މެންބަރުންގެ ޚިޔާލު: 19 ސެޕްޓެމްބަރ… ބަޔާނެއް ނެރުމަކުން ނުފުދޭނެ!!

ފުނަމާ

50312_18483243400_3946472_nall

19 ސެޕްޓެމްބަރ 2003 މ ދުވަހަކީ ދިވެހި ވެރިކަމުގައި ހިންގަމުން ގެންދިޔަ ލާއިންސާނީ ޖަރީމާތަކަށް ނިމުމެއް ގެނައުމަށް ފެށުމުގެ ގޮތުން އިންގިލާބެއްގެ ފެށުން ފާހަގަ ކުރެވުނު ދުވަހެކެވެ. ރާއްޖޭގެ ޖަލުތަކުގައި އޭގެ ކުރީންވެސް އެކިއެކި ލާއިންސާނީ ޖަރީމާތައް ހިންގައި ސިލްސިލާ ގޮތެއްގައި މީހުން މަރަމުން ގެންގޮސްފައިވާ ގެންދިއުންތައް ސިއްރުކޮށްގެން ތިއްބައި އެކަން މުޅިދުނިޔެއަށް ހާމަކޮށް އެކަމާ އިދިކޮޅަށް ދިވެހީން ނުކުތުމަށް ހިތްވަރު ލިބިގެންދިޔައީ އެދުވަހު ހިނގައިދިޔަ އީވާން ނަސީމު މަރާލުމުގެ ހާދިސާއާއި ގުޅިގެންނެވެ. ހަމަ އެހެންމެ މިކަމާ އިދިކޮޅު ހެދުމަށް ޖަލުގައި ޖެހިގެންއައި ދުވަހު އިހުތިޖާޖުކުޅަ އެތައް ބައެއްގެ ގަޔަށް ވެރިމީހާގެ އަމުރަށް ބަޑިޖަހައި މަރާލުމާ ގުޅިގެން ދިވެހި ރައްޔިތުން އެބޮޑު މުޖުރިމުގެ އަނިޔާވެރި ކަމާއި އިދިކޮޅަށް ނުކުތް ނުކުތުން ވެގެން ދިޔައީ ރައްޔިތުން އޮބިއަޅައިގެން އަނިޔާވެރި ވެރިކަމެއް ކުރަމުންގެންދިޔަ ވެރިޔާގެ ނުބައިކަން މުޅިދުނިޔެއަށް ހާމަވެގެންދިޔަ ކަމެއް ކަމުގެ އިތުރުން ދިވެހީން އަނިޔާއާއި އިދިކޮޅަށް ނުކުތުމަށް ލިބުނު ހިތްވަރެއް ކަމުގައެވެ.
އީވާން ނަސީމަކީ އެ އަނިޔާވެރި ކަމުގައި މަރުވެގެންދިޔަ އެންމެ ފަރުދެކެވެ. އެފަދަ ކިތަންމެ އީވާންއެއްގެ މަރުގެ ދިޔަ ބޮލުގައި އަޅާންޖެހޭ ފަރާތަކީ މިއަދުވެސް މިދައުލަތުގެ ފައިސާ ފުންޏެއް ޖީބަށްލައިގެން އަރާމާއި އުފަލުގައި މިގައުމުގައި އުޅެމުން ގެންދާ މާމާތް އަދި ޚާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ މީހެކޯލައެވެ. މިއީ ދިވެހި ރައްޔިތުންނަށް ކުރެވޭ ބޮޑުމަލާމާތެއް ކަމުގައި މެނުވީ ނުވާނެއެވެ. އެ ވެރިކަމުގައި ހިންގާފައިވާ އަނިޔާވެރި އަމަލުތަކާއި ވެފައިވާ ޚިޔާނާތްތައް ބަލައި ފިޔަވަޅު އެޅުން މިހާރުވެސް މާލަސްވެއްޖެއެވެ.
އީވާން ނަސީމްގެ މަރުގެ މައްސަލާއާއި ގުޅިގެން މިއަދު އެވާހަކަ ދައްކައި ހަމައެކަނި މިއުޅެނީ އެމްޑީޕީ އިންނެވެ. ރާއްޖޭގެ އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން މިއަދަކު އެކަމެއް ހަނދާނެއް ނެތެވެ. ނޫނީ ހަނދާން ކުރާކަށް ބޭނުމެއް ނޫނެވެ. ހަމައެހެންމެ އެމްޑީޕީންވެސް މިކަމާ ގުޅިގެން ބަޔާނެއް ނެރެލައި ނިންމާލުމުން ފުއްދާލާނަމަ ދެން ދާދިއަވަހަށް މިދުވަހުގެ ހަނދާންތައް ދިވެހީންގެ ހިތްތަކުން ފިލައިގެން ހިނގައި ދާނެއެވެ. ވަގުތަކީ ޒަޚަމުތަކުގެ ފަރުވާއެއް ކަމުގައި ބުނާބުނުމާ އެއްގޮތައް މިކަންވެސް ހާދިސާއެއްގެ ގޮތުގައި ހަމައެކަނި ލިޔެވިފައި އޮންނަ ދުވަސް އަތުވެދާނެއެވެ.
ސެޕްޓެމްބަރ 19 ވަނަ ދުވަސް ކަޅު ދުވަހެއްގެ ގޮތުގައި ނުވަތަ އަނިޔާއާއި އިދިކޮޅު ދުވަހެއްގެ ގޮތުގައި ނަމަވެސް ރަސްމީކޮށް ފާހަގަ ކުރާން އެބަޖެހެއެވެ. އެހެނީ އެދުވަހަކީ މިގައުމުގެ ވެރިކަމުގައި ހުންނަ ކޮންމެ މީހަކަށް އިންޒާރެއްގެ ގޮތުގައި ހަނދާން ކޮށްދެވޭނެ ދުވަހެކެވެ. މިސަރުކާރަށްވިޔަސް އަދި ކުރިމަގުގައި ވެރިކަން ކުރާނެ ކޮންމެ މީހަކަށްވެސް މިދުވަސް ހަނދާން ކޮށްދޭން ޖެހެއެވެ. ދިވެހީން ހަމައެކަނި ހަނދާންކުރާންވީ ބޭރުގެ ފަރާތްތަކުން މިގައުމަށް އަރައި މިގައުމުގެ ފަރުދުންނަށް ކޮށްފައިވާ އަނިޔާ ތައް އެކަންޏެއް ނޫނެވެ. މިގައުމުގެ ވެރީން މިގައުމުގެ ރައްޔިތުންނަށް ދީފައިވާ ބޮޑެތި އަނިޔާތައް ހަނދާންކޮށްދޭން އެބަޖެހެއެވެ. ހަމައެހެންމެ ސެޕްޓެމްބަރގެ މިހާދިސާ އާއި ގުޅިގެން ދިވެހި ރައްޔިތުން ނުކުތް ނުކުތުމަކީ މިގައުމުގެ ވެރީންނަށް ދެވުނު ވަރުގަދަ އިންޒާރެއް ކަމުން މިކަން އަބަދުވެސް ދިވެހި ވެރިކަމުގައި ތިބޭ ބަޔަކަށް ހަނދާން ކޮށްދެވޭން އެބަޖެހެއެވެ. އެހެން ކަމުން ކޮންމެ އަހަރެއްގެ މިދުވަސް ރަސްމީ ގޮތެއްގައި ސަރުކާރުން ފާހަގަކުރާން ފެށުމަށް ގޮވާލަމެވެ. ދުނިޔޭގައި ފާހަގަ ކުރަމުން ގެންދާ މޭޑޭ ފަދައިން ދިވެހިރާއްޖޭގައި 19 ސެޕްޓެމްބަރ ފާހަގަ ކުރާން ޖެހޭނެ ކަމުގައި ދަންނަވަމެވެ. މިދުވަހަކީ ވަކިބަޔަކު ނުކުމެ ތަނެއްގައި އެއްވެލައިގެން ޝުޢޫރު ފާޅުކުރާ ދުވަހެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރާން ޖެހޭ ކަމުގައި ދަންނަވަމެވެ. އަދި އެ އަނިޔާވެރި ވެރިކަމުގައި ހިންގާފައިވާ މިފަދަ ހުރިހައި ޖަރީމާތަކެއް ވަގުތުން ތަހުގީގުކުރާން ފެށުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި ދިވެހި ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލަމެވެ