ސަރުކާރަށް މަޖުބޫރުވެފައި އޮންނާނީ ޑިމޮކްރަސީއަށް ގޮވާލާ ފަރާތްތަކުގެ އަޑު އަހައި އެފަރާތްތަކުން ނިންމާ ގޮތަކާއިގެން ކުރިޔަށް ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep-nasheed2

ބައިނަލްއަޤްވާމީ މަސްރަހުގައި ޞުލްޙަމަސަލަސްކަން ޤާއިމްކުރުމުގައި، އެއީ ސަރުކާރުން ކިތަންމެ އެދޭ ނުވަތަ ނޭދޭ ކަމަކަށްވިޔަސް، ސަރުކާރަށް މަޖުބޫރުވެފައި އޮންނާނީ، ޑިމޮކްރަސީއަށް ގޮވާލާ ފަރާތްތަކުގެ އަޑު އަހައި، އެފަރާތްތަކުން ނިންމާ ގޮތަކާއިގެން ކުރިޔަށް ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާބެހޭގޮތުން އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމެއްގައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަމާން މާޙައުލެއްގައި، ސުލްޙަވެރިކަމާއެކު އެއްވެ، ޚިޔާލުފާޅުކުރުމުގެ ޙައްގު ބައިނަލްއަޤްވާމީ ނަޒަރަކުން ބަލައިގަންނަންޖެހޭނީ ޢާންމު ފަރާތްތަކުން މުޢާމަލާތު ކުރުމަށާއި، އެފަރާތްތަކުގެ މިނިވަންކަން ހޯދުމަށާއި، އެފަރާތްތަކަށް ހެޔޮބަދަލަށް މަގުފަހިކޮށްދޭ ފުރުސަތުތަކެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މެދުއިރުމަތީގެ ޤައުމުތައް ކަމުގައިވާ ޓިއުނީސިޔާ، މިޞްރު އަދި ލީބިޔާގައި މިނިވަންކަން ޤާއިމުކުރުމަށްޓަކައި، އެޤައުމުތަކުގައި އިދިކޮޅު ފަރާތްތަކުން ސާބިތުކަމާއެކު ކުރަމުންގެންދާ މަސައްކަތްތަކަކީ، އެކަމުގެ ސަބަބުން، އިންސާނީ ތާރީޚު އަބަދުގެ އަބަދަށް ބަދަލުވެގެންދާނެ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަހަރު ތެރޭގައި ބާއްވާފައިވާ މިފަދަ އެއްވުންތަކަކީ، ޒަމާނުއްސުރެ ސަރުކާރުގެ އެކި ފަރާތްތަކުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދޭ ވަސީލަތްތައް ހުއްޓުވުމަށްޓަކައި ކޮށްފައި ހުރި މަސައްކަތްތައް، ނާކާމިޔާބުވީކަން ދޭހަކޮށްދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރާ، އިޚްލާޞްތެރި، ވަފާތެރި އަދި ރައްޔިތުންނަށާއި ޤާނޫނަށާއި ދައުލަތަށް ކިޔަމަންތެރި ވެރީންނަށް ބޭނުންވާކަމަށް ވިދާޅުވަމުން، އާންމު ރައްޔިތުންގެ މަންފާގެ މައްޗަށް، އަމިއްލަ އެދުން ކުރިއަށް ނެރުމަށް މަސައްކަތް ކުރާ ފަރާތްތައް ކުށްވެރިކުރެއްވިއެވެ. މީގެއިތުރުން، ޢަރަބިލީގުންނާއި މުސްލިމުން ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑުއަހައި، ސުލްހަވެރިކަމާއެކު އެއްވެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.