އެމްޑީޕީއާ އާދަޔާ ޚިލާފް ގިނަ އަދަދަކަށް މެންބަރުން ގުޅެން ފަށައިފި

އިބްރާހީމް ރާމިޒް

އެމްޑީޕީއާ އާދަޔާ ޚިލާފް ގިނަ އަދަދަކަށް މެންބަރުން ގުޅެން ފަށައިފި ކަމަށާއި، އަންނަ އާދީއްތަ ދުވަހު ގިނަ އަދަދެއްގެ މެންބަރޝިޕް ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނޭ ކަމަށް އެ ޕާޓީގެ ސެކްރެޓޭރިއަޓުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި މިހާރު ވެސް 47701 ހިމެނިފައިވާއިރު، އެ ކޮމިޝަނުގެ ޕެންޑިންގ ގައި އެމްޑީޕީން ހުށަހަޅާފައިވާ 400 ފޯމު ވާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
ޕީޕީއެމް ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި އެމްޑީޕީއަށް މިހާ ގިނަ ޢަދަދެއްގެ ބަޔަކު ވަންނަމުން މިދަނީ އިދިކޮޅު ފަރާތްތަކުން ވެރިކަމާ ތޮޅުން ނޫން އެހެން ކަމަކަށް ސަމާލުކަން ނުދޭތީ ކަމަށް ވުން އެކަށީގެންވާ ކަމަށާއި، ޑީއާރުޕީ ބައިބައިވުމުގެ ސަބަބުން އެ ޕާޓީގެ މެންބަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެ ގޮތް ހުސްވެފައި ކަމަށް އެމްޑީޕީން ބުނެއެވެ.
މިއަންނަ އާދީއްތަ ދުވަހަކީ މިފަހަކަށް އައިސް އެމްޑީޕީން އެއްފަހަރާ އެންމެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ އެއް ދުވަހެވެ.