ރައީސުލްޖުމްހޫރިއްޔާ ހިރިޔާ ސްކޫލަށް ޒިޔާރަތް ކުރައްވައި އެސްކޫލްގެ ވެރިންނަށާއި މުދައްރިސުންނަށާއި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ތަޢުޒިޔާ ވިދާޅުވެއްޖެ

hep-hiriya

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހިރިޔާ ސްކޫލަށް މިއަދު ޒިޔާރަތް ކުރައްވައި، މިދިޔަ ހުކުރު ދުވަހު ހުރާގައި ހިނގި ހިތާމަވެރި ޙާދިޘާގައި ގެނބިގެން ނިޔާވި އެސްކޫލްގެ ޕްރިންސިޕަލްގެ ޢާއިލާއާއި، އެސްކޫލްގެ 4 ދަރިވަރުންގެ ޢާއިލާއާއި، އެސްކޫލްގެ ވެރިންނާއި، މުދައްރިސުންނާއި، އެސްކޫލްގެ ބޯޑާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން، ހިރިޔާ ސްކޫލަށް މިކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި، އެ ޢާއިލާތަކަށާއި، އެ ސްކޫލްގެ ވެރިންނަށާއި މުދައްރިސުންނަށާއި، ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުރާގައި ހިނގި ހިތާމަވެރި ހާދިސާފަދަ ހާދިސާއެއް، މުސްތަޤްބަލުގައި ދިމާނުވާނޭފަދަ ގޮތަކަށް ކަންކަން ރާވައި، އިމަރޖެންސީ ޙާލަތްތަކުގައި އަޅާނެ ފިޔަވަޅުތައް ކަނޑައެޅުއްވުމަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެދުވަހުގެ ހާދިސާ ހިނގަން މެދުވެރިވީ، ހުރިހާ ކަމެއްގެ އިންތިޒާމްތައް އެންމެ ފުރިހަމައަށް ހަމަޖެހިފައި ނެތުމުން ކަމުގައި ވިދާޅުވިއެވެ.
ހުރާގައި ނިޔާވި ކުދިންގެ ކްލާހުގެ އެހެން ދަރިވަރުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. އެދަރިވަރުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހުރާގައި ހިނގިފަދަ ކުއްލި ހާދިސާއެއް ދިމާވުމުން، ޢަމަލުކުރަންވީ ގޮތުގެ ފުރިހަމަ މަޢްލޫމާތު، ހުރިހާ ކުދިންނަށްވެސް ރަނގަޅަށް އަންގައިދިނުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެ ކްލާހުގެ ޓީޗަރުންނަށް ތަޢުޒިޔާ ވިދާޅުވެ، އެބޭފުޅުން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.
މިހާދިސާއާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ވެދެއްވި އެހީތެރިކަމަށްޓަކައި އެކްލާހުގެ ފަރާތުން ދަރިވަރަކު ޝުކުރު ދެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން، އެކުދިންނާ ބައްދަލުކުރެއްވީތީ، އެކަމަށްވެސް ޝުކުރު ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހިރިޔާ ސްކޫލަށް ވަޑައިގެންނެވިއިރު، އެސްކޫލްގައި ތިއްބެވި މާލޭގެ ސްކޫލްތަކުގެ އިސްވެރިންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްކޫލަކުން ރާވާ ކޮންމެ އިތުރު ޙަރަކާތެއްގައި، ސަލާމަތީ ގޮތުން އަޅަން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުއްވުމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވެވަޑައިގަތުމަށް ސްކޫލްތަކުގެ ވެރިންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި ސްކޫލުން ބާއްވާ އެކިއެކި ޙަރަކާތްތަކުގައި، ކަންކުރާނެ ގޮތާމެދު މިހާރު ހެދިފައި ހުރި ގަވާއިދުތައް އިތުރަށް ބައްލަވައި ފުރިހަމަ ކުރެއްވުމަށްވެސް އެދިވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ ހިރިޔާ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި، ހުރާގައި ހިނގި ހިތާމަވެރި ޙާދިޘާގައި ގެނބިގެން ނިޔާވި އެސްކޫލްގެ ޕްރިންސިޕަލަށާއި، އެސްކޫލްގެ 4 ދަރިވަރުންނަށް ޚާއްޞަކޮށްފައިވާ ތައުޒިޔާގެ ފޮތްތަކުގައި ލިޔުއްވިއެވެ.