މައުމޫނު އުފައްދަވަނީ ތަރިކަ ޕާޓީއެއް. އެ ޕާޓީގެ ހަގީގީ ނަމަކީ “ޕްރައިވެޓް ޕްރޮޕަޓީ އޮފް މައުމޫން” – އެމްޑީޕީ

އިބްރާހީމް ރާމިޒް

atifisal-06-09-2011-98

ޕީޕީއެމްގެ ނަމުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޑީއާރުޕީގެ ކުރީގެ ޒައީމް މައުމޫން އުފައްދަވަން އެއުޅުއްވަނީ ތަރިކަ ޕާޓީއެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އެމްޑީޕީން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެ ޕާޓީގެ ޚާއްސަ ޖަލްސާ ގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވިދާޅުވީ ޑީއާރުޕީގެ ކުރީގެ ޒައީމް މައުމޫން ޕީޕީއެމްގެ ނަމުގައި ހައްދަވާ ޕާޓީގެ ހަގީގީ ނަމަކީ “ޕްރައިވެޓް ޕްރޮޕަޓީ އޮފް މައުމޫން” ކަމަށާއި، އެއީ މައުމޫންގެ ދަރިންނަށް ވެރިކަން ވާރުތަކޮށްދިނުމަށްޓަކައި ހައްދަވާ ޕާޓީއެއް ކަމަށެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޢަލީ ވަޙީދު ވިދާޅުވީ އޭނާ އެމްޑީޕީ އާއި ގުޅިވަޑައިގެންނެވިތާ 3 މަސް ފަހުން މިހާރު އެ ހުންނެވީ ރީނދުލާއި ނުލުގެ ޓައީ އެއް އަޅުއްވައިގެން ވަރަށް ރަގަޅަށް އެމްޑީޕީ ވެވަޑައިގެން ކަމަށާއި، އަލުން އަނބުރާ ޑީއާރްޕީ ހޯއްދަވަން މައުމޫނު ކުރެއްވި މަސައްކަތް ނާކާމިޔާބު ވުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑުވާނޭ ކަމަށެވެ. އަދި ދެން މިރާއްޖޭގެ ވެރިކަމަށް މައުމޫނަށް ވަޑައިނުގެންނެވޭނޭ ކަމަށާއި، އެކަމަށްޓަކައި އޭނާ ކުރައްވާނޭ މަސައްކަތްތައް ވެސް އެހާ ގިނަ ކަމުގައެވެ.
އަލީ ވަހީދު އަދި ވިދާޅުވީ “ދަލުން ދަލެއް ނުފޮހެވޭނޭ” ކަމަށާއި، “ޕީޕީއެމް އާއި ރައްޔިތުންގެ ވިންދުގެ ނަމުގައި ޕާޓީ ހަދައިގެން އަޔަސް މި ގައުމު ދަވާލާފައިވާ މައުމޫނާއި އޭނާގެ އައުވާނުން ދެން ދިވެހިރައްޔިތުން ބަލައި ނުގަންނާނޭ” ކަމަށެވެ. އަދި “ވެރިކަމަށް ހިޔާލު ހުރި ޒުވާނަކު ވިއްޔާ މަނިކުފާނު ދިޔައީ ދަތް އުފުރާ އުސޫލު އުފުރަމުން، މިއަދު ދަތެއް ނެތޭ ބުނަން މަނިކުފާނު ލަދުގަންނަން ޖެހޭނޭ،” ކަމަށް ޢަލީ ވަޙީދު ރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ނައިބު ރައީސް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވެސް ވިދާޅުވީ މައުމޫންގެ އާ ޕާޓީއަކީ “ތަރިކައިގެ ޕާޓީ” ކަމަށާއި، ޕީޕީއެމްގެ ފިކުރަކީ “ޖަލުގެ ތޭރިތައް” ކަމަށެވެ. އަދި މައުމޫންގެ ޕާޓީއަކީ މިލްކުވެރިކަން ސާބިތުކޮށް ދަރިންނަށް ވެރިކަން ވާރުތަކޮށް ދިނުމަށްޓަކައި ހިންގޭ ޖަރީމާއެއް ކަމަށް އަލްހާން ސިފަކުރެއްވިއެވެ.
“ތިޔަ ވެރިކަން މި ގައުމަށް އަޔަ ނުދިނުމަށްޓަކައި އަޅުގަނޑު ލޭ އޮހޮރުވައި ޖިހާދު ވެސް ކުރާނަން. ލާހިކު ކުޅަދާނައެއް ނޫން ދެނެއް އެނބުރި މައުމޫން ވެރިކަމަށް އަންނާކަށް، ސީދާ އަޅުގަނޑު ޖަލުގައި ބަހައްޓައިގެން ނޫން ގޮތަކަށް، މި ގައުމުގައި މައުމޫނަކަށް، ޔާމީނަކަށް ލާހިކެއް ނޫން ވެރިކަން ކުރާކަށް. މި ނޫން ގޮތަކަށް ދެން ވެރިކަން ބަދަލުވެވޭކަށް ނެތް،” އަލްހާން ރޭގެ ޖަލްސާގައި ވިދާޅުވި އެވެ.

ރޭގެ ޚާއްޞަ ޖަލްސާ ގައި އެމްޑީޕީގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ޢަލީ ވަޙީދު ވަނީ ޑީއާރުޕީން އަލްހާން ވަކިވެވަޑައިގެންނެވުމުން “އަލްހާން އަކީ މީދަލެއް” ކަމަށް ޑީއާރުޕީން ބުނީ ސިންގަޕޫރުގައި ހުންނަވައިގެން ވިލިމާފަންނު ދާއިރާގެ މެންބަރު ޢަހުމަދު ނިހާންގެ ފޯނަށް މައުމޫން ފޮނުއްވި މެސެޖެއްގައި މައުމޫނު އެގޮތަށް ވިދާޅުވެފައިވާތީ ކަމަށެވެ. އަދި އެ ކަމަށް ރައްދު ދެއްވަމުން އަލްހާން ވިދާޅުވީ އޭނާއަކީ މީދާ ކަމަށް ވާނަމަ މައުމޫނަކީ ހިކަންޖެއް ކަމަށާއި،. ދެން ކިތަންމެ ވަރަކަށް ފަހާ ދުވިޔަސް ހިކަންޖަށް މީދާ އަތު ނުވާނޭ ކަމަށެވެ.

މި ޖަލްސާ ގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ އާއި، މިހާރުގެ ޗެއަރޕާސަން ރިކޯ މޫސާ މަނިކު ވެސް ވަނީ މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު ވަނީ ރާއްޖެ ތަރައްޤީކޮށް، އިޞްލާޙީ ހެޔޮބަދަލު ގެނައުމަށް ރައީސް ނަޝީދު ފައްޓަވާފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަދައްކަވާފައެވެ.

މި ޖަލްސާ ގައި މައުމޫނަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވީ މައުމޫން، ތަރިކަ ޕާޓީ އެއް ހެއްދެވި ނަމަވެސް ރައްޔިތުންނަށް މިއަދަކު ޙަޤީޤަތް އޮޅުވައެއް ނުލެވޭނޭ ކަމަށާއި، ދަތް ހުރީ ވެސް އެމްޑީޕީގައި ކަމަށާއި، ދަތް ޖެހޭނެ ގޮތް ވެސް އޮތީ އެ ޕާޓީގައި ކަމަށެވެ.