ކެންޔާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީ ފޮނުއްވައިފި

hep-nasheed1

ކެންޔާގެ ނައިރޯބީގައި ޕެޓްރޯލް ހޮޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ކެންޔާގެ ރައީސް މުވައި ކިބާކީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސް ކިބާކީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ކެންޔާގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، ރައީސް ކިބާކީއަށާއި އަދި މި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި އެދިވަޑައިގެންފައިވެއެވެ.