ތަރައްޤީ: ގއ.ކޮލަމާފުށީގައި އަޅާ ހައުސިންގ ޔުނިޓްތައް ނިމި އެޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި -ކޮލަމާފުށީ ކައުންސިލްގެރައީސް

ފަހަލަ ސަޢީދު

kolamaafushi-housing-unit-450-x-222

ގއ.ކޮލަމާފުށީގައި ސަރުކާރުން އަޅުއްވާ ދެއްވާ 25 ހައުސިންގ ޔުނިޓް ނިމި ކުލަޔާ ދަވާދު ލަމުން ދާއިރު އެ ޔުނިޓް ތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމުގައި ކޮލަމާފުށީ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

ކޮލަމާފުށީގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންވެ އަމިއްލައަށް ގެދޮރުއެޅެން ނެތް ފަރާތްތަކަށް އަމާޒު ކުރެވިގެން
އަޅައިދޭ މިދެންނެވި ޔުނިޓްތަކަކީ ދިގުމުއްދަތުން ފައިސާދައްކާ ޚަލާސް ކުރާގޮތަށް ދޫކުރާ ޔުނިޓްތަކެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. 20 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމާގޮތަށް ދޫކުރާ މިއިން ޔުނިޓަކަށް މަހަކު ދައްކަން ޖެހެނީ =/4500 ރުފިޔާކަމަށާއި، ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ =/30000 ރުފިޔާކަމަށް ކޮލަމާފުށީ ކައުންސިލުން ބުނެއެވެ.

ކޮލަމާފުށީގައި އަޅާފައިވާ މިދެންނެވި ޔުނިޓް ތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރަން ފަށައިފިކަމަށާއި، މިމަހުގެ 29 ވަނަދުވަހާ ހަމައަށް ފޯމު ދޫކުރުން ބަންދު ކުރައްވާނޭކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުގައި އަޅާފައިވާ ޔުނިޓް ތަކަކީ ފެންވަރު ރަނގަޅު ޔުނިޓްތަކެއްކަމަށް ވީނަމަވެސް ރައްޔިތުންގެ ޙާލަތަށް ބަލާއިރު މިހާރު މަހު ކުއްޔަށް ނަގަން ހަމަޖެހިފައިވާ މިންވަރަކީ ތަންކޮޅެއް ބޮޑުމިންވަރެއްކަމަށާއި، ރައްޔިތުން އެކުއްޔާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ދާކަމުގައެވެ.