އެމްޑީޕީގެ ގާނޫނީ ވަކީލުންނާ އެޕާޓީން ބައްދަލުކޮށްފި

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިޞްބަތްވާ ގާނޫނީ ވަކީލުންނާ އެ ޕާޓީގެ ލީޑަރޝިޕުން މިއަދު ބައްދަލުކޮށްފިއެވެ.
އެމްޑީޕީގެ މައި އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އެޕާޓީގެ ގާނޫނީ ބޭފުޅުންގެ ދައުރު ވިހާ ވެސް ބޮޑަށް ފުޅާކުރުމަށް އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ގާނޫނީ ވަކީލުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އެގޮތުން ޕާޓީގެ އެކްޓިވިސްޓުންނާއި، ޕާލަމެންޓްރީ ގްރޫޕް މެންބަރުންގެ ވަރަށް ހަރަކާތެރިކަން ފާހަގަކުރައްވަމުން އެ ޕާޓީއަށް ގާނޫނީ ލަފާ ބޭނުންވާ ކަންކަމާއި، އެ ޕާޓީގެ ސިޔާސަތު ދިފާޢުކޮށް މީޑިއާ މެދުވެރިކޮށް އާންމުންނަށް ވީހާވެސް ބޮޑަށް މަޢުލޫމާތުދެއްވުމަށް މޫސަ އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގާނޫނީ ވަކީލުން ދެއްކެވި ވާހަކައިގައި، އެމްޑީޕީން އެ ބޭފުޅުންގެ ބޭނުން ވީހާވެސް ބޮޑަށް ހިފުމަށާއި، އެމްޑީޕީން ގޮވާލި ކޮންމެ ކަމަކަށް ގާނޫނީ ލަފާދިނުމާއި، އެމްޑީޕީގެ ސިޔާސަތު ދިފާޢުކުރެއްވުމާއި، އެ ސިޔާސަތުތަކާއި ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ތައްޔާރަށް ތިއްބަވާނޭ ކަމަށް ވިދާޅުވިއެވެ.
މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވިއިރު، އެ ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) ގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.