7 ޖޫން 2010
މުޅިއެޑިއުކޭޝަން ސެކްޓަރ ކޯޕަރަޓައިސްކޮށްގެން ހިންގަވަން ޤަޞްދުނުކުރައްވާ ކަމަށާއި، ތަޢުލީމީ ދާއިޜާގެ ކޮންމެ ކަމެއް ކުރުމުގައިވެސް ބައްލަވަނީ ދަރިވަރަށް އެންމެ ފައިދާބޮޑީ ކޮންގޮތެއްތޯ ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 2 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އެޑިއުކޭޝަން ކޯޕަރޭޝަނެއް އުފައްދަވަން ޤަޞްދުކުރައްވަންތޯ މާވަށުދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޑރ.މުސްތަފާ ލުތުފީ ވިދާޅުވީ ތަޢުލީމީ ދާއިރާގެ ކަންތައް ހިންގަންވީ ގޮތް އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯގައިވާ ކަމަށާއި، އަދި ސްޓްރެޓެޖިކް ޕްލޭންގައިވެސްވާ ކަމުގައެވެ. އަދި އެތަކެތީގައިވާ ފަދައިން ކުދިންނަށް ފެންވަރު ރަގަޅު ތަޢްލީމެއް ފޯރުކޮށްދެވެނީ އަމިއްލަ ފަރާތްތަކާއި ގުޅިގެން ކަމަށް ވަންޏާ އެގޮތަށް ޢަމަލުކުރައްވާނޭ ކަމުގައެވެ.
” ގާތްގަނޑަކަށް ދައުލަތުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން މިހިންގާ މަސައްކަތުގައި އަޅުގަނޑުމެން އަބަދުވެސް މިބަލަނީ ކުއްޖާއަށް ހެވީ ކޮންގޮތެއްތޯ. އަޅުގަނޑުމެންގެ ކޮންމެ ނިންމުމެއްގެ މައިގަނޑު ސުވާލަކީ ކުއްޖާއަށް ރަގަޅީ ކޮންގޮތެއްތޯ.” ޑރ.މުސްތަފާ ލުތުފީ ވިދާޅުވިއެވެ. ” ކުއްޖާއަށް އެންމެ ފައިދާ ބޮޑީ، ކުއްޖާއަށް އެންމެ ރަގަޅީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕުން އެކަމެއް ގެންގޮސްގެން ކަމަށްވާނަމަ އެކަންކުރަން އެއޮތީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެކަން.”
އެޑިއުކޭޝަން މިނިސްޓަރު އިތުރަށް ވިދާޅުވީ މަތީ ސާނަވީ ތަޢުލީމާ ހަމަޔަށް ދިއުމުގެ ފުރުޞަތު ނުލިބޭ ކުދިންނަށް އެކުދިންގެ އުމުރު ނަގާނުލައި އެކި ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގައެވެ. އެޑިއުކޭޝަން މިނިސްޓަރާ އިތުރަށް ސުވާލުކުރައްވަން ހުޅުވާލި ފުރުސަތުގައި 8 މެންބަރަކު ސުވާލުކުރައްވާފައިވެއެވެ. އޭގެތެރޭގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާއި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދާއި، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.