މޯލްޑިވްސް ސްޓޫޑެންޓް އެސޯސިއޭޝަން-ޔޫކޭގެ 25 ވަނަ އަހަރީ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

އިނގިރޭސިވިލާތުގައި ކިޔަވަން ތިބޭ ދިވެހި ކުދިންގެ ޖަމްޢިއްޔާ “މޯލްޑިވްސް ސްޓޫޑެންޓް އެސޯސިއޭޝަން”އަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އެޖަމްޢިއްޔާގެ ފަރާތުން ބޭއްވި ޙަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައިވެރިވެވަޑައިގެންފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވެވި މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ ޖަމްޢިއްޔާ އުފެދިގެން އައިގޮތުގެ މައްޗަށް ބައްލަވާލައްވައި، އެ ޖަމްޢިއްޔާގެ ދެމިއޮތުމަށް މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި އެޖަމްޢިއްޔާގެ މެންބަރުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް އެ ޖަމްޢިއްޔާގެ ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ހިނގަމުންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށްޓަކައި މޯލްޑިވްސް ސްޓޫޑެންޓް އެސޯސިއޭޝަންގެ ފަރާތުން މިޙަފްލާގައިވަނީ ފަންޑެއް ހުޅުވާފައެވެ. މި ފަންޑަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފައިސާގެ ހަދިޔާއެއް ދެއްވިއެވެ.