ނޫސް ބަޔާން : އީވާން ނަސީމް މަރާލި ހިތާމަވެރި ހާދިސާއަށް 8 އަހަރުފުރުން ފާހަގަކުރުމަށް އެމްޑީޕީން ނެރޭ ބަޔާން

mdp-logo-original

2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މާފުށީ ޖަލުގައި، އިންސާނީ ކަރާމަތަށް ކުޑަވެސް ބެލުމެއް ނެތި އަނިޔާވެރިކަމާ އެކު ޒުވާން އީވާން ނަސީމް މަރާލައި، ޖެހިގެން އައި ދުވަހު އެކަމާ އިދިކޮޅަށް މަސައްކަތްކުރި ގައިދީންގެ ތެރެއަށް ” ވަޔަށް، ޖައްވަށް ފަޒާއަށް ޖެހި އުންޑަތަކުން” އެތައް ގައިދީއެއް މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަޅު ދުވަހަށް 8 އަހަރު ފުރުން އެމްޑީޕީން ނުހަނު ހިތާމައާއެކު ފާހަގަކޮށް، މި ލާ އިންސާނީ ޢަމަލު ހިންގުމުގައި ބައިވެރިވި އޭރުގެ ސަރުކާރުގެ އިސްވެރިންނަށް ޙައްގު އަދަބުދިނުމަށް ގޮވާލައި، މި އަނިޔާވެރި އަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
2003 ވަނަ އަހަރު ރާއްޖޭގެ އެންމެބޮޑު ޖަލު ކަމަށްވާ މާފުށީ ޖަލުގައި މަރާލި އީވާން ނަސީމް މަރާލާފައިވަނީ ރަޙުމްކުޑަ އަނިޔާވެރި މަރަކުންކަން ސާބިތުކޮށްދެއްވުމަށް މަސައްކަތްކުރައްވައި، އީވާން ނަސީމުގެ މަރުގެ ސެޓިފިކެޓްގައި ސޮއިކުރުމުގެ ކުރިން އެ މަރުޙޫމްގެ މަރު ތަހުގީގުކޮށް މަރުވި ސަބަބު ބެލުމަށް ޑޮކްޓަރުންނަށް ގޮވާލެއްވި ބޭފުޅަކީ މިއަދު މިގައުމުގެ ވަލިއްޔުލް އަމުރު ކަމަށްވާ އަދި މި ޕާޓީގެ އެންމެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަން މި ޕާޓީން އުފަލާއެކު ފާހަގަކުރަމެވެ. އީވާން ނަސީމް އަނިޔާވެރިކަމާއެކު މަރާލާފައިވާކަން ދިވެހިރައްޔިތުންނަށް ސާބިތުވުން ވެގެންދިޔައީ މުޅި ދިވެހިރާއްޖެ ކައްކުވާލައި، މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކަންތައްތަކެއް ފެނިގެންދިޔަ ދުވަހަކަށެވެ. ޖަލުގަޔާއި މަގުތަކަށް މީހުން އެއްވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، ނުރުހުން ފާޅުކުރުމުގެ އަމަލުތައް ހިންގުމަށް މަޖުބޫރުވި، އަދި އެ ދުވަސް ތާރީޚުގައި ރަތްދެލިން ލިޔެވިގެންދިޔަ ދުވަހަކަށެވެ.
ރާއްޖޭގެ ޖަލުތަކުގައި ކުރީގެ ސަރުކާރުގެ ވެރިކަމުގައި، ބޮޑެތި އަނިޔާތައް ދެމުންދާ ކަމާއި، އެ އަނިޔާތަކުގެ ޝިކާރައަކަށްވެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް އޭރު ތުންތުންމަތިން ދައްކަމުންދިޔަ ވާހަކަތަކުގެ ޙަގީގަތް ދިވެހިރައްޔިތުންނަށް ހާމަވެގެން ދިޔައީ އީވާން ނަސީމްގެ މަރާގުޅިގެންނެވެ. އެހެން ކަމުން އީވާން ނަސީމް މަރާލި މައްސަލައާއި، މި ނޫނަސް ކުރީގެ ސަރުކާރުގެ ދުވަސްވަރު ޖަލުތަކުގައި އަނިޔާވެރި ޢަމަލުތައް ހިންގާފައިވާ ފަރާތްތަކާ ދެކޮޅަށް އިންސާފްވެރި ޝަރީޢަތެއްކޮށް، އެފަރާތްތަކަށް ހައްޤު އަދަބު ދިނުމަށް އެމްޑީޕީން އަބަދުވެސް ގޮވަމުންދާ ގޮވާލުން މި ފުރުސަތުގައި ތަކުރާރުކުރަމެވެ. އަދި މި ފަދަ ލާ އިންސާނީ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ރާއްޖޭގެ ޖަލުތައް ޒަމާނީކޮށް، ގައިދީންނަށް ޤާނޫނު އަސާސީން ލާޒިމްކުރާ ރައްކާތެރިކަމާއި، ހިމާޔަތް ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެމްޑީޕީން ފުރިހަމައަށް ތާޢީދުކުރަމެވެ.

އިވާން ނަސީމު މަރާލުމާއި، އެ މަރާއި ގުޅިގެން ޖަލުގައި ހިނގާދިޔަ ބަޑިޖެހުމުގެ ހާދިސާ ހިންގި ކަޅު ދުވަސްތައް އެމްޑީޕީއާއި ސަރުކާރުން ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، ލާ އިންސާނީ އަނިޔާ ދިނުން ހުއްޓާލުމަށާއި، އެންމެހާ އިންސާނީ ޙައްޤުތައް ރައްޔިތުންނަށް ރައްކާތެރިކޮށްދިނުމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި އެންމެހާ އަސާސީ ޙައްޤުތައް ރައްޔިތުންނަށް ލިއްބައިދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމީ މިއަދު އެމްޑީޕީން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ.

އަނިޔާވެރިކަމާއި، ޚުދުމުޚްތާރުކަން ހައްދު ފަހަނައަޅާފައިވާ، އަދި އެބައެއްގެ އަތް ދިވެހި ލޮބުވެތި ރައްޔިތުންގެ ލެއިން ކަޅިވެފައިވާ ފަރާތްތައް، އެ ފަރާތްތަކުގެ ލާއިންސާނީ އަމަލުތަކާމެދު ލަދުވެތިވުމުގެ ބަދަލުގައި، މިއަދު ވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދާ ކަމީ އެމްޑީޕީން ނުހަނު ކުށްވެރިކުރާ ކަމެކެވެ. އަދި މި ފަދަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް ޙައްޤު އަދަބު ދިނުމަށް އަދިވެސް އެއްފަހަރު ދައުލަތުގެ ކަމާއިބެހޭ ހުރިހާ މުޥައްސަސާއަކަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް