ފަހަލަ
ދުވަހެއް ދުވަހެއް ރާއްޖޭގެ އާބާދީ ވަނީ ބޮޑެވެ. މިހާތަނަށް އައިއިރު ތިންލައްކަ ކިރިޔާހަމަވާ އާބާދީގެ މަތިން އޮތީ ހަނދާން ނައްތާލާފައެވެ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެހައި އަސާސީ ޙައްގުތަކުން ރައްޔިތުންވަނީ މަހުރޫމްކޮށްފައެވެ. ނިމިގެންދިޔަ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އަހަރީ ބަޖެޓަކީ ސަރުކާރުގެ އިސްވެރިންގެ ޒަރޫރީ ކަންކަމާ ބޭރުގައި ކިޔަވާ އެވެރިންގެ ދަރީންގެ ޚަރަދާ ޝާހީ ގަނޑުވަރުގެ ޚަރަދާ ޝާހީ ޢާއިލާ އުފާކުރުމަށް ބޭރު ގައުމުތަކަށް ހޭދަކުރާ ފައިސާގެ ބަޖެޓެވެ. 2008 ވަނަ އަހަރު މައުމޫނުގެ ސަރުކާރުން 12 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު ރާއްޖެވަނީ މިއަށްވުރެ ބޮޑަށް ދަރާފައެވެ. އަދި އެ ހުށަހެޅި ބަޖެޓުގައި ބަޔާންކުރެވިފައިވާ ފައިސާ ހުރިތަނެއް ވެސް ނެތެވެ. ރައްޔިތުން ރުއްސުމަށްޓަކާ ވަރަށް ގިނަ މަޝްރޫޢްތައް ވެސް އިޢްލާނުކުރަމުންދިޔައެވެ. ނަމަވެސް މިއިން އެއްވެސް މަޝްރޫޢަކަށް ހޭދަކުރާނެ ބައިރުފިޔާއެއް ވެސް ދިވެހި ބައިތުލްމާލަކު ނެތެވެ. މިއީ އޭގެ ތިން އަހަރުފަހެވެ. ދިގުދެމިގެންދިޔަ ވެރިކަން ނިމުނީ ތިންލައްކަ މީހުންގެ އާބާދީ ރޮއްވާލާފައެވެ. ގައުމު އޮތީ އިނދަޖެހިފައެވެ. ރާއްޖޭގެ އިގްތިޞާދުގައި ބާރުހުރި ދުވަހު ރައްޔިތުންގެ އިޙުސާސްތައް ހުރިގޮތް ނުބެލުމުގެ ސަބަބުން އިނދަޖެހިފައިވާ އިގްތިޞާދު އަލުން ދިރުވާ ރައްޔިތުންނަށް ބޭނުންވެ ބުނުމުގެ ޙައްގު ގެއްލިފައި ހުރި ކަންކަން މި ސަރުކާރުން ވަނީ ރައްޔިތުންގެ ގާތުގައި އަހާ އޮޅުންފިލުވުމަށް ފަހު އެކަންކަން ކުރުމަށް ވަޢުދުވެފައެވެ. މިފަދަ ވަޢުދެއްވާން މިޖެހުނީ ނިމިގެންދިޔަ ސަރުކާރުން ރައްޔިތުންގެ އިޙުސާސްތަކަށް ބީރުކަންފަތެއް ދީފައި ވާތީ އެވެ. ވެރިކަމެއް އޮންނަނީ އެގައުމެއްގެ އެންމެހައި ކަންކަން ރަގަޅުކުރުމަށެވެ. ވެރިމީހާ ބޭނުންވާ އުފަލެއް ޙާސިލްކުރުމަށްފަހު ބާކީވާ އެއްޗެއް ރައްޔިތުމީހާއަށް ދޭކަށެއް ނޫނެވެ. ނަމަވެސް އެމާޒީ އަޅުގަނޑުމެންނާ އަލްވަދާޢު ކިޔައިފިއެވެ. ރައްޔިތުން ގެނައި ރައްޔިތުންގެ ވެރިކަން މިހާރުކުރަނީ ސީދާ ރައްޔިތުމީހާއެވެ. މިއަދު ބަނަސްފަޅިއަކުން ފުއްދާލާކަށް ރައްޔިތުމީހާ ގަބޫލެއްނުވެއެވެ. ސަރުކާރަށް ގިނަފައިސާ ހޯދަނީ ވެރިން އުފާކުރާކަށެއްނޫނެވެ. ސަރުކާރު މިއަދު ހަތްބިލިއަންރުފިޔާއަށް ބަރޯސާވެގެންއޮތުމަކީ ރައްޔިތުންގެ ކުރިމަގު ޖަންގަޔަކަށް ވެގެންދާނެ ކަމެކެވެ. ސަރުކާރު މުއްސަނދިކުރުމަކީ ރައްޔިތުންނަށްޓަކާ ރައްޔިތުންކުރާން ބޭނުންވާ ކަމެކެވެ. ރައްޔިތުންނަށް މިނިވަން ރައްކާތެރި އިގްތިޞާދީ މާހައުލެއްގާއިމް ކުރެވެން އަންނަނީ ސަރުކާރު މުއްސަނދި ވެގެންނެވެ. މިއަދަކީ ވެރިން ރައްޔިތުންގެ ފައިސާ ހަބޭސްކުރާ ދުވަހެއްނޫނެވެ. ރައްޓެހީންނާ ބޮޑުން ޗުއްޓީހޭދަކުރަން ދައުލަތުން ފައިސާދޭ ދުވަހެއްވެސް ނޫނެވެ. ސަރުކާރުންކުރާ ޚަރަދުތައް ވަގުތުންވަގުތަށް ބަލާ ނުކިއްސަރު ގޮތަކަށް ފައިސާފޮއްޗެއް ޚަރުދުކުރިއްޔާ އެކުރިގޮތް ރައްޔިތުމީހާ ބަލަމުންދާ ދުވަހެވެ. ވީމާ އިދިކޮޅުލީޑަރުން ފުރަތަމަ ދަސްކުރައްވަންވީ މިހާރު ވެރިކަންކުރަމުން މިދާ ދެފުށް ފެންނަނިޒާމެވެ. މަޝްވަރާ މޭޒްދޮށުގައި އިށީނުމަކީ އެންމެ ރިވެތި ގޮތްމެއެވެ.
ކޮންމެއަކަސް ރައްޔިތުން ކަންބޮޑުނުވާކަމެއްގާ އިދިކޮޅު ފަރާތްތައް ކަންބޮޑުވާ ސަބަބު ބަލާލަން އެބަޖެހެއެވެ. ސަރުކާރު އަބަދު ހަތްބިލިއަން ރުފިޔާގައި ހިފެހެއްޓޭނީ ރާއްޖޭގެ އާބާދީ ދޮޅުލައްކައަށް ދަށްކުރެވުނު ދުވަހަކުންނެވެ. އެކަންވާނެތޯއެވެ. ނުވާނެއެވެ. އެހެންވެއްޖެނަމަ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް މަދުކުރެވެން ވެސް ނުއޮންނާނެއެވެ. ރައްޔިތުން ކުރިއަރާ ދިއުމަށާ ރައްޔިތުންނަށް އަރާމު މިނިވަން ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ސަރުކާރަށް ލާޒިމްވާ ކަމަކަށް ވާއިރު ސަރުކާރަށް އިތުރުއާމްދަނީ ލިބޭނޭ މަގު ފަހިކުރުންވެސް ވެގެންދާނީ ސަރުކާރަށް ލާޒިމްވާކަމެއްގެ ގޮތުގައެވެ.
ދުނިޔޭގައި ކުރިއަރާފައިވާ ތަހުޒީބުގައުމުތައް ކުރިއަރާ ގޮސްފައިވަނީ ވާރޭވެހޭހެން ޑޮލަރުވެހިގެނެއްނޫނެވެ. އެފަދަ ސަރުކާރުތަކުން ވެސް ތަޢާރުފްކޮށްފައިވަނީ ޓެކްސްގެ ނިޒާމެވެ. ގުދުރަތީ ވަސީލަތް މަދު މިފަދަ ގައުމުތައް އިދިކޮޅު ޑިކްޓޭޓާރޝިޕެއް ހިންގި ލީޑަރުން ގަބޫލުވިއަސް ނުވިއަސް ޓެކްސްނަގަންޖެހޭނެއެވެ.
ރާއްޖޭގައި ޓެކްސް ތަޢާރުފްކުރުމުގެ މިމަރުޙަލާގައި ފުރަތަމަ ޓެކްސްބިލްތައް ފާސްކުރެވެން އެބަޖެހެއެވެ. އެއަށްފަހު ޓެކްސް ގާނޫނުތަކުގެ މައްޗަށް އިދިކޮޅާ އެއްކޮޅު އެއްމޭޒު ދޮށުގައި ތިބެ ރައްޔިތުންނަށް މަންފާއާ ލާބަކުރަނިވި ގޮތަކަށް ގަވާޢިދުތައް ފަރުމާކުރުން މުހިންމެވެ. ރައީސް ނަޝީދަށް ދިވެހިރައްޔިތެއްގެ ހައިޡިއްޔަތުން މިގޮވާލަނީ މަނިކުފާނޭ ތަސްމީނު ވިދާޅުވިއަސް 2012ވަނައަހަރުގެ ބަޖެޓް 13ބިލިއަނަށްވުރެ ދަށްކޮށްފިނަމަ ރައްޔިތުން މިހާތަނަށް ކީ އެންމެހައިޅެން ފަރިއްސަށްވެ ނިމިގެން ހިނގައިދާނެއެވެ.
ޓެކްސްގެ ނިޒާމެއް ތަޢާރަފްވިޔަސް ޓެކްސްނަގާނީ ރައްޔިތުންނަށް ފަސޭހަވާ ގޮތްބަލައިގެންނެވެ. ޓެކްސްނެގުމަކީ އެއްވެސް ރައްޔިތަކުކަން ބޮޑުވާންވީ ކަމެއްނޫނެވެ. ޓެކްސްގެ ނިޒާމަކީ ފަގީރުންގެ ލާބައާ މަންފާ އެންމެބޮޑަށް އޭގައި އެކުލެވޭ ނިޒާމެވެ. ކޮންމެ ވެރިއަކު މިރާއްޖޭގެ ވެރިކަން ކުރެއްވިއަސް މިނިޒާމު ދެމިއޮތްހާ ހިނދަކު ރައްޔިތުން ނިކަމެތިވެގެނެއް ނުދާނެއެވެ. ނަމަވެސް ބިރުގަންނަނީ ނިމިގެންދިޔަ ފަދަ ވެރިކަމުގެ ނިޒާމެއް މިރާއްޖޭގައި އުފެދުމުގެ ފުރުޞަތު ހުޅުވިގެން ހިނގައިދާނެތީއެވެ. ފައްކާވަމުން މިދާ ވެރިކަމުގެ ނިޒާމް ވަރުގަދަވެ ޚުދުމުޚުތާރު ވެރިކަމަކަށް ޖާގަނުލިބޭ ފެންވަރަށް ރައްޔިތުންގެ މެދުގައި މިނިޒާމް ވަކިހިފައިފިނަމަ ތާއަބަދަށް ވެސް ދިވެހިންތިބޭނީ އުފަލުގައެވެ.