ޤާނޫނު އަސާސީ މުނގުރާލާ ފުނޑުފުނޑުކޮށްލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަޙުމަދު ހަމްޒާ ވިދާޅުވެއްޖެ

8 ޖޫން 2010

hamza

މިހާރު މިއޮތް ޤާނޫނު އަސާސީއަކީ ރައްޔިތުންގެ މަޖިލީހަށް މާގިނަ ބާރު ދީފައިވާ ޤާނޫނު އަސާސީއެއް ކަމަށާއި އަދި މި ޤާނޫނު އަސާސީ މުނގުރާލާ ފުނޑުފުނޑުކޮށްލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަޙުމަދު ހަމްޒާ ވިދާޅުވެއްޖެއެވެ. ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީޣެ އާންމު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ހަމްޒާ ވިދާޅުވީ މިޤާނޫނު އަސާސީގައި ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުތައް ވަރަށް ބޮޑަށް ހަނިކުރެވިފައިވާ ކަމަށެވެ. އަދި 3 ބާރު ވަކިކުރެވިފައިވަނީ އެއްބާރު އަނެއްބާރަށް ޒިންމާދާރުކަމާއެކު ފާރަވެރިވުމަށް ކަމަށާއި، ނަމަވެސް މިހާރު މިފެންނަނީ ޤާނޫނު ހަދާ ބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހުން ވެރިކަން ހިންގުމުގެ ހުރިހާ ބާރުތަކެއް ނިގުޅައިގަތުމަށް މަސައްކަތްކުރާތަން ކަމުގައި ޙަމްޒާ ވިދާޅުވިއެވެ. ހަމްޒާ އިތުރަށް ވިދާޅުވީ 3 ބާރު ވަކިކޮށް އެ 3 ބާރުގެ ޒިންމާތަކާ މަސްއޫލިއްޔަތުތައް ޤާނޫނު އަސާސީގައި ކަނޑައެލި ބަޔާން ވެފއިވާ ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވެރިކަން ހިންގުމުގެ ބާރު ހަނިކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައެވެ. އެގޮތުން ރިޔާސީ ނިޒާމެއްގައި މިނިވަން މުޥައްސަސާތަކަށް މެންބަރުން އިސްކުރެއްވުމަށް ނަން ހުށަހަޅުއްވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވީ ނަމަވެސް، ރައީސަށް ޤާނޫނު އަސާސީން ލިބިދީފައި މިވާ ބާރު ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަމުންދާ ކަމުގައެވެ. މިކަމުގެ ހެއްކެއްގެ ގޮތުން ހަމްޒާ ދެއްކެވީ ދައުލަތުގެ މީޑިއާ އާ ސިވިލްސަރވިސް ކޮމިޝަން ފަދަ މުޥައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ ނަން ހުށަހެޅުއްވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ އަށް އޮތުމުގެ ބަދަލުގައި، ސީދާ ރައްޔިތުންގެ މަޖިލީހުން މިކަން ކުރަން އުޅުން ކަމުގައި ހަމްޒާ ވިދާޅުވިއެވެ. މީގެ އިތުރުން ސިފައިންގެ ވެރިން އިސްކުރުމާއި ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛް މުހަންމަދު ނަޝީދު ކުރެއްވި މަސައްކަތްވެސް ހަމްޒާ ކުށްވެރިކުރެއްވިއެވެ.