އެމްޑީޕީގެ ޚާއްސަ ޖަލްސާ ދެއްކި ގަޑީގައި ފުނަދޫ އިން ކަރަންޓް ކަނޑާލުމުގެ ސަބަބުން ހަމަނުޖެހުން ހިނގައިފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޚާއްސަ ޖަލްސާ ދެއްކި ގަޑީގައި ށ. ފުނަދޫ އިން ކަރަންޓް ކަނޑާލުމުގެ ސަބަބުން އެރަށުގައި ހަމަނުޖެހުން ހިނގައިފިއެވެ.
އަންގާރަ ދުވަހުގެރޭ އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ ޖަލްސާ ދައްކަމުން ދިޔަ ވަގުތު އެންމެ ފުރަތަމަ އެރަށުން ކަނޑާލީ އެމްއެންބީސީ ވަން ގެ ސިގްނަލް ކަމަށާއި، އެ ސިގްނަލް ކަމަށާއި، ސިގްނަލް ކަނޑާލުމަށް ފަހު ކޭބަލް ޓީވީ މެދުވެރިކޮށް އެ ރަށުގެ އެމްޑީޕީ ސަޕޯޓަރުން އެ ޖަލްސާ ބަލަމުން ދަނިކޮށް، ކޭބަލް ޓީވީ ކޮންޓްރޯލް ސެންޓަރ ހުންނަ ސަރަހައްދުން ކަރަންޓް ކަނޑާލީ ކަމަށް އެމްޑީޕީ ފުނަދޫ ދާއިރާގެ ނައިބު ރައީސް ޙަސަން ޒަރީރު ވިދާޅުވިއެވެ.
” އަޅުގަނޑު ޖަލްސާ ބަލަން އިންދާ ކަރަންޓް ކަނޑާލީމަ އަޅުގަނޑު މިދިޔައީ އިންޖީނުގެ ކައިރިއަށް، އޭރު ގިނަ އަދަދެއްގެ ޒުވާނުން ވެސް އެތަނަށް އެއްވެ ތިބި. އޭރު އިންޖީނުގެ ތެރޭގައި އެތަނުގެ މެނޭޖަރު އިސްމާއިލް އާ ކައުންސިލް މެންބަރު އަދުރޭ އާ ދެ މީހުން ތިބެގެން ކަރަންޓް ކަނޑާލާފަ ޖައްސާފަ މިގޮތަށް މި ހަދަނީ. އަޅުގަނޑު ދެންނެވިން ކިހިނެއްހޭ ތި ހަދަނީ. ޖަލްސާ ދައްކާތީ ހަޖަމްނުކުރެވުނީދޯ އޭ. ދެންނެވީމަ އަދުރޭ ވިދާޅުވީ ހަމަ ގަސްދުގައޭ ކަނޑާލީ. ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެ އޭ. އޭނަ އެހެން ވިދާޅުވީމަ އެތާތިބި ޒުވާނުންނާ އެ މީހުންނާ ވަރަށް ހޫނުކޮށް ޒުވާބުކޮށް ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ވެސް ހިނގި.” ޙަސަން ޒަރީރު ވިދާޅުވިއެވެ.
ރައްޔިތުންގެ އިންޖީނުގެއެއް ހިންގަމުންދާ ފުނަދޫ އަކީ ސައްތައިން ސައްތަ ޑީއާރުޕީ ކައުންސިލެއް އޮންނަ ރަށެކެވެ. އަދި އެރަށުގެ 70 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އިދިކޮޅު ފަރާތްތަކަށް ތާޢީދުކުރާ މީހުންނެވެ.