ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ދެބޭފުޅަކު ޢައްޔަން ކުރައްވައިފި

lubna-soarey

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ދެބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވި ދެބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމަށް ހ. ނީލްވިލާ އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިނާއި، މިނިސްޓަރ އޮފް ސްޓޭޓް، މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ ކަމަށް ހ. ހިކިފިނިފެންމާގޭ ޢުމަރު ޢަބްދުއްރައްޒާޤެވެ.

މިދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެދެބޭފުޅުންވެސް ސަރުކާރަށް ޚިދްމަތް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

މިދެބޭފުޅުންގެ ތެރެއިން ލުބްނާ މުޙަންމަދު ޒާހިރު ޙުސައިން މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު ކަމުގެ މަގާމުގައެވެ.