އިބްރާހީމް ރާމިޒް
އެމްޑީޕީގެ އަސާސީ ޤަވާޢިދުގައިވާ ގޮތަށް އެމްޑީޕީ ހިންނަވަރު ދާއިރާގެ ހިންގާ ޤަވާޢިދު އެދާއިރާއިން ފާސްކޮށްފިއެވެ.
ހިންނަވަރު ދާއިރާގެ ހިންގާ ޤަވާޢިދު ފާސްކުރީ މި ދިޔަ ހުކުރުދުވަހުގެ ރޭ 9.00 ގައި ހިންނަވަރު ދާއިރާގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ހިންނަވަރު ދާއިރާގެ މަޖިލީހުގައި ހިމެނޭ 22 މެމްބަރުންގެ ތެރެއިން 19 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. އެމްޑީޕީ ގެ މައި ސެކެޓްރޭރިއެޓް އިން ދާއިރާގެ ރާއީސުންނަށް ފޮނުވާފައިވާ ނަމޫނާ ޤަވާޢިދަށް މާ ބޮޑު ބަދަލުތަކެއް ނުގެނަސް ފާސްކުރި މި ޤަވާޢިދުގައިވާ ގޮތުން ދާއިރާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް މަދުވެގެން މަހަކު 1 ފަހަރު ބާއްވަން ޖެހޭ އިރު ދާއިރާ މަޖްލިސްގެ ބައްދަލުވުމެއް މަދުވެގެން 2 މަހުން އެއްމަހު ބާއްވަން ޖެހެއެވެ. އަދި މި ބައްދަލުވުންތަކުގެ ނޯޓިސް މެމްބަރުންނަށް މަދުވެގެން 48 ގަޑިއިރުކުރިން ލިޔުމަކުން ނުވަތަ އެސް.އެމް.އެސް އަކުން ދާއިރާގެ ނައިބްރައީސް ފޮނުވާއިރު، މި ނޯޓިސް ދާއިރާގެ އޮފީހުގައި ފެންނަން ހުންނަންޖެހޭނެ ކަމަށްވެސް ޤަވާޢިދުގައިވެއެވެ.
މީގެ އިތުރުން، ދާއިރާ ހިންގާ ކޮމިޓީގެ މެމްބަރަކު މަޤާމުންވަކިކުރެވޭނީ އެމެމްބަރެއްގެ އިތުބާރު ނެތްކަމަށް ދާއިރާގެ މެމްބަރުންގެ 10% މީހުން ހުށައަޅާ، އިލެކްޝަންގެ ދަފްތަރުގައި ހިމެނޭ ދާއިރާގެ މެމްބަރުންގެ 25% އިތުބާރުނެތްކަމަށް ވޯޓްލިބިގެންކަމަށްވެސް މި ޤަވާޢިދުގައިވެއެވެ.
ހިންނަވަރު ދާއިރާގެ ރައީސް އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް (އިބޫ) ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި އެދާއިރާއަށް ނިސްބަތްވާ ގޮފިތަކުގެ ޤަވާޢިދު ހަދާފާސްކުރާނީ އެގޮފިތަކުންކަމަށް ކަނޑައަޅާ ގޮފި ހިންގާނެ ނަމޫނާ ޤަވާޢިދެއް ގޮފިތަކާ ޙަވާލުކުރުމަށްވެސް ނިންމިއެވެ. ބައްދަލުވުން ނިންމާލީ އޮކްޓޯބަރ 7 ވާ ހުކުރު ދުވަހަށް ޚާއްސަ ޖަލްސާއެއް އިންތިޒާމްކުރުމަށް 5 މެމްބަރުންގެ ކޮމިޓީއެއް ހޮވުމަށްފަހު އެކޮމިޓީގެ މަސައްކަތްތައް ބެލުން ދާއިރާގެ މަޖްލީހަށް ޙަވާލުކުރުމަށްފަހުއެވެ.
މި ބައްދަލުވުމުގައި ދާއިރާގެ ރައީސް އިބޫ ގެ އިތުރުން ހިންނަވަރު ދަނޑިފަންވަރުގޮފީގެ ރައީސް އަދި އެމްޑީޕީ އުތުރު ޕްރޮވިންސްގެ ރައީސް ޢަލީ ނިޔާޒް (ނިޔާ) އާއި ހިންނަވަރު ދަހަނާ ގޮފީގެ ރައީސް އަދި އެމްޑީޕީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖްލީހުގެ މެމްބަރ މުޙައްމަދު މާހިރު ޢީސާ (މާހިރުބެ) ބައިވެރިވެލެއްވިއެވެ.
އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން އެދާއިރާއެއްގެ ހިންގާ ޤަވާއިދު އެކުލަވާލާ ފާސްކުރަންޖެހެނީ އެދާއިރާއަކުންނެވެ.