އިންޑިޔާގެ ރައީސާއަށާއި ނޭޕާލްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީ ފޮނުއްވައިފި

ހިމާލަޔަން ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ނޭޕާލްގެ ރައީސް ޑޮކްޓަރ ރާމް ބަރަން ޔަދާވަށާއި، އިންޑިޔާގެ ރައީސާ ޕްރަތިބާ ޕާޓިލަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ.
ދެބޭފުޅުންނަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެދެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، ނޭޕާލްގެ ރައީސް ޑޮކްޓަރ ޔަދާވަށާއި، އިންޑިޔާގެ ރައީސާ ޕްރަތިބާ ޕާޓިލަށް އަދި މި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި އެދިވަޑައިގެންފައިވެއެވެ.