ފުނަމާ
މެދުނުކެނޑި މިހާރު އެއްއަޑަކަށް މިގައުމުގައި އެންމެބާރަށް އިވެމުންދާ އެއްއަޑަކީ މިއީކަމުގައި ވެދާނެއެވެ. އެއްވެސްމީހަކު މިކަމާ ސުވާލެއް ނުކުރި ނަމަވެސް ޚާއްސަކޮށް ސިޔާސީ ޕާޓީތަކުގެ ފަރާތުން މިކަމުގައި އެމީހުން ނިންމާފައިވާ ގޮތް އެގެންދަނީ ހާމަކުރަމުންނެވެ. ޑީއާރުޕީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމުގައި މިހާތަނަށް ވެސް ގެންދިޔައީ ބުނަމުންނެވެ. އަދިމިހާރު ވެސް އެމީހުންގެ ބުނުންތައް ހުރީ މިގޮތުގައެވެ. ހަމައެހެންމެ އަދާލަތު ޕާޓީގެ ލީޑަރޝިޕަށް އައި ބަދަލާއެކު އެމީހުން ވެސް ވެރިކަން ކާމިޔާބުކުރާނެ ކަމުގެ އަޑުތަކެއް އަރުވަން ފެށިއެވެ. ނަމަވެސް ބައެއްފަހަރު އެމީހުންނަކީ އެކަނިހައްޓާ މިކަން ކާމިޔާބު ނުކުރެވޭނެ ބައެއް ކަމުގައިވެސް ބުނެއެވެ. މިހާރަކަށް އައިސް މާބަނޑުގައި ކިރިޔާ އަށަގަތް ޅަދަރިއެއްހެން ސިޔާސީ މަސްރަހަށް ނޫފަންނަ ޕީޕީއެމް އިން މާހަރުއަޑުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެމީހުން ކަމުގައި ބުނާއަޑު އެބައިވެއެވެ. މީގެ ކުރީން ޔާމީނުވަނީ އިންތިޚާބަށް ކުރިމަތިލާނެ ވާހަކަ ބުނެފައެވެ. ނަމަވެސް ކާމިޔާބުކުރެވޭނެ ކަމުގައި މާހަރުކޮށް ބުނާތީއެއް އަޑެއް ނީވެއެވެ. މިކަމުގައި ބޮޑެތި ޕާޓީ ތަކުގެ ތެރެއިން އެންމެ ހަނުއޮންނަ ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމުގައި ބުނުމަކީ ކުށަކަށް ނުވާނެއެވެ.
އެމްޑީޕީއަކީ މިހާރުވެސް ވެރިކަމުގައި އޮތް ޕާޓީކަމުން ވެރިކަން ދިފާއުކުރުމަށް އެމްޑީޕީން މަސައްކަތް ކުރާނެކަމީ ޝައްކެއްނެތް ކަމެކެވެ. އެހެންކަމުން މިކަން ކާމިޔާބު ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން ފުރިހަމަކޮށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެމްޑީޕީގެ ސަރުކާރު މިއަދު މިވަނީ މެކުހަށްޖަހާފައި ކަމުގައި އެގެންދަނީ އިއުލާނު ކުރަމުންނެވެ. އެހެންކަމުން ދެހާސްތޭރައިގެ އިންތިޚާބަކީ ފިސާރި އިންތިޚާބަކަށް ވާނެ ކަމުގައި މިހާރުވެސް ބަޔަކު އެބަދެކެއެވެ. އެހެންނަމަވެސް ސިޔާސީގޮތުން މިއަރާ ނުވަތަ އަރުވާ އަޑުތަކަށް ކޮންމެވެސް ވަރަކަށް ބަލާލުމުން މަންޒަރު ސިފަވަނީ މުޅީން އެހެން ގޮތަކަށް ކަމުގައި ދަންނަވާނެ ޖާގައެބައޮތެވެ.
ދެހާސް އަށްވަނަ އަހަރު އެއިރު ވެރިކަމުގައި އޮތްކަމުގައި ޤާނޫނީ ހައިސިއްޔަތެއް ނެތް ނަމަވެސް ގޮވައިއުޅުނު ޑީއާރުޕީ ވެރިކަމުން ދުރުކުރީ އެމްޑީޕީ ނުކުމެ އިންތިޚާބުގައި ވާދަކޮށްގެންނެވެ. އެމްޑީޕީ ނޫނަސް އެހެން ޕާޓީތަކެއް ޑީއާރުޕީއާއި ވާދަކުރިއިރު އަމިއްލަ ކެންޑިޑޭޓަކުވެސް ވާދަކުރިމެއެވެ. އާޚިރުގައި ޑީއާރުޕީއާއި ވާދަކުރި ގިނަޕާޓީތަކަށް އެފުރުސަތު ގެއްލުމުން އެމްޑީޕީއާއި އެކު އިއްތިހާދުވެގެން ނުކުތީއެވެ. އައިޑީޕީ އޮތީ ވަކިފަރާތަކަށް ނުޖެހި ކަމުގައި ބުނެއުޅުނެވެ. އެހެންކަމުން ޑީއާރުޕީއާއި އެމްޑީޕީގެ ވެރިކަމުގެ ހަނގުރާމަ އެހިނދަށް ނިމިގެން ދިޔައީ ހަތިޔާރާއި އާރާއި ބާރާއި ދައުލަތުގެ ހުރިހައި މުއްސަނދިކަމެއް އެމީހުންގެ މިލްކިއްޔާތުކަމުގައި ހަދައިގެން ތިބި ޑީއާރުޕީ ހަސްނެތި ފެންނުހިފައި ބަލިވެގެންނެވެ. ޕާޓީގެ ކުރީ ސަފުގައި ފޫގަޅައިގެން ނުކުމެ ތިބީ އޭރުގެ ރައީސްއާއި ޑީއާރުޕީގެ މިހާރުގެ ލީޑަރެވެ. ހުވާކޮށް އަޑު ހަރުކޮށް ގޮވަމުން ގެންދިޔައީ ވެރިކަމަކީ އެމީހުންގެ އަތުން ދުވަހަކުވެސް ބީވާނެ އެއްޗެއް ނޫންކަމުގައެވެ. ނަމަވެސް އެއިރު އެންމެން ނަންކުރަމުން ފުރައްސާރަ ކުރަމުން ގެންދިޔަ މަގުމަތީގެ ” ރޮނގާލީން ” ނާއި ވާދަކޮށްގެން އެބުނާ ބޮޑުތާއީދުއޮތް މީހާޔަށް ހަމައެއްކަމެއްވެސް ނުކުރެވި އިނދަ ޖެހުނީއެވެ. މިއީ ފެންނާންއޮތް ހަގީގަތެކެވެ. ވާނެކަމުގައި ބުނާނެ ޖާގައެއް ނެތް ވެނިމިފައިވާ ކަމެކެވެ. އެއިރު އެމްޑީޕީން ބުނަމުން ގެންދިޔައީ ވެރިކަން ކާމިޔާބުކުރާނެ ކަމުގައެވެ. އަދި ރައީސް ނަޝީދު ކުރުނުކޮށް ވިދާޅުވަމުން ގެންދެވީ ދެހާސް އަށެއް ނޮވެމްބަރ އެގާރަ ދުވަހު ވެރިކަމުގެ ހުވާކުރައްވާނީ އެމަނިކުފާނު ކަމުގައެވެ. ކިތަންމެ ބަޔަކު މިކަމާ ހީނމަލާމާތްކޮށް އޮޑާލީ ނަމަވެސް ސާބިތު ކަމާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވަމުން ގެންދެވި މިއަޑު މިގައުމުގައި އަލަށް ނަމަވެސް ދިޔައީ ގުގުމަމުން، ވެރިކަމުގައި އެއިރު ތިބި މީހުންގެ ހިތްތައް ކަތިލަމުންނެވެ. މިއަދު ޑީއާރުޕީއިން ވެރިކަން ކާމިޔާބު ކުރާނެ ކަމުގައި ބުނާއިރު ޑީއާރުޕީ އޮތީ ބިންހެލުމެއްގެ ތެރޭގައެވެ. އެމީހުންގެ އިސްސަފުގައި އެންމެ ބާރަށް އަޑުގަދަކުރި ބަޔަކު މިއަދު ފާޓީދޫކޮށް އެވަނީ ގޮސްފައެވެ. ޑީއާރުޕީ ވެރިކަމަށް ގެންނާނެ ކަމުގެ ދޮގުހުވަޔާ ވައުދުތަކެއް ވެދީފައި ނުކުމެ އެހެންދިމާލަކަށް ދީލާލާފައެވެ. އެހެން ކަމުން ޑީއާރުޕީގެ ކުރިމަގު މިއަދު އެއޮތީ ސުވާލުމާކެއްގެ ތެރޭގައެވެ. ނޫންނަމަ ބިންހެލުމަށްފަހު އާފްޓަރ ޝޮކްގެ ހާލަތުގައެވެ. އެމީހުންނާއި ބައިވެރިވެގެންތިބި ގައުމީ ޕާޓީއަކީ އެޕާޓީގެ މަޖިލީހުގެ މެންބަރުގެ ރޮދިފަށުގައިވެސް ހިފެހެއްޓުމުގެ ގާބިލްކަން ނެތް ބައެއްކަމުން ސިޔާސީ މައިދާނުގައި ޑީއާރުޕީއަށް އެހީތެރިވެ ދިނުމުގެ ޤާބިލްކަމެއް ގައުމީ ޕާޓީގައި ހުރިކަމަކަށް ގިނަ ބަޔަކު ނުދެކޭނެއެވެ. ނަމަވެސް ހެޔޮހިތުން ބުނާނަމަ ތަސްމީނުގެ ސިޔާސީ ވިސްނުމާމެދު ހަމަ ތާރީފު ހައްގެވެ. ޑީއާރުޕީ ފުނޑުފުނޑު ނުވެ ސަލާމަތުން މިއަދާ ހަމަޔަށް އެއޮތީ ހަމަ ތަސްމީނުގެ މަސައްކަތުގެ ސަބަބުން ކަމުގައި ދަންނަވާން ޖެހެއެވެ. އެހާގިނަ ދަރަނިތަކަކައިގެން ބޮލުގައި އެޅުވި ފާޓީ އެޕާޓީގެ ބާނީކަމުގައި ބުނެއުޅުނު މީހަކު ނުކުމެ ފުނޑާލަން ކުރި މަސައްކަތުގައި ޕާޓީ ފެންމަތީގައި އަދި އެއޮތީ ތަސްމީނުގެ މަސައްކަތުންނެވެ. ނަމަވެސް ޑީއާރުޕީއާއި ގުޅިގެން އުޅޭ “މިތުރާގެ” އަމިއްލަ އެދުމުގެ ސަބަބުން އިތުރު ލޮޅުންތަކެއް އެޕާޓީއަށް އަދިވެސް އަންނާނެކަމީ މުޖައްރިބު ކަމެކެވެ.
ދެންއޮތީ އެންމެފުރަތަމަ އިސްލާހީ ބައިވެރީންނާއި އިނދެ ވަރިކޮށް އަމިއްލަ ޕާޓީއިން ވަރިވެ ޑީއާރުޕީއާއި އިނދެ ވަރިކޮށް ސިޔާސީ ގޮތުން ތިންފަށް ވެފައިވާ މީހަކު ފަށްކަނޑާ ބޮޑުއެދުރާއި އިނދެގެން ސިޔާސީ މައިދާނުގައި ބުއްފުޅީގެ އަނގަޖަހާނެ ކޮޅެއް ނޭނގޭ ޅަކުދީންކޮޅަކާއެކު އުފައްދާން އުޅޭ ކަމުގައި އެގޮވާ ޕާޓީއެވެ. ތިމަންނާ މެންނާ އެކުގައި ޑީއާރުޕީގެ ނުވަދިހަ ފަސްއިންސައްތަ ދާނެޔޭ ގޮވަމުން ނުކުމެ ސިޔާސީ މައިދާނުގައި ފަސްހައަހަރު ކޮސްތަޅައިގެން ތިންހާސް ހަމަނުވި ކުޑަހޮއްކޮގެ ޕާޓީވެސް ރޫޅާލައިގެން ތިންހަފްތާ ހަމަވީއިރު ތިންހާސް މީހުން އަދިވެސް ހަމަނުވެގެން ބިއްޖެހިފައި އުޅޭ ބަޔަކަށް ވާނެވަރު އޮތީ ހީކޮށްލުމެވެ. އަޑުއިވޭ ގޮތުން ޑީއާރުޕީގައި މައްސަލަގަނޑު ފެށުނީއްސުރެވެސް އެޕާޓީއެއް ހެދުމަށް ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. ޕެޓިޝަނެއް ހަދާށޭ ކިޔާފައި މީގެ އެތައްދުވަހެއް ކުރީން އެމަސައްކަތްފަށައި މިއަދާ ހަމަޔަށް އައިއިރު އެއުޅެނީ އަދިވެސް ތިންހާސްމީހުން ހަމަނުވެގެންނެވެ. ކޮންމެ މީހަކު ބުނިނަމަވެސް ތެދެއް ހަމަވާނީ ތެދަކަށެވެ. ސިޔާސީ ގޮތުންބަލާއިރު އެމީހުންނަށް ހަމަހަމަކުރެވޭނީ ހުކުރެވެ. އެކަމަކު ތިމަންނާމީ އެންމެ ތާއީދުބޮޑު މީހާކަމުގައި އެބުނާ ބޭބެގެ ފަހަތުގައި އެލިގެން ތިބޭނެ ދަތްނެތަސް މަދުވެގެން ފަންސަވީހަކަށް ހާސްމީހުން ނެތިއްޔާ ހީވަނީ މަގުމައްޗަށް ނުކުމެ އުޅޭންވެސް ލަދުގަންނާނެ ހެންނެވެ. ވީއިރު އަދި ވެރިކަމަކީ މާފަހުގެ ކަމެއްކަމުގައި ވާތީވެ އެވާހަކަ ދައްކާން އަދި މާއަވަހެވެ. އެހެންކަމުން ޖުމްލަކޮށް ބަލާލާއިރު އަދި މިގައުމުގައި ވެރިކަމުގެ އުންމީދުގައި ނުކުމެ ދުވުނަކަސް އެމްޑީޕީ ބަލިކުރެވޭނެ ބަޔަކު ތިބިކަމުގައި ދަންނަވާކަށް ހަމަ ނުކެރޭނެއެވެ