ރައީސުލްޖުމްހޫރިއްޔާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސް މަންދޫބުންނާ ޖެނީވާގައި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސް މަންދޫބުންނާ ޖެނީވާގައި އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއިން އަދާކުރާ ދައުރާއި އަދި ނޮވެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު ދެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރޭގައި، އެމްނެސްޓީ އިންޓަރނޭޝަނަލް، ހިއުމަން ރައިޓްސް ވޮޗް، ކައިރޯ އިންސްޓިޓިއުޓް، އެސޯސިއޭޝަން ފޮރ ދަ ޕްރިވެންޝަން އޮފް ޓޯޗަރ އަދި އޭޝިޔާ ފޯރަމް އޮން ހިއުމަން ރައިޓްސް ހިމެނެއެވެ.
މިބައްދަލުކުރެއްވުމުގައި އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއިން އަދާކުރަމުން ގެންދާ ދައުރު، މި ޖަމާޢަތްތަކުގެ ވެރިން ފާހަގަކުރައްވައި، އެކަމަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭގޮތުން އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤްރީރަށް އެބޭފުޅުން ތަހުނިޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާ ކުރަން ޖެހިފައިވާކަން ފާހަގަކުރައްވައި، އެކަމަށް ކުރައްވަންޖެހޭ އިތުރު މަސައްކަތްތައް އެބަހުރި ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަ ކުރައްވައި، އިންސާނީ ޙައްޤުތަކުގެ އުޞޫލުތައް، މުޖްތަމަޢުގައި އިތުރަށް އަށަގެންނެވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މިދަތުރުފުޅުގައި ވަޑައިގަތީ، ތިން ޤައުމަކަށެވެ. އެއީ އިނގިރޭސިވިލާތަށާއި، ކެނެޑާއަށާއި، ސްވިޓްޒަރލަންޑަށެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގަތީ މިއަދު ހެނދުނުއެވެ.