ސަރުކާރުން ހިންގަވަމުން ގެންދަވާ 8500 ވަޒީފާގެ ފުރުސަތަށް މީހުން ހޯދުމުގެ މަސައްކަތުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙް ބައިވެރިވެއްޖެ

އިބްރާހީމް ރާމިޒް

ސަރުކާރުން ހިންގަވަމުން ގެންދަވާ 8500 ވަޒީފާގެ ފުރުސަތުގައި ބައިވެރިވާނެ މީހުން ހޯދުމުގެ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުން އިސްނަގައިގެން ފަށައިފިއެވެ.
މި މަސައްކަތް ހިންގުމަށްޓަކައި އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ 6 ގްރޫޕަކަށް އެ ރޫހުގެ މެންބަރުންގެ ތެރެއިން މި މަސައްކަތަށް ޝައުގުވެރިވާ މީހުން ބަހާލައި ކޮންމެ ގްރޫޕަކަށް އިންޗާޖެއް އައްޔަންކޮށްފައެވެ.
” މި ހޮވި އިންޗާޖުންގެ ބެލުމުގެ ދަށުން އިތުރު ގްރޫޕްތައް ނަގައި، މާލެ ސިޓީގެ ގޭގެއަށް ޒިޔާރަތްކޮށް، ވަޒީފާގެ ފުރުސަތުގައި ބައިވެރިވާން ބޭނުންވާ މީހުންގެ މަޢުލޫމާތު ފޯރމްތައް ފުރުމުގެ މަސައްކަތް މިދަނީ ކުރަމުން. މި މަސައްކަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެލައްވާ އެއް ބޭފުޅަކީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢައިޝަތު އާނިޔާ.” އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙުމަދު ވިދާޅުވިއެވެ.
މި ފޯރމްތައް ފުރާ ނިންމުމުގެ މަސައްކަތް މުޅިން ނިންމުމަށްދީފައިވާ މުއްދަތަކީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާތީ މި ފޯރމްތައް އެމްޑީޕީ އަންހެނުންގެ ރޫހާ ހަވާލުކުރުމަށް ހަމަޖައްސާފައިވަނީ 30 ސެޕްޓެމްބަރ ވާ ހުކުރު ދުވަހުގެ 9.00 ކަމަށް ވެސް ޝިޔާމާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ކިބައިން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ މި ފަދަ ޚިދުމަތްތަކުގެ މެދުވެރިއަކަށް ވުމަށް އިލްތިމާސްކުރެއްވުމާ ގުޅިގެން، އެމްޑީޕީގެ އަންހެނުންގެ ރޫޙުން މީގެ ކުރިންވެސް ވަނީ މަދަނަ އަދި ސަބްސިޑީ ފޯރމްތައް ފުރުމުގައި ވެސް އާންމުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.