މޫސުން ތަންދޭ ނަމަ އެމްޑީޕީ އުތުރު ޕްރޮވިންސްގެ މިނީ ކޮންގްރެސް ބުރާސްފަތި ދުވަހުގެރޭ ބާއްވާނެ

އިބްރާހީމް ރާމިޒް

މޫސުން ތަންދޭ ނަމަ އެމްޑީޕީ އުތުރު ޕްރޮވިންސްގެ މިނީ ކޮންގްރެސް ބުރާސްފަތި ދުވަހުގެރޭ ބާއްވާނޭ ކަމަށް އެ ޕްރޮވިންސްގެ އެމްޑީޕީ ވަގުތީ ސްޕޯކްސްޕާސަން އިބްރާހީމް އާތިފް (ޕްރިންސް) ވިދާޅުވެއްޖެއެވެ.
މި އަދު އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން ޕްރިންސް ވިދާޅުވީ އެ ސަރަހައްދުގެ މިނީ ކޮންގްރެސް އަކީ އެ ޕްރޮވިންސް އިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުމުގައި އެ ޕްރޮވިންސްގެ ގޮފިތަކާއި، ދާއިރާތަކާއި، މުޅި ޕްރޮވިންސްގެ އެމްޑީޕީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕްރޮވިންސް ސެކްރެޓޭރިއަޓް ހުންނާނޭ ރަށަކާއި، ޕްރޮވިންސް ސެކްރެޓޭރިއަޓްގެ ހިންގާ ގަވައިދު އެކުލަވާލުން ހިމެނޭ ކަމަށެވެ.
މި އަންނަ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި މިނީ ކޮންގްރެސް ގައި އެ ޕްރޮވިންސްގެ ސެކްރެޓޭރިއަޓުން އިޢުލާންކޮށްފައިވާ 2 މަޤާމް ކަމަށްވާ ސެކްރެޓަރީ ޖެނެރަލް ކަމާއި، ސްޕޯކްސްޕާސަން ކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރުން ވެސް އޮންނާނޭ ކަމަށް ޕްރިންސް ވިދާޅުވިއެވެ.
މި ކޮންގްރެސް މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ރެއަށް ތާވަލުކޮށްފައިވާ ނަމަވެސް، މި ދުވަސްވަރު މޫސުން ދައްކާ ގޮތުން ކޮންގްރެސް ލަސްކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޕްރިންސް ވިދާޅުވިއެވެ.