މުދަލާއި ޚިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހަވީރު ތަޞްދީޤު ކުރައްވައިފި

tax-hep

މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާއިން ފާސްކުރެއްވި މުދަލާއި ޚިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވީ “ފުވައްމުލަކުގެ ތަރައްޤީގައި ސާކުގެ ޙިއްޞާ” މި ނަމުގައި އިއްޔެ ހަވީރު ފުވައްމުލަކު އަތޮޅު ތަޢްލީމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މިޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ.

މި ޤާނޫނަކީ، ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން މި ޤާނޫނުގައިވާ ގޮތުގެމަތިން “ގުޑްސް އެންޑް ސަރވިސަސް ޓެކްސް” ނެގުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ ތެރެއިން، މި ޤާނޫނުގައި ޖީ.އެސް.ޓީ ނެގޭނެ ކަމަށް ބަޔާންކޮށްފައިވާ މުދަލާއި ޚިދުމަތުގެ އަގުން، މި ޤާނޫނުގެ 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މިންވަރުތަކަށް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން ޖީ.އެސް.ޓީ ނެގުމާއި ޖީ.އެސް.ޓީ ދެއްކުން މި ޤާނޫނު ލާޒިމުކުރެއެވެ.

މި ޤާނޫނުގައި، ޖީ.އެސް.ޓީ. ނެގޭނެ ގޮތާއި، ޓެކްސް ނެގުމުން އިސްތިސްނާވާ މުދަލާއި ޚިދުމަތްތަކާއި، ސުން-ރޭޓުގައި ޖީ.އެސް.ޓި ދައްކަންޖެހޭ މުދަލާއި ޚިދްމަތްތަކާއި، ޓެކްސް ނެގޭ މުއްދަތުތައް ބަޔާންކޮށްފައިވެއެވެ. އަދި ޖީ.އެސް.ޓީ ބަޔާނާއި، ޖީ.އެސް.ޓީ ހިސާބުކުރާ ގޮތާއި، ޓެކްސް އިންވޮއިސްއާއި ޓެކްސް ނެގޭ ޙަރަކާތްތައް ރަޖިސްޓަރީ ކުރުމާބެހޭ ބައިތައްވެސް ހިމެނިފައިވެއެވެ.

މި ޤާނޫނުގެ ދަށުން ނަގަންޖެހޭ ޖީ.އެސް.ޓީ ބެހިގެންވަނީ، މައިގަނޑު ދެ ބާވަތެއްގެ މައްޗަށެވެ. އެއީ، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީއާއި، އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީގެ މައްޗަށެވެ.

ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނެގުމަށް ހަމަޖެހިފައިވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2011 ގެ ނިޔަލަށް %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ)؛ 1 ޖެނުއަރީ 2012 އިން ފެށިގެން 31 ޑިސެމްބަރު 2012 ގެ ނިޔަލަށް %6 (ހައެއް އިންސައްތަ)؛ 1 ޖެނުއަރީ 2013 އިން ފެށިގެން %8 (އަށެއް އިންސައްތަ)އިންނެވެ.

މި ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ފިޔަވައި، އެނޫން ދާއިރާތަކުގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނެގުމަށް ހަމަޖެހިފައިވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2011 ގެ ނިޔަލަށް %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ)؛ 1 ޖެނުއަރީ 2012 އިން ފެށިގެން %6 (ހައެއް އިންސައްތަ) އިންނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރާ ދުވަހުން ފެށިގެން މީލާދީ 1 މަސް ދުވަސް ފަހުންނެވެ. އަދި މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، މި ޤާނޫނު ތަޞްދީޤުކޮށް ގެޒެޓުގައި ޝާއިޢު ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނޭ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.