މެންބަރުންގެ ޚިޔާލު: ކޮންމެވެސް ކޮންމެވެސް ޝަރުއީ ދާއިރާއަށް ފާޑުވިދާޅު ނުވާށެވެ.

ފުނަމާ

މީގެ ދުވަސްކޮޅެއް ކުރީން ވަގުތީ ބޮޑުފަނޑިޔާރު ތިމަންނާމެން މިހާރު މިތިބީ ދާއިމީވެފަޔޭ ގޮވައި ތިމަންނަމެން ކުރާ ކޮންމެ ހުކުމަކަށް ދިވެހީން ޖެހޭނީ ތަބާވާން ކަމުގައި ގޮވީމައި މަޖުބޫރުވެގެން ކޯޓުގައި ތަޅުއެޅުވީމައިވެސް ގޯސްވީ އެކަން ކުރި ބައެއްކަން އެނގި ވަޑައި ގަންނަވާނެއެވެ. މިއީ ރާއްޖޭގައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު އެބޭފުޅުން މާނަ ކުރައްވާ ގޮތެވެ. މިއިންކަމަކާ އެއްވެސް ރައްޔިތަކު ބަހެއް ބުނުމަކީ އެބޭފުޅުން ވިދާޅުވާ ގޮތުގައި އެބޭފުޅުން ގާނޫނުން އެހޯއްދަވައިގެން އުޅުއްވާ އިއްޒަތާ ކަރާމަތާ ލިބިފައިނުވާ ނިކަމެތި ދިވެހި އެއްވެސް ރައްޔިތަކަށް ކުރެވިގެން ވާނެ ކަމެއް ނޫނެވެ. އެބޭފުޅުންނަކީ މިގައުމުގެ އެހެން ރައްޔިތުންނަށްވުރެ މާބޮޑު ގަދަރަކާ އިހުތިރާމަކާ ހުރުމަތެއް މިލްކުކުރައްވައިގެން ތިއްބެވި ރައްޔިތުންގެ ބަހެއް އެބޭފުޅުންގެ މައްޗަށް އަމުދުން ނުވިކޭނެ ބައެއް ކަމުގައި ވާތީވެ ކޮންމެސް ކޮންމެސް އޮޅިގެންވެސް ޝަރުއީ ދާއިރާގެ ބޭފުޅުންނަށް ފާޑެއް ވިދާޅު ނުވައްޗެވެ.
ދިވެހި ރާއްޖޭގެ އެންމެ މަތީ ބާރަކީ ދިވެހި ރައްޔިތުން ކަމުގައި ގާނޫނުގައި ކިތަންމެ ފަލައަކުރަކުން ލިޔެފައި އޮތަސް ޝަރުއީ ދާއިރާގައި ހިމެނޭ އެއްވެސް ބޭފުޅަކީ އެރައްޔިތުންނާ އަރާ އަރަފޯދިގެން ވާވަރަށްވުރެ މާބޮޑު ގަދަރަކާ އިހުތިރާމެއް ލިބިވަޑައިގެން ތިއްބަވާ އެބޭފުޅުން ހިތުހުރިގޮތެއް ދިވެހި ރައްޔިތުންނަށާ ދައުލަތުގެ ދެންހުރި ބާރުތަކަށްވެސް ހައްދަވާ ލެއްވޭވަރުގެ ބައެއް ކަމުގައި އެބޭފުޅުން ދެކިވަޑައި ގަންނަވާތީވެ އެގޮތުން އެއިރަކު ހިތްޕުޅަށް އެރިގޮތަކަށް އެބޭފުޅުން ކަނކުރެއްވިޔަސް ދިވެހި އެންމެހައި ނިކަމެތި ރައްޔިތުން ތިބެންޖެހޭނީ ޗުއްޕުވެސް ނުބުނެ ހިމޭނުން ކަމުގައި ވާތީވެ ކޮންމެސް ކޮންމެސް މިފަދަ ކަމެއް ހިނގިޔަސް ޝަރުއީ ދާއިރާއަށް ފާޑުވިދާޅު ނުވައްޗެވެ.
ކަނޑައެޅިގެން ރޯމާދުވާލު ފެންނާންހުންނަ ހެކިތަކާ އެކުވެސް އެބޭފުޅުންގެ ހިތްޕުޅާ ހަމަކުރައްވާ މީހަކާ ގުޅޭގޮތުން ހުށައެޅޭ އެއްވެސް މައްސަލަ އަކީ ކާފީ ހެކިނެތިގެންނޭ ކިޔާފައި ބޭރުކޮށްލާ މައްސަލަ ކަމުގައި ވީނަމަވެސް ، އަދި މިހެން ދޫކޮށްލާ ޝަރީއަތައް ފެނިލައްވާ މައުސޫމު ބައެއް ބޭފުޅުން ސައްވީސް ގަޑިއިރުގެ ތެރޭގައި ދެތިން މީހުން މަރާލިޔަސް އެއަކީ ދެންމާބޮޑު ކަމެއް ނޫނެވެ. އެފަދަ ކަމެއް ހިނގިޔަސް ކޮންމެސް ކޮންމެސް ޝަރުއީ ދާއިރާއަށް ފާޑުވިދާޅު ނުވައްޗެވެ.
ދިވެހި ރާއްޖޭގައި ކުރެވެނީ އިސްލާމީ ޝަރީއަތޭ ބުނެފައި އެކުރާ ޝަރީއަތް ތަކަކީ އަދުލާ އިންސާފުގެ ކުލަވެސްނެތް ޝަރީއަތް ތަކެކޭ ބަޔަކު ކިތަންމެ ވަރަކަށް ބުންޏަސް ، އަދި ނިޔާ ކަނޑައަޅަން ގަސްދުގައި އަމިއްލަ އުފަންދުވަސް އޮޅުވާލާ މީހުންނާއި ބޮޑެތި ފާހިޝު އަމަލުތައް ހިންގާފައިވާ މީހުން ވެޑުވިޔަސް ، ނަމަނަމަ އެކަމާވެސް ފާޑެއް ވިދާޅުނުވައްޗެވެ. ޝަރުއީ ދާއިރާއަކީ މާބޮޑު ހުރުމަތެއް ލިބިފައިވާ ދާއިރާ އެއް ކަމުން ދިވެހި އެއްވެސް ރައްޔިތަކަށް އެދާއިރާއަށް ފާޑުކިޔިގެން ނުވާނެއެވެ.
ގުރުއާނާއި ސުންނަތުން ހެކިދައްކައި ކުރީގައި މާއޮޑު ޒަމާނެއްގައި މީހުން އެކީހެން ދެގާޒީންކުރެ އެއްގާޒީ ނަރަކަޔަށޭ ބުނިމީހަކުވެސް މިއަދު ހިމެނޭނީ އެންމެ ބޮޑެތި ކުށްވެރީންގެ ގިންތީގައެވެ. އެހެނީ ރާއްޖޭގައި މިހާރު ޝަރީއަތް ކުރައްވާކަށް އިސްވެދިޔަ އަދި ފަސްވެދިޔަ ފާފަތައް ފުއްސެވިގެންވާ ބޭކަލަކު މެނުވީ ނުހުންނާނެއެވެ. އަދި އެބޭފުޅުންގެ ހިތްޕުޅު ތަކަކީ މަލާއިކަތުންގެ ހިތްޕުޅުތައްފަދަ ތޯހިރު ދެފުށް ފެންނަ އެއްޗެއް ކަމުގައި އެބޭފުޅުން އެއުޅުއްވަނީ ކަނޑަ އަޅުއްވައިގެންނެވެ. އެހެންވެ މިފަދަ ބޭފުޅުންތަކެއްގެ ހުރުމަތް ކެނޑޭފަދަ އެންމެ ބަހެއް ބުނުމީވެސް ފާފަވެރިވާ ފަދަ ކަމެއް ކަމުގައި ނިންމަވާށެވެ. ކޮންމެސް ޝަރުއީ ދާއިރާއަށް ފާޑުވިދާޅު ނުވާށެވެ.
ހުޅުވާލެވިގެން ބާއްވަންޖެހޭ ޝަރީއަތާ އެނޫން ކަންކަމާވެސް ދިވެހި ރައްޔިތުންނަށްވުރެ ބޮޑަށް އެނގޭނީ ޝަރުއީ ދާއިރާގެ ބޭފުޅުންނަށްކަމުން އެބޭފުޅުން ވައްދަން ހިތައްއެރި މީހަކު ހިތައްއެރި ޝަރީއަތެއްގެ މަޖިލީހަށް ވައްދާ، ނުވަތަ ނުވައްދާ ހިފަހައްޓާނެއެވެ. މިއިންކަމަކާ އެއްވެސް ދިވެހި ރައްޔިތަކު އެއްޗެއް ބުނުމަކީ ކުފޫހަމަވާނެ ކަމެއް ނޫންކަން އެނގޭ ނޫންތޯއެވެ؟ އެހެންވީމައި އެބޭފުޅުން އެކުރައްވާ ކަންކަމަކީ ހަމައެކަކުވެސް ބަހެއް ބުނެގެން ވާނެ ކަމެއް ނޫނެވެ. އިސްލާމީ ތާރީޚުގަވެސް އަދި ދުނިޔޭގެ އެހެން ބައެއްގެ ތެރޭގައިވެސް ދުވަހަކު ނުހިނގާ ފަދަ އިންސާފުވެރި އަދުލުވެރި ޝަރީއަތެއް ކުރައްވަމުން ގެންދަވާ މިދިވެހި ރާއްޖޭގެ ޝަރުއީ ދާއިރާގެ ބޭފުޅުންނަށާ އެދާއިރާއަށް ބަދުބަހެއް ރައްދު ކުރުމަކީ އަޅުގަނޑުމެންގެ މިނިކަމެތި އެއްވެސް ރައްޔިތަކަށް ލިބިގެންވާނެ ހައްގެއް ނޫންކަން އަޅުގަނޑުމެން ދަންނާން ވާނެއެވެ. މާދަމާ ޝަރުއީ ދާއިރާގެ ބޭފުޅުން މަގުމަތީގައި ހިންގަވާއިރުވެސް އެއްވެސް ދިވެހި ރައްޔިތަކު އެއިން ބޭފުޅެއް ހިނގާ މަގަކުންހިނގައިގެން ނުވާނެ ކަމުގައި އެބޭފުޅުން ނިންމެވިޔަސް ދިވެހި ނިކަމެތި ރައްޔިތުން ތިބެން ޖެހޭނީ ގެއިން ނުނިކުމެ ތާށިވެފައެވެ. މިހާ އާރާ ބާރާއި ގަދަރަކާއި އިހުތިރާމެއް އަދި ހުރުމަތްތެރިވެގެންވާ ދާއިރާ އިންތިހާއަށް ފުޅާވެފައި ތިއްބެވި ބަޔަކާ ބެހޭގޮތުން ވާހަކަ ދައްކަވާތީވެ ވީދެރައިން މިހެން ދަންނަވާލެވުނީއެވެ. ކޮންމެސް ކޮންމެސް ޝަރުއީ ދާއިރާއަށް ފާޑުވިދާޅު ނުވާށެވެ