މެންބަރުންގެ ޚިޔާލު: ގަބޫލުކުރެވޭނީ ގަބޫލުކުރެވޭ ވަރުގެ ވާހަކައެވެ!

ފުނަމާ

ދޮޅުއަހަރަށްފަހު ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދު މިހާރު އެންމެފަހުން މިވަނީ ގެޒެޓުގައި ޝާއިއުކޮށް އަމަލު ކުރާން ފެށިފައެވެ. މިކަމާ ގުޅިގެން ތަފާތު ފަރާތްތަކުން ތަފާތު ގޮތްގޮތަށް އެގެންދަނީ ވާހަކަ ދައްކަމުންނެވެ. މިއަދު މިރާއްޖޭގެ ކަންކަން ހިނގަމުން ދާގޮތަށް ބަލާލާއިރު މިކަމަކީ އާކަމެއްވެސް ނޫނެވެ. ސަރުކާރުން ނިންމާ ކޮންމެ ކަމަކާ ބަސްކިޔާލައި އަދި އެކަންކަމާ އިންކާރުކޮށް ބަސްބުނެ އުޅޭނެ ބަޔަކު ނެތީވިއްޔާ މިނިޒާމު ފުރިހަމައެއްވެސް ނުވާނެއެވެ. ނަމަވެސް ދިވެހި ރާއްޖޭގައި އިސްލާމީ ކަންކަން ހިންގައި ބެލެހެއްޓުމަކީ ސިޔާސީ ޕާޓީއަކުން ނުވަތަ އުފައްދާފައިވާ ކޮންމެސް އަމިއްލަ ޖަމިއްޔާއަކުން ކުރާންޖެހޭނެ ކަމެއް ކަމުގައި ބަޔަކުދެކިގެން އެގޮތަށް އެވާހަކަ ދައްކާނަމަ ގަބޫލުކުރުމަކީ މާފަސޭހަ ކަމެއް ނޫނެވެ. މިދައުލަތުގެ ކަންކަން ހިނގާނީ ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ގޮތެއްގެ މަތީން އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތާ އެއްގޮތްވާ ގޮތެއްގެ މަތީންނެވެ. މިސަރުކާރުން އެންމެފުރަތަމަ ފަހަރަށް އިސްލާމިކް މިނިސްޓްރީގެ ނަމުގައި ވުޒާރާއެއް އުފައްދަވައި ދީނީގޮތުން އެކަށީގެންވާ ފަރާތްތަކަކާ އެވުޒާރާ ހިންގުން އެވަނީ ހަވާލުކޮށްފައެވެ. އެވުޒާރާގެ ދަށުން ދީނީ މަޖިލިސްތައް އަދި ފިގުހު އެކަޑަމީއެއްވެސް ހިންގަވަމުން އެބަގެންދަވައެވެ. އަދި އެވުޒާރާއިން ކުރައްވަމުން ގެންދަވާ ކަންކަމުގައި ޖަވާބުދާރީވާނެ ވަޒީރަކުވެސް ގައިމު އައްޔަން ކުރެވި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެބަހުރިކަން އެންމެންވެސް ދަނެއެވެ. ކޮންމެ ވަޒީރަކު ކަންކުރާގޮތްވެސް ސަރުކާރުންނާއި މަޖިލީހުންވެސް ބަލަމުން ގެންދާނެތާއެވެ.
އަދާލަތު ޕާޓީއަކީ މިގައުމުގައި ބަޔަކު ރަޖިސްޓަރީ ކޮށްގެން އުޅޭ ސިޔާސީ ޕާޓީއެކެވެ. އަދި މިހާރު ބައެއް ދީނީ ޖަމިއްޔާތައްވެސް މިގައުމުގައި ހިންގަމުން އެބަގެންދެއެވެ. ނަމަމެސް އިސްލާމިކް މިނިސްޓްރީގެ ބެލެނިވެރިކަން ސިޔާސީޕާޓީއަކަށް ނުވަތަ ދީނީ ޖަމިއްޔާއަކަށް ދިނުމެއް ގާނޫނުއަސާސީ ލާޒިމެއް ނުކުރެއެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން ނިންމާ ނިންމުންތަކުގެ ތެރެއަށް ވަކިޖަމާއަތަކުން ވަދެ ބޭނިގަނެގެން އުޅުމަކީ ހަމަޖެހޭކަމެއް ނޫނެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސަރުކާރާ އެކުގައި ބައިވެރިވެގެން ކަމުގައި ހެދިގެން އުޅޭބަޔެއްގެ މައްޗަށް އިތުބާރުކޮށް ކަންކަން ދޫކުރާނަމަ ފަހަރެއްގައި އެމީހުންގެ ރޭވުމެއްގެ ދަށުން މިގައުމުގައި ފިތުނައުފެދޭނެހައި ގޮތްގޮތަށް ކަންކަން ކުރެވޭތޯ ބަލާވެސް ފާނެއެވެ.
މިއަދު ގާނޫނުއަސާސީން ދުލުގެ މިނިވަންކަން އޮތަތީއޭބުނެ ދީނުގެ ހުކުމެއް އަމުދުން ނުދަންނަ ކިތަންމެ ބަޔަކު ބޮޑުތުނބުޅި ލައިގެން މިގައުމުގައި ދީނީ ފަތުވާ ދެމުން ގެންދާކަމީ އޮޅިފައި އޮތްކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ދީނުގެ ހުކުމްތައް ތަފާތުގޮތްގޮތަށް ބުނަމުން އެބަގެންދެއެވެ. މީގެ ސަބަބުން މީސްތަކުންގެ މެދުގައި ބައިބައިވުން އުފެދި ފިތުނަވަމުން ދާކަމުގައިވެސް ބުނާންޖެހެއެވެ. އެހެންކަމުން ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދެއް ހަދައި އަމަލުކުރުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. މިގޮތުން ހަދާ ގަވާއިދެއްގައި ވަކިފެންވަރެއްގެ ބަޔަކަށް މެނުވީ ދީނުގެ ފަތުވާތައް ނުދެވޭނެ ކަމުގައި ބުނެފައިވާ ބުނުމަކީ ދެން މިގައުމުގެ ދަރިޔަކަށް ޝަހާދަތް ކިޔައިދިނުން ވެސް މައިން ބަފައިންނަށް މަނާވީ ކަމުގައި ބަލާނަމަ މިދައްކާ ވާހަކަޔަކީ ދެކޮޅުޖެހޭނެ ވާހަކައެއް ނޫންތާއެވެ. އިސްލާމް ދީނުގެ ހުކުމެއް ލިޔެފައިވާ ފޮތެއް ކިޔުމަކީ ވަކި ޑިގުރީއެއް ނެތިއްޔާ ނުކުރެވޭނެ ކަމެއް ކަމުގައި ހަދާންއުޅުމަކީ ހަޖުލެކެވެ. މިވާގޮތަކީ ހަމަ ކޮންމެ ކަމެއް ސަރުކާރުން ކުރާއިރަށް ނުކުމެ ހަޅޭއްލަވާން ނޫޅެވިއްޖިއްޔާ ތިމާމެންގެ ވިދުވަރު ފަނޑުވެދާނެ ކަމުގައި ބަޔަކަށް ހީވަނީއެވެ. އަދި އެކޮޅެއް މިކޮޅެއް ބަލައިލުމެއްނެތި މީހުންއެއްކޮށް އަޑުގަދަ ކުރާން ފަށަނީއެވެ. ކޮންމެ ކަމަކުންވެސް ފިތުނައިގެ ހުޅުގަނޑެއް ގައުމުގައި ރޯކޮށް ނުލެވުނިއްޔާ ތިމާމެންނަށް ކަމެއް ނުކުރެވުނީ ކަމުގައި ދެކިގެން ބަޔަކު މިއަދު މިގައުމުގައި އުޅެމުން ގެންދާކަމީ އެންމެން ދަންނަ ހަގީގަތެކެވެ. އެކަމަކު ކޮންމެ ބޭނުމެއްގައި ކޮންމެބަޔަކު ކަމެއް ކުރާން އުޅޭއިރުވެސް ދައްކާ ވާހަކަ ދެކޮޅުޖެހެން ވާނެއެވެ. އެހެންނޫނީ އެދައްކާ ވާހަކައެއް މީހުންނަށް ގަބޫލުކުރާން ވަރަށް ދަތިވާނެއެވެ. އެކަމަކު ކަންކަމުގައި ޚިޔާލުތަފާތުވުމުން އެކުގައި އިށީނދެ ކަންކަމުގައި އެއްބަސްވުމަކަށް އާދެވޭތޯ ބެލުމަކީ ގައުމަށް މާބޮޑަށް މަންފާކުރާނެ ކަމެކެވެ