6 ޖޫން 2010
މަތި ދެކުނު ޕްރޮވިންސްގެ ގދ.ހޯނޑެއްދޫގައި އުފެދިފައިވާ އެމް.ޑީޕީގެ ހަރަކާތްތެރި ގޮތްޕެއް ކަމަށްވާ އެމްޑީޕީ އަޕަރ ސައުތު އިނިޝިއޭޓިވް ގޮފިން އިސްނަގައިގެން އެރަށުގައި އެމްޑީޕީގެ އާންމު ޖަލްސާއެއް ބާއްވައިފިއެވެ.
ރޭ ހޯނޑެއްދޫ ބަނދަރު ސަރަހައްދުގައި އެރަށުގެ އެމްޑީޕީ އެހެން ގޮފިތަކާ ގުޅިގެން ބޭއްވި މި ޖަލްސާގައި ހޯނޑެއްދޫ ކައުންސިލަރުގެ އިތުރުން ގޮފިތަކުގެ ހިންގާ ކޮމިޓީގެ މެންބަރުން ވާހަކަދެއްކެވިއެވެ. އެގޮތުން އިއްޔެއަކީ ދުނިޔޭގެ ތިމާވެށި ދުވަސްކަމަށްވުމާއެކު ދުވަހާގުޅޭގޮތުން ހޯނޑެއްދޫ ޔޫ.އެސް.އައި ގޮފީގެ މެންބަރ ހުސައިން ފަޔާޒު ވާހަކަދެއްކެވިއެވެ. އޭނާގެ ވާހަކައިގައި ތިމާވެށީގެ ދުވަހެއް ފަހަގަ ކުރަމުން ދާއިރު މިސަރުކާރާއި ތިމާވެއްޓާއި ވަރަށް ބޮޑަށް ގުޅިފައިވާކަމަށާއި، މިރާއްޖެއަކީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ފުރޮންޓް ލައިންގައި މަސައްކަތްކުރާ ދުނިޔޭގައި އޮތް އެންމެ ކުޑަ އެހެންނަމަވެސް ތިމާވެށީގެ ރޮނގުންކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑު ގައުމު ކަމުގައި ވިދާޅުވިއެވެ. މީގެ ހެއްކަކީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ޗެމްޕިއަން އޮފް ދަ އާތުގެ އެވޯރޑް ލިބިވަޑައިގަތުން ކަމަށް ހުސެން ފަޔާޒް ފާހަގަކުރެއްވިއެވެ. މީގެއިތުރުން އެމް.ޑީޕީގެ ހޯނޑެއްދޫ އެންމެހާ މެންބަރުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރުމަށް ރައީސް ނަޝީދުގެ ފަހަތްޕުޅުގައި މަސައްކަތްކުރާނޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ޑީ.އާރް.ޕީގެ މެންބަރުންވެސް ހެޔޮމަގަށް އެޅި މިސަރުކާރާއި ގުޅުމަށް ފަޔާޒް ގޮވާލެއްވިއެވެ.
ފަޔާޒަށް ފަހު މިގޮފީގެ އިންތިޒާމް ސެކްރެޓަރީ އަހުމަދު ޔޫޝައު އެމް.ޑީ.ޕީ އާއި ޒުވާނުންނާއި ހުރި ގުޅުމާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. މިގޮތުން ހޯނޑެއްދޫގައި ތިބި ކެރޭ ޤާބިލް ޒުވާނުން ތިބީ އެމްޑީޕީގައި ކަމަށާއި ޒުވާނުން ދެމިތިބެނީ ރައްޔިތުންނަށްޓަކާ އުފެދިފައިވާ ރައްޔިތުންގެ ސަރުކާރާއެކުގައިކަމަށް ވިދާޅުވިއެވެ.
މިޖަލްސާގައި އަޕާރ ސައުތު އިނިޝިއޭޓިވްގެ ބްލޮގް ރަސްމީގޮތުން ލޯންޗްކުންވެސްއޮތެވެ. މިބޮލޮގް ލޯންޗު ކޮށްދެއްވީ ހޯނޑެއްދޫ ދުވަސްވީ، ހަރަކާތްތެރި އެމްޑީޕީގެ މެންބަރެއްކަމަށްވާ އަދުނާންއެވެ. މީގެއިތުރުން އެގޮފީގެ ރައީސް މުއާޒު މުޙައްމަދު( މޯލާ) ވާހަކަފުޅުދެއްކެވި. މުއާޒްގެ ވާހަކައިގައި އެމް.ޑީޕީ ދެމިއޮންނާނީ ރައްޔިތުންނަށްޓަކައިކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކުރިއަށް ލޯކަލް އިންތިހާބް އެމް.ޑީޕީ ކާމިޔާބު ކުރުންވަރަށް މުހިންމު ކަމުގެ މައްޗަށް ވާހަކަދައްކަވަމުން، ލޯކަލް އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ ހޯނޑެއްދޫގެ ތަރައްޤީ ބަނެވެދާނެކަމުގެ ބިރު އެބައޮތްކަމަށާއި، އެހެންކަމަށް ވުމުން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ކައުންސިލް އިންތިޚާބް ކާމިޔާބުކުރުމަށް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.
ހޯނޑެއްދޫ ކައުންސިލަރ މުޙައްމަދު އަޔާޒުގެ ވާހަކަފުޅުގައި ހޯނޑެއްދޫގައި މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫއުތަކާއި ބެހޭގޮތުންނާއި، އެއްދުވަހުން އަނެއްދުވަހަށް މިސަރުކާރު ހޯދަމުންދާ ކުރިއެރުމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި ހޯނޑެއްދޫގައި އުފެދިފައިވާ ސަރުކާރުގެ މުއައްސަސާތަކުގެ ބައެއްވެރިން ސަރުކާރަށް އެއްބާރުލުން ނުދީގެން މިހާރުވެސް ޝަކުވާތައް އަންނަކަމަށާއި އެހެންނަމަވެސް މިސަރުކާރަކުން ވަކިޕާޓީއެއްގެ މީހަކަށް ވީތި ނުވަތަ އިދިކޮޅު ޚިޔާލުގެ މީހަކަށް ވީތީ ވަޒީފާއިން ވަކިނުކުރާނެ ކަމަށާއި މިސަރުކާރުން
އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށްކަމަށް ވިދާޅުވިއެވެ.
ހޯނޑެއްދޫގެ ގޮފިތަކާއި، އެރަށުގައި ތިބި އެމްޑީޕީގެ އިސްމެންބަރުން ގުޅިގެން މަދުވެގެން މަހަކު އެއްފަހަރު މިފަދަ އާންމު ޖަލްސާއެއް އެރަށުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އަޕަރ ސައުތު އިނިޝިއޭޓިވް ގޮފިން މަޢުލޫމާތުދެއެވެ. މިދިޔަ މަހު ވެސް އެމްޑީޕީގެ ޖަލްސާއެއް އެރަށުގައި ވަނީ ބާއްވާފައެވެ. އެ ޖަލްސާގައި ހޯނޑެއްދޫ ނިސްބަތްވާ ދާއިރާކަމަށްވާ، މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ.
ހޯނޑެއްދޫއަކީ ތަރައްޤީއަށް މަސައްކަތްކުރާ ހީވާގި ޒުވާނުން ގިނަ ރަށެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ރަށުގެ ތަރައްޤީގައި އެރަށުގައި އުފެދިފައިވާ އެމްޑީޕީގެ ގޮފިތަކުން ވަރަށް ފުރިހަމަޔަށް ބައިވެރިވަމުންދާކަން ވެސް ފާހަގަކުރެވެއެވެ.