ޤާނޫނު އަސާސީއާ ތަޢާރަޒްވާ ޤާނޫނުތަކުގެ މަސައްކަތް ކުރިޔަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނިންމުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ސަމީރު ހުށަހަޅުއްވައިފި

8 ޖޫން 2010

dsc_0127-450-x-301

ޤާނޫނު އަސާސީއާ ތަޢާރަޒްވާ ޤާނޫނުތަކުގެ މަސައްކަތް ކުރިޔަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނިންމުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ސަމީރު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ދެވަނަ ޖަލްސާއަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤާނޫނު އަސާސީއާ ޚިލާފް ޤާނޫނުތަކާއި، ޤާނޫނުތަކުގެ ބައިތަކާ ގުޅޭގޮތުން ހުށަހެޅުއްވި ޤަރާރާ ބެހޭގޮތުން ވާހަކަދައްކަވަމުން ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު ވިދާޅުވީ ކުރިޔަށް އޮތް ދެމަސް ދުވަހުގެތެރޭގައި މިމަސައްކަތް ނިންމުމަށް ހުށަހެޅުއްވީ 16 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރުގެ މަޖިލީހުގައިވެސް ނުނިމިހުރި ގިނަ ކަންތައްތަކެއް ހުރުމުގެ ސަބަބުން ކަމުގައެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިޤަރާރުވަނީ 9 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވާފައެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާއާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުގެ އިތުރުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި، ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު މުޙައްމަދާއި، ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަދި މިޤަރާރު ހުށަހެޅުއްވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދެވެ.