ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ކާމިޔާބުދެއްވުން އެދި ޚާއްސަ ދުޢާ އެއް ކުރުމަށް އެމްޑީޕީން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ

އިބްރާހީމް ރާމިޒް

palestine

ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ކާމިޔާބުދެއްވުން އެދި މިއަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ޚާއްސަ ދުޢާ އެއް ކުރުމަށް ދިެވހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ސޮއިކުރައްވައި، މިއަދު އިސްލާމިކް މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީއެއް ގައި ވަނީ “އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި މި ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު މިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމުގެ މައްސަލަ އދ.ގެ އާންމު ބައްދަލުވުމުގައި ވޯޓަކާ ހަމައަށް ގޮސްފައެވެ. އެއީ މި ޕާޓީން ސަރުކާރަށް ނުހަނު ބޮޑަށް ދަރަނިވެރިވެ، ޝުކުރާއި، ތަޢުރީފާއި، މަރުހަބާ ދަންނަވާ ކަމެއް، ” ކަމަށާއި، އެ ވޯޓު މިއަންނަ ހުކުރު ދުވަހު، އދ.ގެ 66 ވަނަ އާންމު ބައްދަލުވުމުގައި ނެގުމަށް ހަމަޖެހިފައިވާތީ، އެ ދުވަހުގެ ހުކުރު ނަމާދަށް ފަހު، އެއްވަގުތެއްގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެދުވަހު ހުކުރުކުރާ ހުރިހާ މިސްކިތެއްގައި، ފަލަސްތީން މިނިވަން ދައުލަތަކަށް ވުމަށް ކުރާ މަސައްކަތުގައި ކާމިޔާބު ދެއްވުންއެދި ދުޢާކުރުމަކީ އެ ޕާޓީން ނުހަނު އެދޭ ކަމަކަށްވާތީ އެކަމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައިދެއްވުމަށެވެ.
އެމްޑީޕީން އިއްޔެ ވަނީ ފަލަސްތީން މިނިވަން ދައުލަތަކަށް ވުމަށް ކުރާ މަސައްކަތަށް އެ ޕާޓީން ތާޢީދުކުރާ ކަން ހާމަކުރުމަށް ނޫސް ބަޔާނެއް ވެސް ނެރެފައެވެ. މި ނޫސް ބަޔާނުގައި، ކޮންމެ ދުވަހަކު އެބައިމީހުންގެ ހައްގުތައް ނަގާލެވޭ ބައެއް ނަމަވެސް އެހައްގުތައް ހޯދުމަށް އަޑުއުފުލާނެ އަމިއްލަ ދައުލަތެއް އެ މުސްލިމް އަޚުންނަށް ނެތް ކަމަށާއި، ފަލަސްތީންގެ ލޮބުވެތި ރައްޔިތުންނަކީ ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅެން ބޭނުންވާ ބައެއް ނަމަވެސް ފާއިތުވި 60 އަހަރު ދުވަހުވެސް އެމީހުންނަށްވަނީ އަސާސީ އިންސާނީ ހައްގެއްކަމަށްވާ އަމިއްލަވަންތަކަން ކަނޑައެޅުމުގެ ހައްގު ނުދީފައި ކަމަށް ބަޔާންކޮށްފައި ވެއެވެ.