މެންބަރުންގެ ޚިޔާލު: އެބެއަށް އިޙުތިރާމާއި އެކު…

ފުނަމާ

މިއަދު ދެން މަނިކުފާނަށް އަޅުގަނޑުމެން އިހުތިރާމާއި އެކު ކިތަންމެ ކިޔަން ބޭނުން ނަމަވެސް ރައީސްއެކޭ ކިޔޭކަށް ނެތެވެ. ތިޔައުޅުއްވާ ނުސިޔާނު ގޮތުން އުސްތާޒެކޭބުނެ އެދުރުންނަށް މަލާމާތް ކުރާކަށް ނުކެރޭނެއެވެ. ޒައީމޭ ކިޔައިގެން ލޯބިން ނުވަތަ ، ހައްދަން ވެގެން ނަމަވެސް ބަޔަކު ކީނަންވެސް އަމިއްލަޔަށް ތިޔަނަގާ އެއްލާލީއެވެ. މައިބަދަ މުގުރާ ކަލޭގެ މިހާރު އޮޑިފައްތާ ކަލޭގެގެ ނަމުން މަޝްހޫރު ވެފައިވާތީވެ އެނަންވެސް މަނިކުފާނަކާ “ސޫޓެއް” ނުވެއެވެ. އަމިއްލަ މީހުންގެ މަސް ރޮލަށް ހަފައި ކައިގެން ނުކުތް ބަޔަކާ ގުޅިގެން މަނިކުފާނުން ތިޔަ ވަޑައިގަންނަވަނީ މީސްތަކުންގެ އިހުތިރާމާ ދުރަށްކަމުން ހިތާމަޔާ އެކު ނަމަވެސް މިހާރު ކިޔެން އޮތީ އަގެއްނެތް އެހެލި ކަތީބެވެ. އެކަމަކު ޒަމާނާ އެއްގޮތަށް ކުރުކޮށްލާނަމެވެ. އޭރުން ތަންކޮޅެއް ރީތިވާނެ ކަމުގައި ފެނެއެވެ.
ކަތީބާއެވެ. ތިބާގެ ވެރިކަމުގައި އަހަރުމެންނަށް ހާދަހާ ދުއްތުރާލެއް ކުރީމުއެވެ. ހާދަ އަނިޔާއެއްވެސް ރައްޔިތުންނަށް ދިނީމުއެވެ. ތިބާގެ ޅިޔަނުންނާއި ގާތް މީހުންގެ ސަބަބަބުން ހާދަހާ ދެމަފިރީންނެއް ވަރިވެ ދިޔައެވެ. ހާދަގިނަ ދިވެހި އަންހެން ދަރީންނެއްގެ އިއްފަތް ތެރިކަން ފޭރިގަނެވުނެވެ. ހާދަބަޔަކު ވީނުވީއެއް ނޭނގި ގެއްލުނެވެ. ކަތީބުގެ ޖަލުތަކުގައި ހަތިޔާރުއަޅައި ފޯރިމަރާން ކަތީބު ބައިތިއްބާފައި ތިބި މީހުން ތިއްބައި އެހާ މީހުން ގެއްލި އަދިވެސް ވީނުވީއެއް ނޭނގި އޮތީމައި އެމީހުންގެ މަސްފިހެގެން އަނެއްކާ ކަތީބާއި ގާތްމީހުން ކެއީ ނޫންބާވައޭ ވެސް ބައެއް މީހުން ސުވާލު ކުރެއެވެ. ގައިމުވެސް ކަތީބު އެއްކަލަ މެޑެލިފަތިއެޅި ހެދުން ލައިގެން ނުކުމެ އިޝްތިހާރު ކުރަނިކޮށް ބަޑިޖަހައި މެރި މީހުންގެ އަދަދު ޝަރީއަތް ކުރާން އެތިބަ މީހުންގެ ލަގޮނޑީގައި ކިތަންމެ ވޭނެއް އެޅިޔެއް ކަމަކު، އެމީހުންނަށްވެސް އެނގޭނެއެވެ. ދުނިޔެ އެންމެ ތަނަވަސް ކަމުގައި ނަށާ ، ލަވަކިޔަމުން ގެންދިޔައިރު މިގައުމުގެ ފަތުރުވެރިކަން ކުރިއަރުވައިގެންނާ ، ބޭރުގެ ތަންތަނުން ލިބުނު އަދަދު ނުކުރެވޭ ފައިސާ ތަކުގެ އިތުރުން ވަގަށް ތެޔޮވިއްކައިގެންނާއި ސުމަގުލް ކޮށްގެން ކަތީބާ ކަތީބުގެ އާއިލާ މީހުން ފައިސާ ހޯދިކަމުގައި ކޮންމެވެސް ބަޔަކު އެބަބުނެއެވެ. އެކަމަކު ބޮޑުފޮށިމަތީން ކަތީބު ތެދުވިއިރު ހައްބަ ޖެހިތާ މުކައްބަވެސް ނެތެވެ. ތިގޮތައް އުޅޭ މީހުންނާ ދިމާލަށް އަހަރެމެންގެ ބައެއް މީހުން ” ބޮޑުވަގޭ ” ގޮވިއެއް ކަމަކު އަހަރެމެންވެސް ތިރީސް އަހަރު ވަންދެން ހިތުން ރުހުމުން ނޫނަސް ކުރުނީސް ކޮށްގެން ގެންގުޅުނު އަދި މިއަދު މުސްކުޅިވެ އަޖޫޒު ވެފައިވާ ތިކަހަލަ މުސްކުޅި ކަތީބަކާ ދިމާލަށް އެހާ ހުތުރުކޮށް ގޮވާކަށް ހިތެއް ނުރުހޭނެތާއެވެ.
ކަތީބުބޭބެ ގާތު ބުނަންހެއްޔެވެ. މިހާރުދެން ތިދަނީ ހައްދުފަހަނަ އަޅައިގެންނެވެ. ތިއުޅޭ ގޮތަށް މީހުންގެ ކުރިމަތީގައި މީހާ މުޅީން އަގުވެއްޓި އެންމެފަހުން ބަޔަކުނުކުމެ ތިބޭގެ ހަތަރެސްފައި ނުބަންނަނީސް ނިކަން ހޭއަރާ އަޑުއަހާ ބަލާށެވެ. އަހަރެމެން މިއުޅެނީ ބޭެބެވެސް އަހަރެމެންގެ ތެރޭގައި އިއްޒަތް ދީގެން ބެހެއްޓޭތޯއެވެ. އަދި ބޭބެގެ ނަމުން ތަންތަނަށް ނަންކިޔާން އުޅުނީމަ ގިނަބަޔަކު އެކަމާ ނުރުހުނަސް އެކަންވެސް ކޮންމެވެސް ދުވަހަކުން ކުރާނެއެވެ. ތިހާ ހިތްދަތިވެގެން ތިއުޅެނީ ވައިގެ އެއޮއްބޮޑު ވައިގެ ބަނދަރަށް އެހެންމީހެއްގެ ނަންކީމަހެން ހާދަހީވެއެވެ. އެކަމަކު އެކަމަކާހުރެ ބޮލުރޮދި ކެނޑިގެން އުޅޭ ވާލެއްހެން އަދި އުޅޭކަށް ނުވޭތާއެވެ. އެތަނުގެ ފާހާނާ ބަރިޔަށްވެސް އަދި އެހެރީ ނަމެއް ނުދީވިއްޔާއެވެ. އެއީ ރާއްޖޭން ބޭރުން އަންނަ އަދި ބޭރަށް ފުރާ އެންމެންހެން ބޭނުންކުރާ ތަނެއްކަމުން ބޭބެގެ ނަން ދަމަހައްޓަން އެތަނަކީވެސް ނުލާހިކު ރަނގަޅުވާނެ ތަނެކެވެ. ތިހާވަރުން ނޫޅޭށެވެ. އަހަރެމެންވެސް މިހާރު ލަދުގަންނަ ހިސާބަށް ކަންކަން މިހިރަ ދަނީއެވެ.
އަމިއްލައަށް ނުކުރާނަމޭ ބުނިހައި ކަމެއްކޮށް ބޭބެގެ އަގު މުޅީން ވެސްޓިދާއިރު ވެސް ބޭބެގެ ގާތުގައި ތިޔަ ތިބަ ހަމައެކަކުވެސް އެކަމަކާ ފިކުރެއް ނުކުރެއެވެ. އެންމެފަހުން މިހާރު އިއްޔެ އެއިވުނު އަޑުތަކުން ތިބެޔަށް ބަންޑާރައިން އެދޭ ފައިސާ ކޮޅުވެސް ބަޔަކު ނުކުމެ ކަނޑާލަ ފާނެހެން އެބަހީވެއެވެ. ކަތީބުބޭ ދެން ދުވަހަކުވެސް ސިޔާސީ ކަންކަމުގައި ސިޔާސަވެގެން ނޫޅޭނަމޭ ބުނެފައި އަނެއްކާ މާސިޔާސަ ވެގެން އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމުގައި ކަތީބުބެއަށް އިއްޔެއާ ޖެހެންެދެން އެންމެ ހެޔޮއެދިގެން އުޅުނު މީހުންވެސް އެދަނީ ބުނަމުންނެވެ. އެމީހުން މިކަހަލަ ކަމަކަށް އާނބަސް ބުނެ ނުކުމެއްޖިއްޔާ މިހާރު ” ބޮޑުހޯލު ” އޮތްގޮތުން ތިބޭބެގެ ހަސްފަސްވެސް މުޅީން ނެތިގެން ހިނގައިދާނެތީވެ ހާދަހާ ހިތަށް ތަދުވެއެވެ. އެހެލި ކަތީބާއެވެ. ހެޔޮނުވާނެއެވެ. މިހާރުދެން ތިހިރީ މިކޮޅަށްވުރެ އެކޮޅު ގައިމުވެސް ކައިރިވެ އަޖޫޒުވެފައެވެ. މިހާރުދެން ކިޔަވާލާ އަޅުކަމުގައި ގިނައިން އުޅެވޭތޯ ބަލާބަލާށެވެ. ކޮންމެ މީހަކަށްވެސް ތިދުވަސް އަންނާނެއެވެ. ބަސްނާހާ ސިޔާސަކުދީން އެކުގައި އުޅޭތީވެ އެކުދީން ބުނާގޮތަށް އުޅޭން ހަދައިގެން މާދަމާ ތިބޭބެޔާ ތިބޭބެގެ ކުދީންކޮޅު މަގުމައްޗަށް ގިނަވެ ގުދަންތަކުގައި ތަޅުލައިގެން ގެންގުޅޭން ޖެހިއްޖިއްޔާ އަދިވެސް ތިބޭބެގެ ހާލާމެދު ހަމްދަރުދީވާ އަހަރެމެން ކަހަލަ މީހުންގެ ހިތަށް ވަރަށް ތަދުވާނެތީވެ މިވާހަކަ ބުނެލީއެވެ. އަނެއްކާ ތި އެއްކުރާންއުޅޭ ބައިގަނޑުގައި ފަސް އަދަދު ހަމަނުވެއްޖިއްޔާ މީހުން ކިޔާނެ އެއްޗެތީން ލޯހުޅުވާލަންވެސް ދަތިވާނެއެވެ. ނިކަން ހޭއަރައި ވިސްނައިގެން އުޅެވޭތޯ އަދިވެސް ބަލާބަލާށެވެ