އިބްރާހީމް ރާމިޒް
އައްޑޫ ސިޓީގެ ފޭދޫ ގައި ސަރުކާރުން ހަދަމުންދާ ބަނދަރަށް މިދިޔަ ހުކުރު ދުވަހު އެމްޑީޕީ ފޭދު ދާއިރާ އިން އިސްނަގައިގެން ދެކުމެއް ކޮށްފިއެވެ.
ހުކުރު ދުވަހު ހަވީރު ބޭއްވި މި ދެކުމާދިއުމުގައި (ދެކުމާދިއުމަކީ ބޮޑެތިމަސައްކަތްކުރާއިރު އެކަމަށް ތަރުހީބު ދިނުމުގެ ގޮތުން ގިނަބަޔަކު އެއްވެގެން ހަދިޔާ ހިފައިގެން އެތަނަކަށް ދިއުމަށް އާންމުކޮށް އައްޑޫ ހުވަދޫ އަދި ފުވައްމުލަކުގައި ކިޔާ ނަމެކެވެ.) އިސްކޮށް ޙަރަކާތްތެރިވީ އެމްޑީޕީ ފޭދޫ ދާއިރާގެ މެމްބަރުންގެ ތެރެއިން ހޮވާލެވުނު ޓިމަކުން ކަމަށާއި، މި ދެކުމުގައި ފޭދޫއަވަށުގެ ހުރިހާ ރައްޔަތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެމްޑީޕީ ފޭދޫ ދާއިރާގެ ރައީސް މުޙަންމަދު ސަޢީދު ވިދާޅުވިއެވެ.
މި ދެކުމާދިއުމުގައި ބަނދަރުގައި މަސައްކަތް ކުރާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބޮނޑިބަތާއި ކުޅިމަސް އަދި ޖޫސް ދީފައިވެއެވެ. އަދި ދެކުމާދިޔަ ރައްޔިތުންގެ ކޮންމެ މީހަކުވެސް ބަނދަރުގެ މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެވެސް ހަދިޔާ އެއް ގެންދިޔަ ކަމަށާއި، މި ދެކުމާ ދިއުމުގެ ޙަރަކާތް އެ ދުވަހުގެ އިރު އޮއްސި 6 ޖަހަންދެން ބަނދަރު ސަރަހައްދުގައި ކުރިޔަށް ދިޔަ ކަމަށް ސައީދު ވިދާޅުވިއެވެ.