މެންބަރުންގެ ޚިޔާލު: ދެހާސްތޭރަ ކީއްކުރަން ދެހާސް އަށާރަވެސް މާޟީވެގެން ދާނީ އެމްޑީޕީއާ އިދިކޮޅަށް ދަނޑުގެ އަނެއްފަޅިން ކުޅޭނެ އެކަށީގެންވާ ޓީމެއް ނެތިކަން މިދަނީ ކަށަވަރު ވަމުންނެވެ.

ފުނަމާ

ދެފާދިރީންގެ ބޮޑުސޮލީބު ކަރުގައި އަޅައިގެން ތިރީސް އަހަރު މިރާއްޖޭގެ ރައްޔިތުންގެ މަސް ރޮލާކަމުން ގެންދިޔަ މީހާ ، ކުރީން އޭނާގެ ސަޕޯޓަރުން އެބުނިހެން ނުބައިހާ ރޮނގެއްގައި ޓްރެކް ރެކޯޑު ހެދި ބީދައިން މިއަދު އެގެންދަނީ ރާއްޖޭގެ ސިޔާސީ ވެށި ކިލަނބު ކުރުމުގެ ރެކޯޑުވެސް ހަދަމުންނެވެ.
ޕްރައިވެޓް ޕްރޮޕަޓީ އޮފް މޯލްޑިވްސް ނުވަތަ އޭނާގެ އަމިއްލަ ތަރިކަ ޕާޓީގެ ގޮތުގައި ބައެއްމީހުން އެބުނާ ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށައި ގަތުމާއެކު މުޅި ރާއްޖޭގައި ވެސް މިކަމުގެ ވާހަކަ އެކިމީހުން އެކިގޮތަށް އެދަނީ ދައްކަމުންނެވެ. މިކަމާ ގުޅުމެއް ނެތަސް އެމްޑީޕީން އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާއާއި ގުޅުވައިގެން އަމިއްލަ ދެޓީވީ ޗެނަލަކުން މާބޮޑަކަށް އެމްޑީޕީން އެބުނާ ޕާޓީއެއް ހަދާތީވެ ކަންބޮޑުވެ ބިރުންއުޅޭ ކަމުގައި އަޑުއަރުވަމުން ގެންދާތީ ހައިރާނެއް ނުވެއެވެ. އެބުނާ މީހަކަށް ވިކިފައިވާ ބަޔަކު މިކަހަލަ ވާހަކަ ދައްކާނެކަން މާކުރީންވެސް އެނގެއެވެ.
މިއަދުގެ ސިޔާސީ ހަގީގަތަށް ބަލާލާއިރު ރާއްޖޭގައި އޮތް އެންމެބޮޑު އިދިކޮޅު ޕާޓީ ރޫޅި ހީނަރުވެގެން ހިނގައްޖެނަމަ އެކަމަކީ ސިޔާސީ ގޮތުން ވެރިކަންކުރާ ޕާޓީން އުފާކޮށް ޕާޓީ ބާއްވާވަރުގެ ކަމަކަށްވެސް ވާނެކަމުގައި ބައެއްމީހުން ދުށުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިކަން މިހެންވީކަމުގެ އެއްވެސް އަސަރެއް ނުފެނުމުން ދެން އިދިކޮޅު ފަރާތްތަކާއި އެމީހުންގެ ޗެނެލްތަކުން ދައްކާނެ އެހެންވާހަކައެއް ނެތިގެން ރަނބަހަލުވާއަޑު މިދަނީ އިވެމުންނެވެ. މީގެ ކުޑަދުވަސްކޮޅެއް ކުރީން ރާއްޖޭގެ އެންމެބޮޑު އިދިކޮޅުޕާޓީގެ ލީޑަރާ ޒައީމާ ދެމެދު ހިނގި ހަށަވާދަ ކިޔުންތައް އެއީ އެޕާޓީގެ ޑިމޮކްރަސީ ވަރުގަދަކަމުން ހިނގާ އާދައިގެ ކަންކަން ކަމުގައި މިބުނާ ޗެނެލުތަކުގެ މީހުންއަރައި ރަކިވެ ތިބެގެން ކީއަޑުވެސް އަހަރެމެން އެހީމެވެ. މިހާރު މިފެންނަނީ އެބުނާ ޕާޓީގެ މޮޅު ޒަމާނީ ޑިމޮކްރަސީތާއެވެ. ގައިމުވެސް އެނގޭ އެއްޗަކީ ޑިމޮކްރަސީ ކިޔާންނޭނގޭ ބަޔަކަށް ޑިމޮކްރަސީއެއް ނޭނގޭނެކަމެވެ.
އެމްޑީޕީގެ އިސްފަރާތްތަކުގެ މެދުގައި ހުންނަ ޚިޔާލު ތަފާތުވުންތައް އެމީހުންދަންނަ ޑިމޮކްރަސީއާ އެއްގޮތް ކުރެވޭތޯވެސް އެޗެނަލުތަކުން ފިސާރި މަސައްކަތް ކުރެއެވެ. އެނގޭ ހަގީގަތަކީ އެމްޑީޕީގެ އިސްފަރާތް ތަކުގެ މެދުގައިވެސް ޚިޔާލު ތަފާތުވެ ބަހުގެ ހަމަލަތައް ދެވެމުންދާ ކަމެވެ. ނަމަވެސް އެމްޑީޕީއަކީ ޑިމޮކްރަސީ އަކީ ކޮންއެއްޗެއްކަން ދިވެހީންނަށް ބުނެދީ ތައާރަފުކުރެއްވި ގިނަ ޝަޚުސިއްޔަތުތަކެއް ހިމެނޭ ޕާޓީއެކެވެ. ޚިޔާލު ތަފާތުވުންތަކާ އެކުގައި އެންމެން އެއްއަމާޒަކަށް ދަތުރުކުރުމުގެ ގާބިލްކަން އެމްޑީޕީގެ ލީޑަރޝިޕާއި އެބޭފުޅުންގެ ކައިރިން އުނގެނިގެން މިތިބަ ފަންސާހަކަށްހާސް މެންބަރުންނަށް ވަރަށް ސާފުކޮށް އެނގެއެވެ. އަޅުގަނޑަކީ އެމްޑީޕީގެ ދެންތިބި މެންބަރުންނާއި އަޅާބަލާއިރު ވަކި ކާކުހެއްޔެވެ؟ ނަމަވެސް މިވެބްސައިޓުގައި ޚުދު މިޕާޓީގެ އެންމެއިސް ލީޑަރާއި ލީޑަރޝިޕުގައި ތިއްބަވާ ބޭފުޅުން ރުހިވަޑައި ނުގަންނަވާ ކިތަންމެ ޚިޔާލެއް ފާޅުކުރަމެވެ. އެކަން އެނގޭވެސް މެއެވެ. އެކަމަކު އަޅުގަނޑުގެ އަތުގައި ހިފާ ބަންނާކަށް އެބޭފުޅުން ނޫޅުއްވައެވެ. މިއީ އަޅުގަނޑުމެން ދަސްކޮށްގެން އުޅޭ ޑިމޮކްރަސީއެކެވެ. މިއެއް އަޅުގަނޑުމެންނަކަށް ނުއޮޅެއެވެ. އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރީން ތުންފަތުގައި ކުލަޖައްސައިގެން ހެސްކިޔާފައި މޭކަޕުކޮއްގެން އެއުޅޭ ދޮންގޮލާ އާއި ބެހޭގޮތުން އަޅުގަނޑު މިނިވަން ނޫހުގައި ލިޔުނު ލިޔުމަކާ ގުޅިގެން އެއިރުގެ އެމްޑީޕީގެ އިސްފަރާތްތަކުން އަޅުގަނޑަށް ހޫނުފެންވިއްސިއެވެ. އެއިރު އެދޮންގޮލާ އުޅެނީވެސް އަޅުގަނޑުމެންގައި މަތިންބައިން ޖެހިގެންނެވެ. ނަމަވެސް އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑުގެ ސިކުނޑިއަށް ފެންނަ އެއްޗެއް ލިޔެ ހާމަކުރާ މީހަކީމެވެ. އަދި މިހާތަނަށް ބުނިބަހެއް މަދުފަހަރެއްގެ މަތީން މެނުވީ ކަސިޔާރުވެގެން ނާންނަކަމުގެ ހިންހަމަ ޖެހުންވެސް އެބައޮތެވެ. ލިޔާމީހުން މަޅިއެރުވި ސަރުކާރަށްވެސް އަތުނުވެ މިނިވަންނޫސް ހުއްޓާލަންދެންވެސް މަސައްކަތް ކުރީމެވެ. ހައްގުބަސް ބުނާކަށް ލިޔެފާޅުކުރާކަށް ބިރެއް ޖެހިލުމެއް ދުވަހަކުވެސް ނުގެންގުޅެމެވެ. އެހެންކަމުން އިދިކޮޅު މީހުން އެމްޑީޕީގެ ބައެއް ފަރާތްތަކުން ތޮޅިލާއިރަށް އެދެން މާބޮޑު ކަމަކަށް ހެދިޔަސް އަޅުގަނޑުމެންނަކަށް އެކަމެއް ބޮޑެއްވެސް ، އަލެއްވެސް ނޫނެވެ.
ރާއްޖޭގެ ސިޔާސީ ވެށީގައި މިއަދާ ހަމަޔަށް އެމްޑީޕީއާއި ވާދަކުރެވޭނެ އެއްވެސް ބަޔަކު އަދި ފެންނާކަށް ނެތެވެ. މިކަން އެންމެންވެސް ދަނެއެވެ. ނަމަވެސް ޑީއާރުޕީ އެކި ރޮނގުތަކުގައި ކުރިއަރަމުން އަންނަ އައުމާމެދު އަޅުގަނޑުމެން އައީ އުފާކުރަމުންނެވެ. އެހެނީ ވާދަވެރި އިދިކޮޅު ޕާޓީއަކާ ނުލައި އަޅުގަނޑުމެން މިއުފެއްދި ޑިމޮކްރަސީ ހަރުދަނާވެ ކުރިއަރައިގެން ނުދާނެކަން އަޅުގަނޑުމެން ދަންނަމުއެވެ. އަދި އަލުގަނޑުމެންގެ އަގު އެންމެ ބޮޑުވާނީވެސް އިދިކޮޅު ވަރުގަދަ ޕާޓީއަކާ އަބަދުވެސް ވާދަކުރެވިގެންކަން އަޅުގަނޑުމެން ދަންނަމެވެ. މަރުވެފައިވާ ކާޅެއްގެ ހަސްފަސް ނެތިފައިވާ ކަށިކޮޅެއްގެ މައްޗަށް މަޑިޔަށް ޖެހުމަކީ އަޅުގަނޑުމެން ކުރާހިތްވާ ކަމެއް ނޫނެވެ. އަޅުގަނޑުމެން ނުކުމެ ވެރިކަމުން ދަމާބޭލި މީހަކު އޭނާގެ އުނގުގައި ބައިންދައިގެން ގެންގުޅުނު ޅަކުއްޖެއްގެ އަތުންވެސް ބޮނޑިބޮއެގެން ނުކުމެ ތިންހާސްމީހުން ހަމަނުވެގެން ކޮމްޕިއުޓަރ ކޯހުގައި ބައިވެރިވާ މީހުންގެ ނަމުގައި ވަގަށް ފޯމުފުރައިގެން އަމިއްލަ ޕާޓީ ނޭވާހޮޅިޔަށް ނޭޅިވޭތޯ މަސައްކަތްކުރާ ، ކުޑަހޮއްކޮއާއި ބައިވެރިވެގެން ކޮސްތަޅާން އުޅުމަކީ އަޅުގަނޑުމެން އެމީހުންދެކެ ޖެހިލުންވާނެ ކަމެއް ކަމުގައި ބުނާބަޔެއްގެ ސިކުނޑި ސަލާމަތުން އެބަހުރި ބާވައޭ ؟ އަހާލަން ޖެހެއެވެ.
އެކަމަކު ހަމަފިސާރި ތެދެއް ބުނަން ހެއްޔެވެ؟ މިއަދު ކާފަ އެއުޅޭގޮތުން މިގައުމުގައި މިއޮތް ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް އެމްޑީޕީން މިކުރާ މަސައްކަތް އޮޅުން ބޮޅުންވެ ، މިގައުމުގައި އޮތް ސިޔާސީގޮތުން އެންމެ ވާދަވެރި އިދިކޮޅު ޕާޓީގައި ރެނދުއަޅައި ހިނގައި ދާނެތީވެ އެމްޑީޕީގެ ކޮންމެ މެންބަރަކުވެސް ކަންބޮޑުވެ ބިރުގަނެއެވެ. މިހާރު މިފެންނަ މަންޒަރާ އިވޭ އަޑުތަކުން އެބުނާ ދެހާސް ތޭރައިގައި އޮންނަ އިންތިޚާބުގެ އަޑަށްވުރެ އަދިވެސް ގަދަވާނީ އިދިކޮޅުމީހުންގެ އަރާރުމުގެ އަޑުކަން ގަބޫލުކުރާން ޖެހެއެވެ. އެމީހުން އެމީހުންނާ އަރާރުންވެ ޒުވާބުދީދީ ތިއްބައި ދެހާސްތޭރަ ކީއްކުރަން ދެހާސް އަށާރަވެސް މާޟީވެގެން ދާނީ އަހަރެމެންނާއި އިދިކޮޅަށް ދަނޑުގެ އަނެއްފަޅިން ކުޅޭނެ އެކަށީގެންވާ ޓީމެއް ނެތިކަން މިދަނީ ކަށަވަރު ވަމުންނެވެ. މިހެންވެ އެމްޑީޕީގެ މެންބަރުން ހަމައެކަނި ކަންބޮޑުވެ ބިރުގަންނަނީކީވެސް ނޫނެވެ. ހިތާމަވެސް ކުރެއެވެ.