9 ޖޫން 2010
ޤާނޫނުއަސާސީއާ ތަޢާރުޒް ވުމުގެ ސަބަބުން ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް ބުރޫއަރާ ކޮންމެ މަސައްކަތެއް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަން ޖެހިފައިވާ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އިއްޔެއޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ދެވަނަ ޖަލްސާއަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި، ޤާނޫނު އަސާސީއާ ތަޢާރުޒުވާ ޤާނޫނުތަކާ ގުޅޭ ޤަރާރާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ، މި ޤަރާރުގެ މަސައްކަތުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ލެވެން އޮތް ހުރިހާ ބާރެއް ލައިގެން މި މަސައްކަތް ނިންމަން ތައްޔާރަށް ހުންނެވިކަމަށާއި، މިހާ މުހިއްމު މަސައްކަތެއްގައިވެސް ” އަދި މިހާތަނަށް އައިއިރުގައި ހަމަގައިމު ވެސް މަޖިލީހުގެ ރައީސް އަޅުގަނޑަކާ ބަހުސްކޮށްފައި ނެތް ކަމަށެވެ.
މަޖިލިސް މެންބަރުން މިޤަރާރާ ގުޅޭ ކަންތައް ނިންމަން މަސައްކަތް ކޮށްފިނަމަ ހަފްތާއެއްގެ ތެރޭގައި މިމަސައްކަތް ނިންމޭނޭ ކަމުގައި ވިދާޅުވަމުން މޫސަ އިތުރަށް ވިދާޅުވީ ” އަޅުގަނޑުމެން ޤާނޫނުއަސާސީ ތަޞްދީޤު ކުރިތާ ދެވަނަ އަހަރު ފުރެން އަންނައިރުގައި އަޅުގަނޑުމެންނަށް މިކަމުގައި ކޮޅެއް ނުފެނިއްޖެއްޔާ، ރައްޔިތުންގެ ކުރިމަތީގައި މާދަމާ އަޅުގަނޑުމެން ގޮސް ދައްކާނީ ކޮން ވާހަކައެއް. ސަރުކާރުން މިވެނި ކަމެއް ނުކުރެއޭ. ފަނޑިޔާރުން މިވެނި ކަމެއް ނުކުރެއޭ. އެންޓި ކަރަޕްޝަން ބޯޑުން މިވެނި ކަމެއް ނުކުރެއޭ (ކިޔައިގެން) އަޅުގަނޑުމެން މަޖިލިސް މެންބަރުން މި ހުރިހާ ތަންތަނެއްގެ ވާހަކަ ސިޔާސީ ފޯރަމްތަކުގައި ދައްކަމުން ދާއިރު، އަޅުގަނޑުމެންގެ ހާލަތު ހުރި ގޮތަކީ މިހިރީ”
ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް ނުކުރެވިދަނީ އެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނާއި، ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން އެބޭފުޅުންގެ ޤާނޫނީ ވާޖިބުއަދާކުރުމުގެ ބަދަލުގައި ސަރުކާރުގެ ވަޒީރުން ” ފަހާދުވުންފަދަ ” ކަންތައްތައް އިސްކުރެއްވުމުން ކަމުގައިވެސް މޫސަ ވިދާޅުވިއެވެ.
މިފަދަ ގޮތަކަށް މަޖިލީހުގެ ކަންތައްތައް ދާނަމަ އިތުރު ދައުރަކަށް ރައްޔިތުން މިހާރު މިއޮތް މަޖިލިސް ނުހޮވާނޭ ކަމަށާއި، ” މިއީ އަޅުގަނޑުމެންގެ ފުރަތަމަ އިމްތިހާނު. (މިފަދަ މުހިއްމު ބިލްތައް ނުނިމި ދިގުލައިގެންދާނަމަ) އަޅުގަނޑުމެން އެންމެން މިކަމުގައި ފެއިލްވެގެން ދާނެ.” ކަމަށް މޫސަ ވިދާޅުވިއެވެ.