މެންބަރުންގެ ޚިޔާލު: މިވަނީ ކިހިނެއް!!

ފުނަމާ

democracy

ވެރިކަމުގެ ހުވާކުރީ ވަގަށް ހަތިޔާރު އަޅައިގެން ހުރެކަމުގައި ބުނިއަޑު އެހީމެވެ. ޖައްވަށް ފަޒާއަށް ، ހަވަޔަށް ޖެހިކަމުގައި ބުނި ބަޑިތަކުން އެތައް ބަޔަކު ޒަޚަމުވެ މަރުވިއެވެ. ދައްކާވާހަކަ އެއިރުވެސް ދިމަލެއް ނުވެއެވެ. މަލްޓިޕާޓީ ޑިމޮކްރަސީ އަކީ ރާއްޖޭގެ މީހުން އަމުދުން ބޭނުން ނުވާ އެއްޗެއް ކަމުގައި ބުނެގޮވިއެވެ. އެކަމަކު އެއީވެސް ދޮގުކަން ސާބިތުވާކަށް ގިނަދުވަހެއް ނުނެގިއެވެ. ސިޔާސީ ޕާޓީ ހެދުމާ އަމިއްލައަށް ވެރިކަމަށް އެދުމަކީ އިސްލާމް ދީނާއި ޚިލާފުކަންކަން ކަމުގައި ބުނެ ގޮވީވެސް ހަމަ އެއަނގައިންނެވެ. އެކަމަކު ބަލަ ތެޅިގަނެގެން ޕާޓީވެސް ހެދިއެވެ. ހައެއްކަ ކުދިންނާ ވާދަކުރާން ވެރިކަމަށް ކުރިމަތިލައި ފެއިލްވުމުން ބުނީ އެއީ އުމުރު ދޮށިވެ ތިރީސްއަހަރު ވެރިކަމުގައި ހުރީމައި ރައްޔިތުންނަށް ޖެހުނު ކުންޏެއް ކަމުގައެވެ.
ވެރިކަން ނުލިބި ބޮޑެތި ދަރަނިތައް ބޮލުއެޅުނީމައި ގޮވާލީ މަމިއުޅެނީ ދެން ސިޔާސީ ކަންކަމުން އެއްކިބާވެ އަރާމުކުރާން ކަމުގައެވެ. އެކަމަކު ދުރުގައި ހުރެވުނީ އެހެންމީހަކު އެދަރަނިތަކާ ހަވާލުވިކަން އެނގޭންދެނެވެ. އަވަހަށް އައިސް ގޮވާލީ މީ މަގޭ ޕާޓީއެވެ. މަނޫންމީހަކަށް ވެރިކަން އޮވެގެން ނުވާނެއެވެ. ޕާޓީގެ ނަމަކީ ތިމަންނާއޭ ، ތިމަންނާއަކީ ޕާޓީއޭ ގޮވައި ހިރިނުލެވޭއިރުވެސް ކޮރުލަމުން ދުވެވޭތޯ ބެލިއެވެ. މަމީ، މަގޭ ޕާޓީއޭ މިކަމާ ނުރުހޭ ބަޔަކުނަމަ ޖެހޭނީ ޕާޓީ ހަދައިގެން ދާށޭ ތިމަންނާ ޕާޓީއެއް ނުހަދާނަމޭ ބުނެއުޅުނެވެ. މިހާރު ބުނަނީ ޕާޓީގައި އުޅެއުޅެ ދަތްކޮޅު ފޭބީމައި ދެން އެހެން ޕާޓީއެއް ހަދަނީ ކަމުގައެވެ. ނުކުރާނަމޭ ބުނިހައި ކަމެއްކޮށް އަވަދިވީއެވެ. މިކަން މިމަގުން ހިނގާއިރު ދެން މިހާރު އެދައްކާ ވާހަކަތައް އުޑުބަޅު ކުރެއްވި ހިސާބުގައި ގަބޫލުކުރާނީވެސް އަޅެ މޮޔައިން ނޫންހެއްޔެވެ؟
ޕާޓީ ހަދާއިރު މީހުން ބުނެއުޅޭތީ އިވެނީ ދެތިންތަނުން ބިންދައިގެން ގޮނޑުމައްޗަށް އެއްލާލާފައިވާ ބާރެލީ ބައިސްކަލުތަކެއް ނޫނީ ސޮއިކުރާ ސަރަހައްދުން ނުފެންނަ ކަމުގައެވެ. ވަށާއެނބުރޭ ވައިކުޅަނދުރު ތަކުގެ އަޑުނޫނީ ނުއިވޭ ކަމުގައެވެ. ދެން އެބުނަނީ އެއްލައްކަ މީހުން އާބާދީގައި އުޅޭ ރަށެއްގެ ވަޒަންވެރިއަކަށް އަމިއްލަ ޕާޓީ ހަދައިގެން ފަސް ހައަހަރު ވީއިރު ތިންހާސްމީހުން ހަމަނުވެގެން އުޅެއުޅެފައި އަމިއްލަ ޕާޓީ ދޫކޮށް އެންމެ ފުރަތަމަ ބައިއަތު ހިފި ވާހަކައެވެ. އަޅެ މީހުން އަޖާއިބު ވާނީވެސް އަޖާއިބު ވާވަރުގެ ވާހަކައެއް ދެއްކި ނަމަތާއެވެ. ވާނީވެސް އެހެންތާއެވެ. ކުޑައޮޑި ފައްތާލި ފަތާމީހާ އެހެރީ ބޮޑުއޮޑިވެސް ފައްތާލެވުނު ކަމުގެ ހިންހަމަ ޖެހުމާއެކު ދެންއަރާން މިއުޅޭ އޮޑި ފައްތާލާނެ މޮޅުގޮތެއް ވިސްނާލަ ވިސްނާލަ އަރިކަށި ދޮށުގައި ވިއްޔާއެވެ. މިމީހުންނައް މިނޫން ދަތުރެއް އަދި މިފެންނަ ގޮތުން އޮތްކަމަކަށް ގިނަމީހުން ގަބޫލެއް ނުކުރެއެވެ.
ތިމާމީހާ ނާޗަރަންގީ ކުރާން ދުނިޔޭގެ އެތަން މިތަނުގައި އުޅެއުޅެފައި އައިއިރު އެތައް ލަދެއްގައި ބެދިގެން ، ދަރާވިކި ހަފުސްވެގެން ، ރެޔާ ، ދުވާލު ނުނިދައި މަސައްކަތް ކޮށްގެން ބަޔަކު ކުޅަހައި މަސައްކަތުގެ ހުރިހައި ރީތިނަމަކާއި ޝަރަފެއް ތިމާއަށް ދީފައި އޮތް އިރު ހިތައް އެއްޗެއް ނާރައި އެމީހުން އެކުޅަ ހުރިހައި މަސައްކަތެއް ވަޔަށް ތަޅައި ވިއްސާލުމަކީ ، ގައުމީ މަސްލަހަތޭ ބުނި ކަމަކު އެކަން އެގޮތަށް ވާނެ ހެއްޔެވެ؟ އިޚުލާސްތެރި ކަމުގެ ކަންފުޅެއްވެސް ހުރިނަމަ މިކަހަލަ ނުބައި ނުލަފައި ރޭވުން ރާވައި މީހުންނަށް މިފަދަ ގެއްލުން ދޭން ވާނެ ހެއްޔެވެ؟
ކޮންމެއަކަސް މީގެ ކުރީން ގޮވައި އުޅުނީ ތިމަންނާ މެންނަކީ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމުގައެވެ. އެންމެ އިއްޒަތްތެރި ތަޖުރިބާކާރު އިލްމުވެރީން ތިބީ ތިމަންނާ މެންގެ ތެރޭގައި ކަމުގައެވެ. އަދި އެންމެ ތާއީދުބޮޑީވެސް ތިމަންނާމެންގެ ކަމުގައެވެ. ތަޅާފޮޅައި މަސްކޭއިރު މީހަކު މިވަނީ ކިހިނެއްތޯ އަހާލާއިރަށް ހަމަ އެއްކަމެއްވެސް ނުވެޔޭ ބުނާއަޑު އިވުނެވެ. މިހާރު މިފެންނަނީ ދެން އެހެންވިއްޔާ ކޮންކަމެއް ހެއްޔެވެ؟ މިއަދު އެބުނަނީ ދަތްކޮޅު ލުހުނީމައި އެހެން ޕާޓީއެއް ހަދަނީ ކަމުގައެވެ. އެހަދާ ޕާޓީ ރޫޅޭ ދުވަހަކުން ބުނާނީ އަރިކަށިން އިތުރު ދޮރެއް ކެނޑުނީއޭ ނޫން ކަމެއްވެސް ނޭނގެއެވެ. ފިސާރި ކުޅިގަނޑެއް އަދިވެސް ކުޅޭނަމޭ ހިތުލައި އެނބުރި ގަންނަތަން ބަލާން ތިބެމާ ބަހީއެވެ. ވާގޮތެއް އެނގިދާނެ ތާއެވެ