އައްޑޫސިޓީއާއި ފުވައްމުލަކުގައި ސާކް ސަމިޓާއެކު ބިނާ މިކުރެވެނީ ތަރައްޤީއަށް މަގުފަހިވާނެ މައިގަނޑު ވަސީލަތްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

hep

އައްޑޫސިޓީއާއި ފުވައްމުލަކުގައި ސާކް ސަމިޓާއެކު ބިނާ މިކުރެވެނީ، ތަރައްޤީއަށް މަގުފަހިވާނެ މައިގަނޑު ވަސީލަތްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިއްޔެ އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސާކް ސަމިޓަށްޓަކައި އައްޑޫސިޓީއާއި ފުވައްމުލަކުގައި ހިނގަމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޑޫސިޓީގައި ހިނގަމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އައްޑޫ އެއީ ފުރިހަމަ ސިޓީއެއްގެ ގޮތުގައި ބިނާކުރުމަށް ބޭނުންވާ ގިނަ ކަންކަން ސާކް ސަމިޓްގެ މަސައްކަތްތަކުގެ ތެރެއިން ނިމިގެންދާނެ ކަމުގައި ވިދާޅުވިއެވެ. ފުވައްމުލަކުގެ މަސައްކަތްތަކުގެ ތެރެއިން އެއަރޕޯޓްގެ މަސައްކަތާއި، އިތުރު މަގު ހެދުމުގެ މަސައްކަތާއި، ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތާއި، ނެރު އަލުން އަނބުރާ މަރާމާތު ކުރުމުގެ މަސައްކަތާއި، ސަމިޓަށް ތައްޔާރުކުރެވޭ ކްރިކެޓް ސްޓޭޑިއަމް ހެދުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފުވައްމުލަކު އެއަރޕޯޓްގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ސަމިޓަށް ނިމޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްވި ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުގެ ތެރެއިން މުދަލާއި ޚިދްމަތުން ޓެކްސް ނެގުމުގެ ބިލް، ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރައްވާފައި ވުމާއެކު، ފުވައްމުލަކުގައި މިއަދު ހަވީރު ބޭއްވޭ ރަސްމިއްޔާތެއްގައި، އެ ބިލް އެމަނިކުފާނު ތަޞްދީޤު ކުރައްވާނެކަން ހާމަކުރެއްވިއެވެ.

މިދިޔަ ހަފްތާގައި ކުޅުދުއްފުށްޓަށް ބައެއް މިނިސްޓަރުން ވަޑައިގެން، އެޕްރޮވިންސްގައި ހިންގާ ކިތަންމެ މަޝްރޫޢުތަކެއް އިފްތިޠާޙު ކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުޅުދުއްފުށްޓާއި އައްޑޫ ހިތަދުއާއި އަދި އެހެންވެސް ރާއްޖޭގެ ބޮޑެތި އާބާދީތަކަށް، އެ އާބާދީތަކަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ހޯއްދަވައިދެއްވުމުގެ އެންމެބޮޑު އެއްބޭނުންފުޅަކީ، ކައިރީގައިވާ ކުދިކުދި އާބާދީތަކަށް، ބޮޑެތި އާބާދީތަކުން ވިޔަފާރީގެ ފައިދާއާއި، ތަރައްޤީގެ ފަހިކަމާއި އަދި އެހެން އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދޭނެ ފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ހުރިހާ ރަށެއް ހަމައެކަނި މާލެއަށް ބަރޯސާވެގެން، އަޅުގަނޑުމެން މިއެދޭ ތަރައްޤީގެ ސްޕީޑް އަޅުގަނޑުމެންނަށް ނުލިބޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.