އައްޑޫސިޓީއާއި ފުވައްމުލަކުގައި ބޭއްވޭ ސާކް ފެސްޓިވަލުގެ ސަބަބުން މިރާއްޖެ އަލުން އަނބުރާ މުޅި ދުނިޔެއަށް ހުޅުވިގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep-nasheed

ސާކް ސަމިޓްގެ ދުވަސްވަރު އައްޑޫސިޓީއާއި ފުވައްމުލަކުގައި ވަރަށްބޮޑު ސާކް ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، މި ފެސްޓިވަލުގެ ސަބަބުން ރާއްޖެ އިތުރަށް ބޭރު ދުނިޔެއަށް ހުޅުވިގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން، މިފަހަރުގެ ސާކް ސަމިޓަށް ތައްޔާރުވަމުންދަނީ، މީގެކުރީގައި މިބާވަތުގެ ކަންކަމަށް ތައްޔާރުވަމުން އައި ގޮތަކަށް ނޫން ކަމަށާއި، މިސަމިޓާ ގުޅުވައިގެން، ސިޓީއަކަށް ބޭނުންވާ މައިގަނޑު ވަސީލަތްތައް، މި ދެއަތޮޅުގައި ޤާއިމްކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސާކް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި މިވަނީ ނޮވެމްބަރު 1 ން ފެށިގެން ނޮވެމްބަރ 13 އާ ދެމެދު ކަމާއި، މި މުއްދަތުގައި ކާނިވަލެއްގެ ގޮތުގައި، އެ ސަރަޙައްދުގައި ކަންކަން ހިންގުމަށް ސަރުކާރުން މިހާރުވަނީ މަސައްކަތްތައް ފަށްޓަވާފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެގޮތުން، މި ފެސްޓިވަލްގެ ތެރޭގައި، މަސްވެރިކަމުގެ ފެއަރއަކާއި، ދަނޑުވެރިކަމާއި ކާބޯތަކެތި ދައްކައިދޭ މަޢުރަޒަކާއި، މިއުޒިކާއި ޘަޤާފީ ކުޅިވަރުތައް ދައްކާލުން އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސާކް ފެއަރ ކުޅިވަރުތަކުގައި ބައިވެރިވުމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުރިހާ ރަށު ކައުންސިލަކަށް ޤައުމީ އިދާރާތައް މެދުވެރިކުރައްވައި އަންގަވާނެ ކަމަށާއި، ވީހާވެސް ގިނަ ރަށު ކައުންސިލަކުން މިކަމަށް އިޖާބަ ދެއްވުމަކީ ސަރުކާރުގެ ވަރަށްބޮޑު އެދިވަޑައިގަތުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަމިޓްގެ ކަންތައްތައް ރޭވިފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާ ގޮތާއި، ރާއްޖޭގައި ކުރެވެންހުރި ވިޔަފާރިތަކާއި، ރާއްޖެއިން ގަނެވެންހުރި ތަކެތި، ދުނިޔޭގެ ކިތަންމެ ބަޔަކަށް ފެނިގެންދާނެ ގޮތަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.