މާރިޔާ ދީދީ ހައްދުންމައްޗަށް ވަޑައިގެންފި

އިބްރާހީމް ރާމިޒް

dhanbidhoo-02

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ، އިއްޔެ ހައްދުންމައްޗަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި އެއަތޮޅު ދަނބިދޫ، އިސްދޫ އަދި މާބައިދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި އެ ރަށްރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. މި ދަތުރުފުޅުގައި، އެކަމަނާވަނީ ލ.ދަނބިދޫ އެމްޑީޕީ އިދާރީ ޑެސްކް، “ފެނޭބާ” އިފްތިތާޙްކޮށްދެއްވައި، އިސްދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި އެކަމަނާގެ މި ދަތުރުފުޅުގައި ލ. މާބައިދޫ އުއްމީދު ގޮފީގެ އޮފީސް ވެސް ހުޅުއްވައިދެއްވިއެވެ.
މާރިޔާ ދީދީގެ މި ދަތުރުފުޅުގައި އިސްދޫ ދާއިރާގެ އެމްޑީޕީ ރައީސް އަދި މިނިސްޓަރ އޮފް ސްޓޭޓް، މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ، އުމަރު އަބްދުލް ރައްޒާގު (މަންނި) އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު ކަމާއި، އެމްޑީޕީގެ ޑައިރެކްޓަރ އޮފް ފޮރިން ރިލޭޝަންސްގެ މަގާމް އަދާކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޤަފޫރު އާއި، އެ ޕާޓީގެ ސްޕޯކްސްޕާސަން ފާތުމަތު ޝަހީދާ އާއި، އެމްޑީޕީ މާފަންނު ހުޅަނގު ދާއިރާގެ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރ މުޙައްމަދު ފަލާޙް އާއި، އެމްޑީޕީ މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް އިބްރާހީމް އަޙުމަދު (މާލިމީ) އާއި އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ ރައީސް ޙުސައިން ޝަހީމް އާއި އެޕާޓީގެ އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރު ނާޝިދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުގައި އެމްޑީޕީގެ ބައެއް ހަރަކާތްތައް ކުރިޔަށްދިޔަ ނަމަވެސް މި ދަތުރުފުޅަކީ އެކަމަނާގެ އަމިއްލަފުޅު ދަތުރެއް ކަމަށާއި، މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ވެސް ކުރައްވަނީ އެކަމަނާ އަމިއްލަފުޅު ޚަރަދުގައި ކަމަށް މި ވެބްސައިޓަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މި ވަފްދުގެ ބޭފުޅުން މިހާތަނަށް ވަނީ ލ.އިސްދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ އަދި މާވަށަށް ވަޑައިގެން އެރަށްރަށުގެ އެމްޑިޕީ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.