މެންބަރުންގެ ޚިޔާލު: އަދާލަތުގެ ކުސްތެޅުންތައް ނިމޭނީ ކޮންއިރަކުން؟

ފުނަމާ

wathan-edhey-gothah

ވަކިބަޔަކާ އިއްތިހާދު ވެގެން ވެރިކަމަށް އައުމަށް ފުރަތަމަވެސް ނުކުތް ” އަދާލަތު ޕާޓީ “ އިން މިއަދު މިވަނީ މިސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ ގޮތުގައި ނަންކުރެވިފައެވެ. ވެރިކަން ބަދަލު ކުރަން އިސްލާހީ ބައިވެރީން ނުކުތްއިރު އަދާލަތު ޕާޓީ އެމީހުންގެ ނަން އޮތީ ޖުމްހޫރީ އިއްތިހާދުގެ ގޮތުގައި ފޮރުވާފައިކަން މިއަދު އެމީހުންގެ ބަސްކިޔާ މީހުން ހަނދާނެއް ނެތެވެ. އަދާލަތު ޕާޓީއަކީ ޖުމްހޫރީ ޕާޓީން ކަންކުރާ ގޮތެއް ބަލައިގެން ފަހަތުން ހިނގަމުން ގެންދިޔަ ބައެކެވެ. މިއަދުވެސް އެދުވަހުވެސް އެމީހުންނަކީ އަމިއްލައަށް ނުކުމެ ކަންކަން ކުރުމުގެ ހިތްވަރެއް ނުފޫޒެއް އޮތް ބައެއް ނޫނެވެ. އެމީހުންގެ ތެރެއިން ގިނައިން ފެންނަންތިބީ ކުރީގެ ސަރުކާރުން ބޮޑެތި އަނިޔާތަކެއް ދީފައިތިބީތީވެ އެކަމާ ބިރުން ބަހެއްބުނަން ނުކެރިފައި ތިބި ބައެކެވެ.
ވެރިކަމަށް ޖުމްހޫރީ ޕާޓީން އަދާލަތާއި ، ކޮންގްރެސް ޕާޓީއާއި އެކު ނުކުމެ ތިންޕާޓީން ކުރި މަސައްކަތުން އެމީހުންގެ ކެންޑިޑޭޓަށް ފުރަތަމަ ބުރުން ހަތަރުވަނަ ލިބި ވެރިކަން ކަށަވަރު ނުވުމުން ދެން ސިއްރު އެޖެންޑާއެއްގެ ދަށުން އުޅުނީ ޑީއާރުޕީއާއި އިއްތިހާދުވާށެވެ. ޑީއާރުޕީ ވެރިކަން ހޯދަން އެއިރުވެސް ނުކުމެ އުޅުނީ އެތައް ސިޔާސީ ޕާޓީއެއް ނަގުލުގައި އެލުވައިގެންނެވެ. ފުރަތަމަ ބުރުގައި އެމްޑީޕީ ވެރިކަމަށް ވާދަކުރީ ނާއިބު ރައީސްގެ ގައުމީ އިއްތިހާދާ އެކުގައެވެ. ނަމަވެސް އެބުރުން ދެވަނަ ލިބުނުއިރު ޑީއާރުޕީގެ ގިނަޕާޓީ އިއްތިހާދަށް ވެރިކަން ލިބޭވަރުގެ ވޯޓެއް ނުހޯދުނެވެ. ޖުމްހޫރީ ޕާޓީއިން އެމްޑީޕީއާއި އެކުގައި އިއްތިހާދުވީ ޑީއާރުޕީއިން އެމީހުންނާ އާނ ބަސް ނުބުނީމައެވެ. ފުރަތަމަ ބުރުގެ ނަތީޖާ ދެއްކިގޮތުން ދެން ވާދަކުރާންޖެހޭ ލިސްޓުގައި މައުމޫނާއި ނަޝީދުގެ ނަން މެނުވީ ނެތްކަން ދެންތިބި ހުރިހާ މީހުންނަށްވެސް އެނގޭނެއެވެ. އެހެން ކަމުން ސިޔާސީ ޕާޓީތަކެއް އެމްޑީޕީއާއި ގުޅި އިއްތިހާދުވުމާ އަދި ، ޖުމްހޫރީ އިއްތިހާދުގެ އެތަކެއް އާދޭހަށް ޑީއާރުޕީއިން ނޫނެކޭ ބުނުމުން އިތުރު ގޮތެއް ނެތިގެން ޖުމްހޫރީ އިއްތިހާދު އެމްޑީޕީއާއި ގުޅިގެން ވެރިކަން ހޯދާން ނުކުތް މީހުންގެ ތެރޭގައި ބޯގިނަކުރީއެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ އެއްވެސް ތަނެއްގައި ވެރިކަން ކުރުމުގައި އިއްތިހާދުވާ ބައެއްގެ ބާރުވެރިކަން ކަނޑައަޅާ މާނަކޮށްފައި ނުވުމާ ރާއްޖޭގެ ރައްޔިތުން އެއްބަސްވެ ނިންމާފައިވަނީ ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮތުމަށް ކަމުގައި ވުމާއެކު ބަރުލަމާނީ ނިޒާމެއްގައި އޮންނަހެން ކޯލިޝަން ރޫޅުމުން ވެރިކަން ގެއްލެން ޖެހޭނެ ކަމުގައި މޮޔަޔަކުނޫނީ ގަބޫލެއް ނުކުރާނެއެވެ. ގާނޫނު ބުނާގޮތުން ރާއްޖޭގެ ވެރިކަމަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ފުރަތަމަ ބުރުގައި ވާދަކުރި އެއްކެންޑިޑޭޓަކަށްވެސް ވޯޓުގެ ފަންސާސް އިންސައްތަ ނުލިބުމުން ދެވަނަބުރަށް ދިޔައީ މައުމޫނާއި ނަޝީދެވެ. އެހެންކަމުން ދެވަނަ ބުރުގައި ނެރެވުނު ނަތީޖާއިން ވަރަށް ސާފުކޮށް ވެރިކަން ކުރުމަށް ރައްޔިތުން ފުރުސަތު ދިނީ ރައީސް ނަޝީދަށެވެ. ފުރަތަމަ ބުރުން އެހެންހުރިހާ ކެންޑިޑޭޓުން ފެއިލްވެ ދިޔަގޮތަށް ދެވަނަބުރުން މައުމޫނުވެސް ފެއިލްވެ ދިޔައީއެވެ. އެހެންކަމުން ކޯލިޝަނޭ ، މޯޅި ލުނބޮއޭ ގޮވަމުން އަދާލަތު ޕާޓީއިން މިއަދު އަރާ އެދައްކާ ވާހަކަ ތަކަކީ އެމީހުންގެ ލަދެއް ހަޔާތެއް އަމުދުން ނެތަތީވެ، ނުވަތަ ދިވެހި ރައްޔިތުންގެ ތެރޭގައި ތިބި ތާކުން ތާކުނުޖެހޭ މޮޔައިންތަކަކަށް މިއަދު އެޕާޓީގައި ބަސްކިޔަން ލިބިފައި އޮތަތީވެ އަނގަމަޑުން ލައިގެން ނުތިބެވިގެން ދައްކާ ވާހަކަތަކެކޭ ނޫނީ ބުނެވޭކަށް ނެތެވެ. އަދި މިމީހުންގެ ތެރެއަށް އަމިއްލަ ފަރާތަކުން ހިންގާ ކޮލެޖެއްގެ ޑީންއަކު އަރައިގެން ސިޔާސީ ވާހަކަ ދައްކާތީވެ އަނެއްކާ ދިވެހިރާއްޖޭގައިވެސް މުއްލާ އުމަރެއް އުފެދެން އުޅެނީ ބާވައޭ ބައެއްމީހުން ސުވާލުކުރެއެވެ.
ފެށުނީއްސުރެވެސް އަދާލަތު ޕާޓީގެ ތެރޭގައި އުޅޭ ބައެއް ދޫދިގު މީހުން ނުކުމެ މިސަރުކާރަށް ހަޖޫޖަހަމުން ، އާޑަގޮވަމުން ގެންދާކަމީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. މީގެ ކުރީން އެޕާޓީގެ ގިނަބަޔަކަށް މާބޮޑު އަނިޔާތަކެއް ދިންކަމުގައި ބުނެއުޅޭ މީހަކު ދޮންފުތުވެގެން ދެކޮޅަށް ދުވާތަންވެސް ދަނީ ފެންނަމުންނެވެ. މިއީ މިފަދަ މީހުންގެ ބަހާ އަމަލާ އެއްގޮތްނުވާ މުނާފިގުކަން ހާމަކޮށްދޭ ހެއްކެއް ކަމުގައިވެސް ބަޔަކު ބުނެއުޅެއެވެ.
ދީނޭ ބަނގުރަލޭ ކިޔައިގެން އިރުއިރުކޮޅުން ކޮންމެވެސް ކަމެއްގައި ހިފައި ދަމައި ނަގައިގެން އަދާލަތުން ކުރަމުންގެންދާ މަސައްކަތަކީވެސް މިގައުމުގެ އިގްތިސާދު ހަލާކުކުރުމާ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމެވެ. ރަނގަޅު ނިޔަތެއްގައި ގުޅިގެންއުޅޭ ސަރުކާރާ އެކުގައި ކަންކަން ކުރިޔަށް ގެންދިއުމަށް އެމީހުންގެ ހިތުގެ ނުސާފުކަމުން މަސައްކަތް ކުރުމަކީ ކުރެވެން އޮތް ކަމެއް ކަމުގައެއް ނުފެނެއެވެ. އަދި އެޕާޓީގައި ތިއްބެވި ބޮޑެތި ބޮޑެތި ދީނީ އިލްމުވެރީންގެ އެންމެ ފުރިހަމަ ބޭނުން މިގައުމަށް ހިފުނަކަވެސް ނުދޭނެއެވެ. މިއަދު ޕާޓީގެ އިސްސަފުގައި މިތިބީ ޖިހާދީ ވެގެން އިސްލާމުންގެ ނަން ޚަރާބުކުރުމުގެ އާދަ ކަށީގައި ހިފައިފައިވާ ހަރުކަށި ހައްދުފަހަނަ އަޅާފައިވާ ބަޔަކަށް ވާތީވެ މިއުޅެނީ މަޑުން ނުތިބެވިގެންނޭ ބުނެގޮވިއްޔާ މިއައްވުރެ ބޮޑަށް މީހުންނަށް އެމީހުންގެ އަސްލު މަގުސަދު ސާފުވާނެ ކަމުގައި ބުނެ އުޅޭތީ އަޑުއަހަމެވެ. ވެރިކަމަށް އައިއިރު ގާނޫނާ އިދިކޮޅަށް ހަތިޔާރު އެތެރެކުރި އަދި އޭނާގެ ވެރިކަމުގައި ހަތިޔާރެއްނެތް ބައެއްގެ ގަޔަށް ބަޑިޖަހައި މަރާފައިވާ މީހެއްގެ ސިކުނޑިއާއި އެއްގޮތަށް ރާއްޖެއަށް ވަގަށް ހަތިޔާރު އެތެރެ ކުރުމަށް ފަސޭހަވާނެ ގޮތަށް ބަނދަރެއް ހަދަންއުޅޭ ކޮންމެވެސް މީހަކު ފެނިއްޖެނަމަ އެމީހެއްގެ ފަހަތުގައި އެލިގެން އެބުނާ އަލަށްހަދާ ޕޮރަސް ޕޮރަހާ ގުޅިގެން މާދުރުނޫން ހިސާބެއްގައި އަދާލަތުޕާޓީ ފެނިދާނެ ކަމުގައި މިހާރުވެސް ބަޔަކު ގަބޫލުކުރެއެވެ. އެކަމަކު އެވެރިންގެ ކުސްތެޅުންތައް ނިމޭނީ އެނޫންވެސް އެފަދަ މީހުން އުޅޭހެން ހަތިޔާރު އަޅައިގެން ނުކުމެ މުސްލިމުން މަރާ ހުސްކުރެވޭނެ ދުވަހެއް ފެނުނީމާ ކަމުގައިވެސް ބައެއް މީހުން މާކުރީންވެސް ބުނެއުޅެއެވެ