މެންބަރުންގެ ޚިޔާލު: ޖަވާބު ދީބަލާށެވެ!

ފުނަމާ

the-supreme-court-of-maldives

މިއަދު މިގައުމުގެ ވެރިކަން ހިންގުމުގެ ނިޒާމު މިވަނީ ބަދަލު ކުރެވިފައެވެ. ދައުލަތުގެ ބާރުތައް ވަކިކުރުމުގެ އިތުރުން ގާނޫނުއަސާސީ އިން ރައްޔިތުންނަށް ދުވަހަކު ދީފައިނުވާ އެތަކެއް ހައްގުތަކެއް ދެވިފައިވެއެވެ. ސުވާލަކީ މިއީ ހަގީގަތެއް ހެއްޔެވެ؟ މީގެ ކުރީގެ ގާނޫނުއަސާސީ ތަކުގައިވެސް މިނިވަންކަން ލިބިގެންވާ ކަމުގައި ލިޔެވިފައިވާ އެތައް ކަންތައްތަކެއް އޮވެ އެކަންކަންވަނީ ތަންފީޒު ނުކުރެވިފައެވެ. ވެރިކަމުގެ ބާރު މަސްހުނިވެ އެކެއްގެ އަތުގައި ހުރިހައި ބާރެއް އޮތުމުން ވެރިމީހާ އެއިންކަމެއް ތަންފީޒުނުކޮށް ހިފަހައްޓާފައި އޮތްއޮތުން ބަދަލުކޮށް މިއަދު މިވަނީ ދައުލަތުގެ ތިންބާރު ވަކިކޮށް ، މިއިން ބާރަކުން އަނެއް ބާރަށް ނުފޫޒު ނުހިންގޭނެ ގޮތް ހަދާފައެވެ. މިކަންއޮތީ ހަގީގަތުގައި ވެސް މިގޮތަށް ހެއްޔެވެ؟
ގާނޫނުއަސާސީގައި ބުނެފައިވާ ރިޔާސީ ނިޒާމާއި ޔުނިޓަރީ ދައުލަތް މާނަކުރުމުގައި އާންމު ސިފަތަކާއި ފުށުއަރާ އެތަކެއް ގާނޫނުތަކެއް ގާނޫނު އަސާސީގަޔާއި ހެދެމުންދާ ގާނޫނުތަކުން ފެންނަމުން ދާކަމީ އެންމެންވެސް ގަބޫލުކުރާ ކަމެކެވެ. މިސާލަކަށް ދިވެހި ކޮންމެ ރައްޔިތަކަށް ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އޮންނާނެ ކަމުގައި ލިޔެވިފައިވާއިރު ސިވިލްސާވިސްގެ މުއައްޒަފުންނަށް އެކަން މަގާމާއި ގުޅިގެން ހަނިކޮށްފައި އޮތުމުން ޝަރީއަތުންވަނީ ސިވިލްސާވިސް ގާނޫނުގެ އެމާއްދާ އުނިކޮށްފައެވެ. ނަމަވެސް ދައުލަތުގެ އެހެނިހެން ބައެއް މުއައްސަސާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ ގޮތަށް ހަމަޖައްސާފައި އެބައޮތެވެ. މިއީ އިންސާފު ކަމުގައި ދެކެވިދާނެ ހެއްޔެވެ؟ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަންކުރާން ޖެހޭ ކަމުގައި ބުނެ އުފެއްދި ކައުންސިލްތަކުން ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ކިތަންމެ ކަމެއް ކުރަމުން ގެންދާއިރު ޝަރުއީ ދާއިރާއިން އެކަންކަން ހިމާޔަތް ކޮށްދޭ ކަމުގައި ބައެއް ފަރާތްތަކުން ފާޅުގައި ބުނެއުޅެއެވެ. މިކަމުގައި ސުވާލު އުފެދޭގޮތައް އެކިކޯޓުން އެކިހުކުމް ކޮށްފައިވެސް އެބަހުއްޓެވެ. ދައުލަތުގެ ބިންބިމާ އިމާރާތްތަކުގެ މައްޗަށް ސަރުކާރުގެ ބާރުނުހިނގާކަން ޝަރީއަތުގެ ހުކުމްތަކުން ދައްކައިދީފައި އެބަހުއްޓެވެ.
ވެރިކަން ހިންގުމުގެ ބާރުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނުހަދާ މަޖިލީހުން ރުހުންނުދޭ ވަޒީރަކު ބެހެއްޓޭން ނެތުމުން ސަރުކާރުގެ ވުޒާރާތައް ހުސްކަމެއްގެ ތެރޭގައި ދުވަސްތައް ހޭދަކުރާން އެބަޖެހެއެވެ. ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ އެއްވެސް ވަޒީރަކަށް ރުހުންނުދީ ވެރިކަމުގެ ދައުރެއް ދުއްވާލުމުގެ ބާރު އެއޮތީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގައި ސްޕްރީމްކޯޓުން ކުރި ހުކުމުން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައެވެ. މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮންނަނަމަ ސަރުކާރަށް ދަތިކުރުމުގެ ގޮތުން އެމަޖިލީހުގެ ނުފޫޒުގެ ބޭނުން ކޮށްގެން ސަރުކާރު އިނދަޖައްސާލުމުގެ ބާރުއެއޮތީ މަޖިލީހަށް ލިބިދީފައެވެ. ވީއިރު އެއްބާރުން އަނެއް ބާރަށް ނުފޫޒު ނުހިންގޭނެ ކަމުގައި އެބުނާ ބުނުމަކީ ތާކުންތާކު ޖެހޭ ކަމެއް ކަމުގައި އެއްބަޔަކު ގަބޫލެއް ނުކުރެއެވެ. ރިޔާސީ ނިޒާމާ ކަނޑައެޅިގެން ފުށުއަރާ ކިތަންމެ ގާނޫނެއް ހުރިއިރު ޝަރުއީ ދާއިރާއިން އެކަންކަން ބަދަލުކުރާނެ ކަމުގެ އެއްވެސް ކޮޅެއް އަދި ނުދައްކާމެއެވެ. ފެނިހުރެ ސަރުކާރުގެ އަތުން އެތަކެއް ބާރުތަކެއް މިހާތަނަށްވެސް މަޖިލީހުން އަތުލަމުން ގެންގޮސްފައި ހުރިކަމީ އޮޅުމެއްނެތި އެނގޭންއޮތް ކަމެކެވެ. މިކަންކަމުގައި ޝަރުއީ ދާއިރާއިން އަބަދުވެސް މަޖިލީހާ އެއްކޮޅަށް ބަސްބުނަނީ އިންސާފުން ކަމުގައި ވީނަމަވެސް އެކަމަކީ ޝަރުއީ ދާއިރާއަށް މަޖިލީހުގެ ނުފޫޒު ބޮޑުކަމުން އެދާއިރާގެ އިސްފަރާތްތައް މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރުން މަޖުބޫރުވެގެން ނިންމާ ނިންމުން ތަކެއް ކަމުގައި ބަޔަކުބުނާ ބުނުމަކީވެސް ވިސްނާލަން ޖެހޭކަމެކެވެ.
ސަރުކާރު ހިންގުމުގެ ބާރަށް ރައްޔިތުންގެ ފަރާތްތަކުން ރައްދުކުރާ ބަސްތައް އަޑުއަހަން ހެއްޔެވެ؟ ބައެއްމީހުން ރައީސުލް ޖުމްހޫރިއްޔާއަށް ވަގަށް ގޮވަމުން ، މަސްތުވާ އެއްޗެތި ބޭނުންކުރާ ކަމުގެ އިލްޒާމު އަޅުވަމުން ދުވާއިރު ސާބިތެއްނެތި މިފަދަ ގޮވުންތައް ގޮވާއަޑު އަހާން ޝަރުއީ ދާއިރާ އެއޮންނަނީ ހިމޭނުންނެވެ. ނޫސްބަޔާންތައް ނުނެރެނީ ކީއްވެހެއްޔެވެ؟ އެކަމަކީ ގާނޫނުއަސާސީން އެކަންކުރާ މީހުންނަށް މިނިވަންކަން ދީފައި އޮތަތީ ކުރާކަމެއް ކަމުގައި މާނަކުރާތީ ހެއްޔެވެ؟ ގާނޫނީ އެއްވެސް ހަމައެއްނެތި ސަރުކާރު ވައްޓާލުމަށް ހިތްވަރުދެމުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދެމުން ދުވާ ކަމުގައި ބުނެއުޅޭ މީހުން ސަރުކާރުން ހިފެހެއްޓުމުން ޝަރުއީދާއިރާއިން އެމީހުން ދޫކޮށް ހަދަމުން ގެންދަނީ އެފަދަ ކަންކަން ކުރާން ހިތްވަރުލިބޭ ގޮތަށް ކަމުގައި ބުނެއުޅޭ މީހުން މަދެއް ނޫނެވެ. ސަރުކާރުގެ އެންމެއިސް ފަރާތަށް ނިސްބަތްކޮށް ނުކިޔާ އެއްޗެއް ގައިމުވެސް ނެތެވެ. އަދުލެއް އިންސާފެއް އޮތްނަމަ ނާޅުވާވަރުގެ އިލްޒާމުތައް އެބައަޅުވާ ކަމުގައި ބުނާން ޖެހެއެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމަޖިލީހުގެ ރައީސްގެ ބޮލުގައި އެހެރަ އަޅުވާ އިލްޒާމުތަކުގެ ދޮގުތެދު ބަލަނީ ކާކުހެއްޔެވެ؟ ރާއްޖޭގެ ގާނޫނުއަސާސީ ނެގެހެއްޓުމުގެ ބާރުއޮތީ ކާކަށް، ކޮންބަޔަކަށް ހެއްޔެވެ؟ ގާނޫނުއަސާސީ މާނަކުރަނީ ކާކުހެއްޔެވެ؟ އެކަންކުރާންޖެހޭ ފަރާތުން އެކަންނުކޮށް އިހުމާލުވުމުގެ ސަބަބުން މިއަދު މިރާއްޖޭގައި އެމީހަކު ހިތައްއެރި ގޮތަކަށް ގާނޫނުތައް މާނަކުރަމުން ގެންދާކަމުގައި ބުނެވެއެވެ. އެހެންނަމަ އެވާޖިބު ކޮނޑުއަޅައިގެންތިބި ބަޔަކު ކުށްވެރި ނުވާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟
އިދިކޮޅު ފަރާތްތަކުގެ މަސްލަހަތު އޮންނަ އިސްފަރާތްތަކުގެ ޝަރީއަތްތައް ހިންގަމުން ގެންދާއިރު ފާޅުކަން ބޮޑު ތަފާތުކުރުންތަކެއް އެބަހުރި ކަމުގައި އެބުނާމީހުން އެބުނަނީ ކީއްވެގެން ހެއްޔެވެ؟ ކުރީސަރުކާރުގައި ވީކަމުގައި ބުނާ ޚިޔާނާތްތަކާ ގުޅިގެން ޝަރީއަތަށް ހުށައެޅިފައިވާ ބައެއް ފަރާތްތަކުގެ ޝަރީއަތް އޮޅުންބޮޅުން ބޮޑުގޮތަކަށް އެދަނީ ، ނުވަތަ ލަސްވެ ، ދެމެމުން އެދަނީ އެމީހުންނަކީ ހަމަމިހާރުވެސް އިދިކޮޅު ފަރާތްތައްކަމުގައި ވާތީ ހެއްޔެވެ؟ ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލަ ޓެކްސްބިލްއަށް ވޯޓަށް އަހާންއޮތް ދުވަހު ކުއްލިއަކަށް ނިމިގެން ދިއުމަކީ ހަމަ އިއްތިފާގެއް ހެއްޔެވެ؟ މަޖިލީހުގެ ނާއިބުރައީސްގެ މައްސަލަ ކުރިޔަށް ދާއިރު ނޫސްވެރީންނަށް ނުވަދެވުމާ ޝަރީއަތް އޮންނަ ގަޑި އޮޅުވާލުމަކީވެސް އިއްތިފާގެއް ހެއްޔެވެ؟ ޗިޓުރައްދުނުވުމާ ، ރައްދުވާ ދުވަހެއް ވިއްޔާ ފަނޑިޔާރު ބަލިވުން، ނޫނީ ސަލާމުގައި ހުރުމަކީ ދެންހަމަ އިއްތިފާގުބާވައެވެ؟ ކުރީގެ ރައީސްގެ ކޮއްކޯފުޅަކަށް ވާނަމަ ކިތަންމެ ބޮޑު ޚިޔާނާތުގެ ތުހުމަތެއް ކުރެވުނަސް ޝަރީއަތް ލަސްކޮށް ކުރީގެ ވެރިމީހާ އަލުން ވެރިކަމަށް އަންނާނެ ދުވަހަކަށް ފަސްކޮށްފައި ބޭއްވުމުގެ ބާރު ޝަރުއީ ދާއިރާއަށް އޮންނާނެ ބާވައެވެ؟ މިފަދަ ކަންކަން ފާޅުކަން ބޮޑުގޮތެއްގައި ކުރަމުން ގެންދާއިރު ދިވެހި ދައުލަތުގެ ހުރިހައި ބާރެއްގެ މިލްކުވެރީން ކަމުގައި އެބުނާ ރައްޔިތުން މިއިން ކަމަކާ ފާޑެއް ކިޔައިފިނަމަ ޝަރުއީ ދާއިރާއިން ނޫސްބަޔާންތައް ނެރެ ، ރައްޔިތުން ބިރުގަންނުވައި ދުލުގައި ތަޅުއަޅުވާން އެމަސައްކަތް ކުރަނީ ކީއްވެގެން ބާވައެވެ؟ މިސުވާލުތަކުގެ ޖަވާބު ރައްޔިތުންނަށް ދޭންޖެހެއެވެ. ރައްޔިތުންނަށް ޖަވާބުދާރީވާން ނުޖެހޭ އެއްވެސް ބާރެއް މިދައުލަތުގައި އޮވެގެން ނުވާނެއެވެ. ވީއިރު މިފަދަ ސުވާލުތައް ރައްދުވާ ފަރާތަކުން ނުކުމެ ނިކަން ޖަވާބުދާރީ ވެބަލާށެވެ. އެހެންނޫނީ ރައްޔިތުން ނުކުމެ އެބަޔަކު ޖަވާބުދާރީ ކުރުވަން ޖެހިދާނެ ކަމުގައި ބުނާބަޔަކަށް ތިޔަދެވެނީ އިތުރު ހިތްވަރެއް ނޫންބާވައެވެ؟