ދިވެހި ދައުލަތުގެ ފިކުރީ މުދަލެއް ވަގަށް ނަންގަވައިގެން ޕާޓީއެއްގެ މަޤްޞަދުގައި ކުރައްވާ މަސައްކަތްޕުޅު އަޅުގަނޑު ވަރަށް ހިތާމަޔާއެކު ކުށްވެރިކުރަން – އެމްޑީޕީ ޕީޖީ މެންބަރު މުޙައްމަދު ނަޝީދު

8 ޖޫން 2010

haruge-03-05-2010-113-450-x-338

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލަކީ ވޭތުވެދިޔަ ސަރުކާރުގައި ޑރ. ޙަސަން ސަޢީދު ބަންޑާރަނައިބު ކަމުގައި ހުންނެވި ދުވަސްވަރު ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ އިމްތިޔާޒްގެ ބިލާ އެއްވެސް ތަފާތެއް ނެތް ބިލެއް ކަމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑރ. ޙަސަން ސަޢީދުގެ ޤައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި މިބިލާމެދު ވާހަކަދައްކަވަމުން ނަޝީދު ވަނީ މިއީ ދައުލަތުގެ މުދަލެއް ވަގަށް ނަންގަވައިގެން ޕާޓީއެއްގެ މަޤްޞަދުގައި ކުރާކަމެއް ކަމަށާއި، އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ މިއަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ނަޝީދުގެ އިތުރުން މިބިލާމެދު ވާހަކަދެއްކެވި މެންބަރުންވަނީ ވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުން މިބިލު ފާސްކުރުމުން، މިބިލު ޤާނޫނަކަށް ނުވީ ޑރ.ޙަސަން ސަޢީދު ބަންޑާރަނައިބު ކަމުގައި ހުންނަވައިގެން އޭނާ ދެއްވި ލަފާގެ ސަބަބުން ކަމަށް ވިދާޅުވެ ޑރ. ހަސަން ސަޢީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިބިލާބެހޭގޮތުން ވާހަކަދެއްކެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ 24 ގަޑިއިރު ބިރުވެރިކަންމަތީގައި ތިބޭ ބަޔަކަށް ވަނީނަމަ ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުނުކުރެއްވޭނޭ ކަމަށާއި، ” އަޅުގަނޑުމެންގެ އަނބިދަރިންނާއެކު މަގުމައްޗަށް ނުކުންނައިރު އަޅުގަނޑުމެން ނުކުންނަން ބޭނުންވަނީ ޢިއްޒަތާއި އަބުރާއި ސަލާމަތާއެކު” ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢިއްޒަތާއި އަބުރު މީޑިއާއިން ނަގާލާކަމަށް ވިދާޅުވެ، މީޑިއާއަށް ވެސް މިއަދުގެ ޖަލްސާގައި މުސްޠަފާ ފާޑުވިދާޅުވިއެވެ.