވާ އިހުތިޖާޖު މިހައަދު ހަވީރުވެސް ކުރިއަށްދާނެ ކަމަށް މި އިހުތިޖާޖް އިންތިޒާމު ކުރިފަރާތުން ބުނެފިއެވެ.
މިއިހުތިޖާޖަކީ 2003 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަދުވަހު ޖަލުގައި ތިބި ގައިދީންނާ އެ ސަރުކާރުގެ އަނިޔާތަކުން މިންޖުނުވެ ޖަލުގައި މަރުވެދިޔަ ދިވެހި ޒުވާނުންގެ ހަނދާންއާކޮށް ޝުޢޫރު ފާޅުކުރުމުގެ ގޮތުން އެފަދަ އެންމެހައި ޒުވާނުންނަށް އަމާޒް ކޮށްގެން ހިންގޭ އިހުތިޖާޖެކެވެ.
ޖަލުގައި ތިބި ފަނަރަސަތޭކައެއްހާ ގައިދީން އެދުވަހު ޖަލުތައް ފަޅާލާފައިނުކުތީ އެ އަނިޔާތަކަށް ކެތްނުވީހިނދު ދެން އެހެންގޮތެއް ނެތިގެން މަރާމެދު ކުރަންޖެހޭ ހުރިހާފިކުރެއް ކުރުމަށްފަހު ހުރިހާކަމެއް ﷲ އާ ވަކީލު ކުރުމަށް ފަހުގައެވެ.
އީވާން ނަސީމު މަރާލާފައިވަނީ މިރާއްޖޭގައި މިހާތަނަށް މީހަކުމަރާފައި ނުވާފަދަ އަނިޔާވެރި ގޮތަކަށެވެ. ޖަލުބަލަހައްޓަން ތިބި މައުމޫނުގެ ޢައުވާނުން ގައިދީންނަށް އަނިޔާކުރުމުގެ ސަގާފަތެއް އުފަންކުރިއެވެ. ރޭގަނޑު އެބައިމީހުން ކޮންމެވެސް ގައިދީއަކު އެކަހެރި ހިސާބަކަށް ގެންގޮސް އަނިޔާކޮށް އެގައިދީއަކު ކުރާ އާދޭސްތަކަށް މަލާމާތްކޮށް ބަރަހަނާކޮށް ހަތަރު ކަކޫ ޖައްސުވާ އެގައިދީއެއްގެ މަންމަޔާ މުޚާޠަބު ކޮށް އެގައިދީއަކުލައްވާ މައިންބަފައިންގެ ތެރޭގައި ނުކިޔޭފަދަ ހަޑިމުޑުދާރު އެއްޗެހި ކިއުއްވުމަކީ ކުރީ ސަރުކާރުގެ ޖަލުބަލަހައްޓާ ފޯހުގެ ވަރަށް ބޮޑު އުފަލެކެވެ.
އޭރު ޖަލުން ދޭ އަނިޔާތައް ސިފަކޮށް ދިނުމަކީ ވަރަށް ދަތިކަމެކެވެ. އެއީ ޖަލުބަލަހައްޓަން ތިބީވެސް އިންސާނުންކަމަށް ވާތީ އިންސާނުން އިންސާނުންނަށް އެފަދަ އަނިޔާ ކޮށްފާނޭކަމަށް ގަބޫލުކުރަން ދަތިވާނެތީއެވެ.
ނަމަވެސް ޖަލުބަލަހައްޓަން ޙަވާލުކޮށްފައިވާ ކޮންމެ މީހަކީ އިންސާނުންގެ ދަރަޖައަށްވުރެ ދަށުދަރަޖައިގެ އަނިޔާވެރި ސިންގާއެއް ފަދަ ރަޙުމުކުޑަ މީހެކޭ ބުނެވިދާނެއެވެ.
ޖަލުގެ އަނިޔާ ހައްދުން ބޭރުވިހިނދު ތޮށިގަނޑުފަޅާލާފައި ގައިދީން ނުކުތެއް ކަމަކު ޝީލްޑާ ހުޅުގާޑު އަޅައިގެންތިބި ބަޔަކާ ދިމާލަށް އުކާ ކުދިކު ގާކޮޅަކުން ވާނީ ކޮންކަމެއްތޯ ސުވާލު އުފޭދޭނެއެވެ.
މިފަދަ ނިކަމެތު ޙާލުގައިތިބި ބައެއްގެ ގަޔަށް ބަޑިޖަހަން އަމުރުކުރިކަމަށް ބުނާ މައުމޫނު ރައްޔިތުންގެ މަޖިލީހުގެ ސިއްރުބައްދަލު ވުމަކަށް ވަޑައިގެން ދެފަހަރު ދެގޮތަށް ވިދާޅުވަމުންގޮސް އެންމެފަހުން ވިދާޅުވީ ޖައްވަށް ފަޒާއަށް ހަވަޔަށްބަޑި ޖަހައިގެންވެސް ކޮންޓްރޯނުވެގެން ގަޔަށް އުންޑަ އަރާގޮތަށް ބަޑިޖަހަން އަމުރު ކުރިކަމުގައެވެ. މިވާހަކަ މިގޮތަށް މައުމޫނު ވިދާޅުވީ މުޅިގައުމާ މުޚާޠަބު ކޮށެވެ.އަދި އީވާންނަސީމު މަރުވުމުގެ ދެގަޑިއިރު ކުރިން މައުމޫނަށް އެކަން އެނގިވަޑައިގަތް ކަމަށާއި އެކަން މައުމޫނޫނަށް އެންގެވީ ޖަލުސަރަހައްދުގައި ހުރިމީހެއްކަމަށް ވެސް މައުމޫނު ވަނީ އިޢްތިރާފް ވެފައެވެ. އިންސާނަކު މީހަކުމަރާފައި ގޮސް އެންމެންގެ ކުރިމަތީގައި ތިމަންނާ މިއައީ މީހަކުމަރާފައޭ ބުނުމެކޭ ތިމާގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްފައި ތިބި ނިކަމެތި ބަޔަކު މަރާލަން އަމުރުކުރީމޭ ބުނުމެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ.
މިފަދަ މީހަކަށް މަރުގެ އަދަބު ޙައްގުވާނޭ ކަމަށާއި، ބަޔަކު މަރާފައި އަމިއްލައަށް އިޢްތިރާފް ވާމީހަކު އުޅޭނެގޮތަކަށް އުޅެން ދޫކޮށްފައި ބެހެއްޓުމަކީ ގައުމީސަލާމަތަށް ހުރި ނުރައްކާތެރި ބިރެއްކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިއަދު ތިން ބާރު ވަކިކުރި ސަރަޙައްދު އޮންނަ މި އިހުތިޖާޖް ގައި ޝުޢޫރު ފާޅުކުރުމުގެ ފުރުޞަތު ވަނީ އާންމުކޮށް ހުޅުވިފައިކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.