އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްޠަފާ ލުތުފީގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

7 ޖޫން 2010

musthafa-luthufy-225-x-275

އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްޠަފާ ލުތުފީގެ އިތުބާރުނެތްކަމުގެ މައްސަލައެއް އިދިކޮޅު ޑީއާރުޕީ، ޕީއޭ އަދި އިތުރު 5 މެންބަރަކު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އިސްލާމް ދިވެހި އިޚްތިޔާރީ މާއްދާތަކަށް ހެދުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓަރު ގެންގުޅުއްވާކަމަށް ބުނެ އެމަނިކުފާނާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އެދިވަޑައިގެން ސޮއި ކުރައްވާފައިވާ، އިދިކޮޅު ޑީއާރުޕީގެ 3 މެންބަރުންނަކީ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކާއި، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤް ޙަސަން އެވެ. މި ލިޔުމުގައި ސޮއިކުރެއްވި ޕީއޭގެ 2 މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރާއި، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަމިއްލަ މެންބަރުންގެ ތެރެއިން މިލޔުމުގައި ސޮއިކުރެއްވި 4 މެންބަރުންނަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠޮލިބާއި، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއާއި، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އަދި ކުރެންދޫ ދާއިރާގެ މެންބަރު އަޙުމަދު މޫސާއެވެ. މީގެ އިތުރުން އެމްޑީޕީން ވަކިވުމަށް އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުއްވާފައިވާ ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލް ޙަމީދު ވެސް މިލޔުމުގައި ސޮއިކުރައްވާފައިވެއެވެ.
އޭޑިއުކޭޝަން މިނިސްޓްރީން އިސްލާމް، ދިވެހި އިޚްތިޔާރީ މާއްދާތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ ވިސްނުމެއް ގެންގުޅުނު ނަމަވެސް އަދި އެކަން އެގޮތަށް ހަމަޖައްސާފައެއް ނުވެއެވެ. އަދި ،ދިވެހިރާއްޖޭގައި ސާނަވީ ތަޢުލީމް ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބެނީ ވަރަށް މަދު ދަރިވަރަކަށެވެ.