މޯލްޑިވްސް ލޭންޑް ސަރވޭ އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، އެ އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދާ ތަނެއްކަމަށް ހަމަޖައްސަވައިފިއެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އުފެއްދެވީ، ރާއްޖޭގެ ބިމާއި، ފަރާއި ފަޅު އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ދިރާސާކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުން ގެންދިއުމުގެ ސަބަބުން، ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތުތައް ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީ ކަމަށާއި، އަދި މިކަން ކުރުމަށް މިހާރު ބޭނުންކުރެވޭ ވަސީލަތްތައް އެއް މުއައްސަސާއެއްގެ ދަށަށް ބަދަލުކުރެއްވުމުން އެކަމުގެ ފައިދާ މިހާރަށްވުރެ ބޮޑަށް ރައްޔިތުންނާއި ސަރުކާރަށް ލިބިގެންދާނެތީއާއި، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި މިފަދަ މުއައްސާއެއް ޤާއިމު ކުރުމަށް ކަނޑައަޅުއްވާފައިވާތީއެވެ.
އަދި މި އިދާރާ އުފެއްދެވުމުގެ ބޭނުންތަކުގެ ތެރޭގައި، ދައުލަތުގެ އެންމެހައި ބިންތައް، ރައްޔިތުންނާއި ދައުލަތަށް އެންމެ ފައިދާހުރި ގޮތެއްގައި ބެލެހެއްޓުން ހަރުދަނާކުރުމާއި، ރާއްޖޭގައި ކުރެވޭ ކެޑެސްޓްރަލް ސާރވޭކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި، ނޭޝަނަލް ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ޤާއިމުކޮށް މަޢްލޫމާތު ބެލެހެއްޓުމާއި، ރާއްޖޭގެ ޗާޓު ކުރެހުމާއި، އެ ޗާޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުންފަދަ ގުޅުންހުރި މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި މުއައްސަސާއެއް ރާއްޖޭގައި ޤާއިމުކުރުމަށް ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.