މުލަކަތޮޅު މުލީގައި ފުރަތަމަ ފަހަރަށް އެމްޑީޕީގެ ދިދަ ވިހުރިލައިފި

އިބްރާހީމް ރާމިޒް

މުލަކަތޮޅު މުލީގައި އިއްޔެ ފުރަތަމަ ފަހަރަށް ރަސްމީކޮށް އެމްޑީޕީގެ އޮފީހެއް ހުޅުވައި ދިދަ ވިހުރާލައިފިއެވެ. މި ދިދަ ނަގާފައިވަނީ މުލީ އެމްޑީޕީ ވީވަރު ގޮފީގެ އޮފީހުގައެވެ. މި ދިދަނެގުމުގެ ރަސްމިއްޔާތުގައި މުލީގައި ތިއްބެވި އެމްޑީޕީގެ ގިނައަދަދެއްގެ މެންބަރުން ބައިވެރިވެފައި ވެއެވެ.
މިހާތަނަށް އެމްޑީޕީއަށް އިންތިޚާބު ތަކުގައި ދިހަވަރަކަށް ވޯޓުވެސް ލިބެމުން ގޮސްފައި ނުވާ މ. އަތޮޅު މުއްޔަކީ ޑީއާރުޕީއާއި ، ޕީއޭގެ ބޮޑު އަޣުލަބިއްޔަތެެއް އޮންނަ ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރަށެކެވެ. އެމްޑީޕީއިން ވެރިކަމަށް އައުމުގެ ކުރީން ރަށްރަށުގައި ބާއްވަމުން ގެންދިޔަ ބައްދަލުވުންތަކުގެ ތެރެއިން މުއްޔަކީ އެމްޑީޕީގެ ޖަލްސާއެއް ބޭއްވިޔަ ނުދިނުމަށް ރައްޔިތުން ނުކުމެ ހުރަސް އަޅާފައިވާ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. މިއަދުވެސް އެރަށުގެ ކައުންސިލަކީ ސައްތައިން ސައްތަ ޑީއާރުޕީގެ ކައުންސިލަކަށް ވާއިރު އަތޮޅު ކައުންސިލުގައި ހިމެނޭ ޕީއޭގެ މެންބަރަކާއި ޑީއާރުޕީގެ ހަތަރު މެންބަރުން މަސައްކަތް ކުރަމުން ގެންދާ އަތޮޅު ކައުންސިލްގެ އިދާރާވެސް ހުންނަނީ އެރަށުގައެވެ. އަދި އަތޮޅުގެ ބޭނުން ކުރެވެމުންދަނީ މުއްޔަށް އަންނަ ޑީއާރުޕީ، ޕީއޭގެ މީހުންގެ ދަރަމް ޝާލާއެއްގެ ގޮތުގައި ކަމަށާއި ގަވާއިދާ ޚިލާފަށް އެތަނުގެ ރަޖިސްޓަރީ ބަދަލުކޮށް އަތޮޅު ކައުންސިލުން ހިތުހުރި ގޮތަކަށް އެތަން ބޭނުން ކުރަމުން ގެންދާ ކަމުގައި އެއަތޮޅުގައި ވާހަކަދެކެވެއެވެ. އަދި މިހާރު ޕީޕީއެމް އުފެއްދުމަށް އަތޮޅުގެއަށް ބައެއް މީހުން ގެންގޮސް ފޯމުފުރުމަށް މަޖުބޫރު ކުރަމުން ގެންދާ ކަމުގެ އަޑުތަކެއްވެސް އިވެމުންދެއެވެ.
މީގެކުރީން ޑީއާރުޕީގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ގެންދިޔަ އެރަށު އިސްމާއީލް ޝާކިރު (ވީވަރު ޝާކިރު) މިދިޔަމަހު ޑީއާރުޕީއިން ވަކިވެ އެމްޑީޕީއާއި ގުޅުނުފަހުން މުލީގައި އާދަޔާ ޚިލާފަށް އެމްޑީޕީގެ ރޫހުދަނީ އިތުރުވެ އާލާ ވަމުންނެވެ. ޝާކިރު ހިންގަވަމުން ގެންދަވާ ހޮޓަލާ އިންވެގެން އޭނާގެ ގޭގައި މިހުޅުވުނު އޮފީހަކީ ރަސްމީކޮށް މިހާތަނަށް މުލީގައި ހުޅުވުނު އެމްޑީޕީގެ ފުރަތަމަ އޮފީހެވެ.
މުލީ ވީވަރު ގޮފީގެ ވަގުތީ ރައީސް އިސްމާއީލް ޝާކިރު ވިދާޅުވާ ގޮތުގައި އޭނާ އެމްޑީޕީއާއި ގުޅިވަޑައިގަތީ މުލީގެ ތަރައްގީއާއި ކުރިއެރުމަށް މިހާރުގެ މުލީގެ ކައުންސިލުންނާއި އަތޮޅު ކައުންސިލުން އެއްވެސް މަސައްކަތެއް ކުރަމުން ނުގެންދާތީއާއި ، ސަރުކާރާއި އެކުގައި އަތުގުޅާ ލައިގެން ކުރެވޭ މަސައްކަތަކުން މެނުވީ އެއްވެސް ރައްޔިތަކަށް ކުރިއަށް ނުދެވޭނެކަން އޭނާއަށް ގަބޫލުކުރެއްވުމާ ، އެމްޑީޕީގެ ސަރުކާރުން މުޅިގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ކުރަށްވަމުން ގެންދަވާ މިންނެތް މަސައްކަތް ގަބޫލުކުރެވި އެމްޑީޕީއަކީ ހަމައެކަނި މިގައުމަށް ކުރިއެރުން ހޯދައި ދެވޭނެ ޕާޓީކަމުގައި ގަބޫލުކުރެއްވިގެންނެވެ. އަދި މިއަދު ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުގައި ހަމައެކަނި މުލީގައި ހުރި މުއައްސަސާ އަކީ މުލީ ރީޖަނަލް ހޮސްޕިޓަލް ކަމުގައި ވެފައި މިހާރު އުފެދިފައިވާ ސެންޓްރަލް ހެލްތު ކޯޕަރޭޝަންގެ ދަށަށް އެމުއައްސަސާ ބަދަލުވެ ޚިދުމަތްތައް ފުރިހަމަވާނެ ދުވަހެއްގެ އިންތިޒާރުގައި ޝާކިރާއި އޭނާގެ ބައިވެރީން ކެއްތެރި ކަމެއްނެތި އިންތިޒާރު ކުރަމުން ގެންދަވާ ކަމުގައި އޭނާ ވިދާޅުވެއެވެ. އަދި މިމަސައްކަތްތައް ފުރިހަމަވަމުން ދާއިރު ކުރިޔަށް އޮތް ތަނުގައި އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކަށް ދެން މުލީގެ މެޖޯރިޓީ ނުލިބޭނެ ކަމުގައިވެސް ޝާކިރު ވިދާޅުވެއެވެ