ފުވައްމުލަކުގެ ތަރައްގީގެ ޙަރަކާތްތައް ބޫން ބޫން ލާފައި ކުރިޔަށް – ފުވައްމުލަކުގެ އަތޮޅުކައުންސިލް

ފަހަލަސަޢީދު

fuvahmulah-saarc-cricket-stadiumފުވައްމުލަކުގައި ހަދާ ސާރކް ކްރިކެޓް ސްޓޭޑިއަމް ހެދުމުގެ މަސައްކަތުގައި – ފޮޓޯ: ސަދަން ޔުޓިލިޓީސް

އައްޑޫސިޓީ އާ ފުވައް މުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކްސަމިޓާ ގުޅިގެން ފުވައްމުލަކުގެ ތަރައްގީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދާ ކަމަށް ފުވައްމުލަކު އަތޮޅުކައުންސިލްގެ ރައީސް ޙަސަންސަޢީދު ވިދާޅުވެއްޖެއެވެ.
ޙަސަންސަޢީދު ވިދާޅުވީ ފުވައް މުލަކުގެ ތަރައްގީ އަށް ސަރުކާރުން ކުރައްވަން ނިންމަވާފއިވާ ގިނަކަންތައް ތައް މިހާރު ފެށިގެން ކުރިއަށް އެބަދާކަމުގައެވެ.
އެގޮތުން ފުވައްމުލަކުގެ މަގުތައް ރަގަނޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ ދަށުން 2 ކިލޯމީޓަރުގެ މަގު އަންނަ ނޮވެމްބަރ 11 އަށް ނިމި ސާކުސަމިޓަށް ފަހު އިތުރުމަގުތައް ފައްޓާގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ފުވައްމުލަކުގެ ރައްޔިތުން އެންމެން އެދޭ ރަށުގެ ބަނދަރަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމުގެ މަސައްކަތް ވެސް ފެށިގެން ކުރިއަށްދާކަމުގައި ޙަސަންސަޢީދު ވިދާޅުވިއެވެ.
ބަނދަރު ތަރައްގީކުރުމުގެ މައްސައްކަތުގެ ދަށުން އިތުރު ޖެޓީއަކާ ނެރުތައް ބެއްދުމުގެ ސާވޭއެއް ވެސް ދަނީކުރެވެމުން ކަމަށް އަތޮޅު ކައުންސިލްގެ ރައީސް ސަޢީދު ވިދާޅުވިއެވެ.
ފުވައްމުލަކުގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހި ކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް އަމާޒުކުރެވިގެން ސަރުކާރުން އަޅުއްވާ 300 ހައުސިން ޔުނިޓްގެ ތެރެއިން 200 ހައުސިން ޔުނިޓް އެޅުމަށް ބިޑް ކާމިޔާބު ކުރި ޗައިނާ ކުންފުނީގެ އިންޖިނޭރުން މިހާރުވަނީ އަތޮޅުކައުންސިލާ އެކު ކުރަންޖެހޭ މަޝްވަރާ ތައް ފެށިފައެވެ.
އެގޮތުން ހައުސިންޔުނިޓް އަޅާނެ ސަރަޙައްދު ކަނޑައެޅުމާ، އެޔުނިޓްތަކުގެ ކުރެހުމާއި، ޔުނިޓް ގާއިމް ކުރުމުގެ އެއްބަސް ވުންތައް ކުރިއައް ދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ސާކްސަމިޓަށް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ވައިގެބަނދަރުގެ މަސައްކަތްވެސް މިހާރުވަނީ އެންމެފަހު މަރުޙަލާ ގައިކަމަށާ ނޮވެމްބަރ އެގާރަވަނަ ދުވަހަށް ފުވައްމުލަށް ވަރަށް ފުރިހަމައަށް ޒީނަތްތެރި ކުރެވި ސާކުސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ޢިއްޒަތްތެރިންގެ ޝަރަފުގައި ތަފާތު މުބާރާތްތަކާ ޖާފަތްތަކާއި، ޝޯތައް ބޭއްވުމުގެ ތައްޔާރީތަކާއި، ފަންކްޝަން ހޯލް ހެދުމުގެ މަސައްކަތާއި، މަގުތަކާ ފާރުތައް ރީތިކޮށް ކުލަބޮކިތަކުން މުޅިރަށާ މަގުތަށް ޒީނަތްތެރި ކުރެވެމުންދާ ކަންވެސް ޙަސަންސަޢީދު ފާހަގަ ކުރެއްވިއެވެ.
މުޅި ފުވައްމުލަށް އޮތީ ސާކް ގައުމުތަކުގެ ބޭފުޅުން ނަށް މަރުޙަބާ ދެންނެވުމަށް ތައްޔާރުވެފައިކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.