ފުވައްމުލަކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވައިފި

ފުވައްމުލަކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މި ނަމުގައި، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރާއި ފުވައްމުލަކު އަތޮޅު ކައުންސިލް ހިއްސާދާރުންގެ ގޮތުގައި ހިމެނޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވައިފިއެވެ.

އިއްޔެ އުފެއްދެވި މި ކުންފުނީގެ ހިއްސާއިން އުފައްދާ ރައުސުމާލުގެ %51 (ފަންސާސްއެއް އިންސައްތަ) އަށްވާ ހިއްސާއަކީ، ދިވެހި ސަރުކާރުގެ ހިއްސާ ކަމުގައި ހަމަޖައްސަވައި، %49 (ސާޅީސްނުވަ އިންސައްތަ) އަށްވާ ހިއްސާއަކީ، ފުވައްމުލަކު އަތޮޅު ކައުންސިލުގެ ހިއްސާ ކަމުގައިވަނީ ހަމަޖައްސަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މިކުންފުންޏަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން ފުވައްމުލަކުގެ [ބިޅިފޭށި] އާއި [ތޫނޑު] މިދެރަށަކީ ދިވެހި ސަރުކާރުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަރައްޤީކޮށް، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އެކިއެކި ވަސީލަތްތައް ޤާއިމްކޮށް، ވިޔަފާރީގެ ތަފާތު އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށް، ފުރްޞަތު ހޯދައިދިނުމަކީ ބޭނުންތެރިކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ އުފެއްދެވި ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދެވުމުގެ ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވީ، ފުވައްމުލަކު ތަރައްޤީގައި ސާކްގެ ޙިއްޞާ މިނަމުގައި އިއްޔެ ހަވީރު ފުވައްމުލަކުގައި ބޭއްވެވި ޚާއްޞަ ޖަލްސާގައެވެ.