މެންބަރުންގެ ޚިޔާލު: ކޮންމެ ކަމަކީ ސިޔާސީ ގޭމަކަށް ނުހަދާށެވެ!!!

ފުނަމާ

މިއަދު މިގައުމުގައި ހިނގައިދާ ކޮންމެ ކަމަކާމެދު ސިޔާސީ ވިސްނުމަކުން ވިސްނައި ކަންއޮންނާންވީގޮތް ނޫންގޮތަކަށް ފުރޮޅާލުމަށް މަސައްކަތް ކުރަމުން ގެންދާކަން އެންމެންވެސް ދަނެއެވެ. މިކަމަކީ ކޮންމެބަޔަކު ކޮންމެ ގޮތަކަށް ކުރާ ކަމެއް ކަމުގައި ވީނަމަވެސް މިކަމުން ގައުމަކަށް އަދި ކިއެއްތަ އެގޮތަށް ކަންކުރާންއުޅޭ ބަޔަކަށްވެސް ފައިދާއެއް ނުކުރާނެއެވެ. ނަމަވެސް ބަޔަކަށް ކުރާންވީ އަސަރުނޫން އެހެން އަސަރުތަކެއް ކުރުވިދާނެއެވެ.
އިންޑޮނޭޝިޔާގެ ސަރަހައްދަކަށް ރެކޯޑު ދަރަޖައެއްގެ ބިންހެލުމެއް އައިސް މުޅިމިސަރަހައްދުގެ ހުރިހައި ގައުމަކަށް ސުނާމީ ބިޔަރާޅުތައް އެރިކަން އަޅުގަނޑުމެން ދެނެހުރީމެވެ. ދިވެހިރާއްޖެއާއި ދެހާސް ފައްސަތޭކައެއްހާ ކިލޯމީޓަރު ދުރުގައި އޮތް މިސަރަހައްދަށް ބިންހެލުން އައިސް ސުނާމީ އުފެދި އޭގެ އެތައް ގަޑިއިރެއްގެ ފަހުން މުޅި ދިވެހިރާއްޖޭގެ މަދުރަށަކަށް މެނުވީ އެސުނާމީ އަރައި އެތައް ފުރާނަޔަކާއި އެތައްބައެއްގެ ދިރިއުޅުން ދޮވެވިގެން ދިޔައިރު ދިވެހި ރާއްޖޭގައި ސަރުކާރެއް ނެތީހެއްޔެވެ؟ ރައްޔިތުންނަށް އެކަމުގެ ޚަބަރު ނުދެވުނީ މީޑިޔާ ނެތީމާ ހެއްޔެވެ؟ މިފަދަ އެއްވެސް ސުވާލެއް އެކަކުވެސް އެދުވަހު ކުރިހެއްޔެވެ؟ ސަރުކާރުގެ އިހުމާލެއް އޮތްތޯ ބަލާލުމުގެ ހިތްވަރު އެދުވަހު ހުރިއެކަކުވެސް ހުރިބާވައެވެ؟
ކ.ހުރާގައި ދާދި މިދާކަށް ދުވަހު އެހިނގި ހިތާމަވެރި ހާދިސާ އަކީ މުޅިގައުމަށް ލިބިގެންދިޔަ ގެއްލުމެކެވެ. އެތަކެއް ބެލެނިވެރީންގެ ފޮނި އުންމީދުތަކަކާއި ގުޅިފައިވާ ލޮބުވެތި ދަރިވަރުން ތަކެއް ގެނބިގެން މިދުނިޔެ ދޫކުރިއިރު އެދަރިވަރުން ނިސްބަތްވާ ސްކޫލުގެ ޕްރިންސިޕަލް ވެސް އެވަނީ މިހާދިސާގައި މިދުނިޔެ ދޫކުރައްވާފައެވެ. ލޯބިލޯބި ތުއްތު ދަރިފުޅަކާއި އަނބިކަނބަލުންނާއި އާއިލާ ކަރުނައިން ލޯތެންމަމުން ގެންދިޔައިރު އެތަކެއް ބެލެނިވެރީންގެ ހިތްދަތި ގިސްލުންތަކުން މުޅިގައުމު އެދުވަހުދިޔައީ ގުގުމަމުންނެވެ. ވަކިމީހެއްނެތި އެންމެން މިހިތާމައިގައި ބައިވެރިވިއެވެ. ރާއްޖޭގެ ވަކި ޓީވީ ޗެނަލެއް ފިޔަވައި ދެންހުރި ޗެނަލުތަކުގެ ހުރިހައި ޕްރޮގްރާމެއް މެދުކަނޑާލައި މިހިތާމައިގައި އަމަލީ ގޮތުން ބައިވެރިވިއެވެ. ނަމަވެސް ވަކި ޓީވީ ޗެނަލަކުން މާބޮޑު ސަމާލުކަމެއް މިކަމަށް ނުދީ އެމީހުންގެ އިޝްތިހާރުތައް ފޮނުވަމުން އަދި ނުވިތާކަށް ހުރަޔަށްގޮސް އެރަށުގެ ބަޔަކަށް ކޮފީދީގެން މުޒާހަރާ ކުރެވޭތޯވެސް ބެލިއެވެ. އެދަރިވަރުން އެހިތާމަވެރި ވަގުތު އެތިބަގޮތް ވީޑިޔޯކޮށްގެންނާއި ފޮޓޯ ނަގައިގެން ވަގުތުން އެހެން މީހުންނަށް ފޮނުވުމަށް މަސައްކަތްކުރި ދެތިންމީހެއްގެ ފޯނު ފުލުހުންގެ މައުލޫމާތައްޓަކައި ހިފެހެއްޓުން އެއީ ބަހަނާއެއް ކަމުގައި ހަދައިގެން މިމައްސަލަ މިދިމާވި ހިތާމަވެރި ހާދިސާއަށްވުރެ ބޮޑުކުރެވޭތޯ އެޓީވީ ޗެނަލުގެ ހުރިހައި ފެންވަރެއްގެ މުއައްޒަފުން މަސައްކަތް ކުރިއެވެ.
ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ކަންކަން ކުރުމުގައި އެފަރާތަކާ ހަވާލުވެފައިވާ ޒިންމާއެއް އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރާން ޖެހޭނެއެވެ. ކަމަކާ ހަވާލުވެގެން ހުންނަ އެއްވެސް މީހެއްގެ އިހުމާލަކުން އެއްވެސް ކަމެއް ގޯހުން ގޯހަށް ގޮސްފިނަމަ އެމީހަކާމެދު ހަރުކަށި ގާނޫނީ ފިޔަވަޅު އަޅާން ޖެހޭނެވެސް މެއެވެ. ނަމަވެސް އެކަމެއް ކުރާންޖެހޭނީ ވަރަށް ރަނގަޅަށް އެކަމެއް ބެލުމަށް ފަހުގައެވެ. އަދި އެބަލާ ބަޔަކީ މިފަދަ ކަމެއް ބެލުމަށް އެންމެ ރަނގަޅު ފެންވަރުގެ ބަޔެއް ކަމުގައިވެސް ވާންޖެހޭނެއެވެ. މިސާލަކަށް ތިމާމެންނާއި ރައްޔިތުން ހަވާލުކުރި ވަޒީފާގެ ގޮތުން ހަދާންޖެހޭ އެންމެ ދެތިން ބިލެއްވެސް ހަދާލުމުގެ ގާބިލްކަމެއްނެތި ދައުލަތުގެ ބައިތުލްމާލު ހުސްކޮށް ނަގައިގެން އަންބޮނޑީގައި އެލުވައިގެން އުޅޭ ބަޔަކު ގައުމީ ބޮޑު މައްސަލައެއް ތަހުގީގުކުރަނީ ކަމުގައި ދައްކައިގެން ސިޔާސީ ގޭމެއް ކުޅޭން އުޅުނެއް ކަމަކު އެމީހުންގެ މަސައްކަތަކަށް ތާރީފު ކުރާނެ ބޯހަމަޖެހޭ މީހަކު ހުންނާނެ ކަމުގައި ދަންނަވާކަށް ހަމަ ނުކެރޭނެއެވެ.
ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ފީލްޑް ޓްރިޕްތަކަށް ގެންދިއުމުގައި އަމަލުކުރާންޖެހޭ ގަވާއިދުތަކެއް ވަނީ އެކުލަވާލާފައެވެ. އެގަވާއިދުތަކަށް ސްކޫލުތަކުން އަމަލުކުރޭތޯ ކަމާބެހޭ މިނިސްޓްރީންވެސް ބައްލަވައެވެ. މިފަދަ ދަތުރުތައްދަނީ އަލަކަށްވެސް ނޫނެވެ. ހިތާމަވެރި ހާދިސާއެއް ހާލަކުން ނުހިނގައޭ ދަންނަވާކަށް ނެތީމެވެ. ނަމަވެސް ވަރަށް މަދެވެ. ހިރިޔާ ސްކޫލުގެ މިދަތުރަކީ ސީދާ އެސްކޫލުގެ ހުރިހާ ކަމެއްގެ ޒިންމާ އުފުއްލެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި ސްކޫލުގެ ޕްރިންސިޕަލްގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގެވި ހަރަކާތެކެވެ. މިކަން ފެށުނީއްސުރެ މިހާދިސާގެ ތެރޭގައި އޭނާގެ ފުރާނަފުޅު ދާންދެން ހުރިހައި ކަމެއް ހިނގަމުންދިޔައީ އޭނާގެ ކުރިމަތީގައެވެ. އެންމެ ފަހުގެ ނޭވާ މިދުނިޔެއަށް ދޫކުރެއްވީވެސް ވާޖިބު އަދާކުރެއްވުމުގައި ނަމޫނާ ދައްކަވަމުންނެވެ.
ހާދިސާ ހިނގުމުން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ކުރެވުނު މަސައްކަތަށްވުރެ އަވަހަށް މުޅި ހުރާގެ ރައްޔިތުން ކުރެއްވީ ޝުކުރު ހައްގުވާ މިންވަރުގެ މަސައްކަތެކެވެ. އެދަރިވަރުން ސަލާމަތްކުރުމުގައި އެހީތެރިވެ ދިނުމަށް ހުރާގެ ފައިއިނދޭ ފުރައިން ތިބީ ނިކުމެ ހާދިސާ ހިނގި ތަނުގައި އެހީތެރިވާށެވެ. ނަމަވެސް ކަންނިމި ދިޔައީ އެފަރާތްތަކާ މުޅިގައުމު ރޮއްވާފައެވެ. ކަމާބެހޭ ފަރާތްތަކުން މިކަމުގައި ހަރަކާތްތެރިވެ ލެއްވި ގޮތާ އެފަރާތްތަކަށް ރަސްމީގޮތެއްގައި މިޚަބަރު ދެވުނު މިންވަރުގައި ސުވާލުތަކެއް އުފެދެއެވެ. ދައުލަތުގެ މަހުކަމާއަކަށް ލިބޭ މިފަދަ ޚަބަރުތައް ސައްޚަކޮށް ފިޔަވަޅު އެޅުމުގައި ގެންގުޅޭ އުސޫލުތަކަށް ބަލާއިރު ކަން ހިނގިތާ ސާޅީހަކަށް މިނެޓުފަހުން އެކަމަށް ހާދިސާ ހިނގިތަނުގައި ފުލުހުން ހަރަކާތްތެރިވިކަން އަންގައިދެނީ މަސައްކަތް ކުރެވުނުކަމެވެ. ހަމައެހެންމެ އެވަގުތުގައި ފޯސީޒަން ރެސޯޓުގެ މެނޭޖުމެންޓާއި ހުރާގެ ކައުންސިލުން ނެންގެވި އަވަސް ފިޔަވަޅަށް މުޅިގައުމު ޝުކުރުވެރިވާން ޖެހެއެވެ. ނަމަވެސް މިފަދަ ހާދިސާ އެއްގައި ކުރިމަތިވާނެ އެންމެ ހިތްދަތި އެތައްކަމެއް އެދުވަހު އެހިނގައި ދިޔައީއެވެ. ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާއެއް ނުހިނގާނެ ގޮތަށް އަޅާންޖެހެނީ ކޮންފިޔަވަޅުތަކެއްތޯ ބަލައި އިސްލާހުކުރާންޖެހޭ ގަވާއިދެއް ވާނަމަ އިސްލާހުކޮށް ވީއެންމެ އަވަހަކަށް ފިޔަވަޅު އެޅުއްވުމަށް ސަރުކާރަށް ގޮވާލަމެވެ. ހަމަ އެހެންމެ ސަރުކާރުން މިކަމުގައި މިހާތަނަށްވެސް އެޅުއްވި ފިޔަވަޅުތަކަށް އިޚުލާސްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި މިކަން އެހެން ގޮތަކަށް ފުރޮޅާލުމަށް މަސައްކަތް ކުރުމުގައި ހެލިފެލިވާ މީހުންގާތު ބުނާންއޮތީ “ތިކުޅޭ ގޭމުތައް ކުޅޭނެ ގޮތަކަށް ކުޅޭށެވެ. އެކަމަކު ގައުމީ މިފަދަ ކަންކަން ސިޔާސީ ގޭމަކަށް ހަދާން ނޫޅޭށެވެ.”