މި ހިތާމައިގައި މިއަދުން ފެށިގެން ދިވެހި ޤައުމީ ދިދަ 3 ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި
ކޭމްޕެއްގައި ކ. ހުރައަށް ދިޔަ ހިރިޔާ ސްކޫލުގެ ދަރިވަރުންގެ ތެރެއިން 4 ދަރިވަރަކާއި އެސްކޫލުގެ ޕްރިންސިޕަލް ޢަލީ ނާޒިމް މިއަދު ނިޔާވުމާ ގުޅިގެން، އެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ލަންޑަންގައި ހުންނަވައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވަނީ،
“ތަޖުރިބާގެ ކޭމްޕެއްގައި ކ. ހުރައަށް ދިޔަ ހިރިޔާ ސްކޫލުގެ 4 ދަރިވަރަކާއި އެސްކޫލުގެ ޕްރިންސިޕަލް ގެބިގެން ނިޔާވި ޚަބަރު އަޅުގަނޑު އެހީ ކުއްލި ހައިރާންކަމަކާއި ވަރަށް ފުން އަސަރާއި ހިތާމައާއެކުގައެވެ. އެހެންކަމުން، މި ހިތާމައިގައި އަޅުގަނޑު ބައިވެރިވެ އެ ޢާއިލާތަކަށް އަޅުގަނޑުގެ ނަމުގަޔާއި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. އަދި ނިޔާވި ދަރިވަރުންނާއި ޕްރިންސިޕަލްގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި އެ ޢާއިލާތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދިވެސް އަޅުގަނޑު ދުއާ ދަންނަވަމެވެ.
މި ޤައުމީ ހިތާމައިގައި މިއަދުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އަޅުގަނޑު ހަމަޖައްސައިފީމެވެ. އަދި އެސްކޫލްގެ ޕްރިންސިޕަލާއި މި 4 ދަރިވަރުންގެ ޖަނާޒާ ކަންތައް ނިމެންދެން އެމް.އެން.ބީ.ސީގެ ހުރިހާ ޗެނަލްތަކުން ކީރިތި ޤުރްއާން ފޮނުވުމަށްވެސް އަޅުގަނޑު ހަމަޖައްސައިފި ވާހަކަ ދެންނެވީމެވެ. ”
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނިޞްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވެސް ވަނީ ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް އެ ޕާޓީގެ ވެބްސައިޓް މެދުވެރިކޮށް ތަޢުޒިޔާ ފޮނުއްވާފައެވެ.