މެންބަރުންގެ ޚިޔާލު: ކިތަންމެ ހިއްޗަސް މިއީ ހަގީގަތެވެ!

ފުނަމާ

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ގަދަކަމުން ނަމަވެސް ބަދަލުކުރެވި ، ގާނޫނުއަސާސީ އިސްލާހު ކުރެވި، މަލްޓިޕާޓީ ޑިމޮކްރަސީގެ އަސާސް ތަކާއި އެއްގޮތަށް ދިވެހީން ކުރިޔަށް ދިއުމުގެ މަގުގައި އަދިކިރިޔާ މިފެށުނީ ފިރުކޭށެވެ. އެންމެ ފުރިހަމަޔަށް ކަންކަން އިސްލާހުކޮށް ކުރިއަރައި ދިއުމަށް ބޭނުންވާ ކިތަންމެ ގާނޫނެއް އަދިއެހެރީ މަތާރަންފިލާމަތީގައި ލިޔެލި ގޮތަށެވެ. ފާސްކުރެވޭނެ ދުވަހެއް ނުއެނގިއެވެ. ސިޔާސީ ކޯޅުން ތަކުގެ ތެރޭގައި މުޅިގައުމުޖެހި މިއަދާ ހަމަޔަށް އަައިއިރުވެސް ރައްޔިތުން އެންމެއެދޭ މަންޒަރު އަދިމިވަނީ ފުރިހަމަ ނުކުރެވިކަމުގައި ގަބޫލު ކުރާން އެބަޖެހެއެވެ. އާސަރުކާރުން ރައްޔިތުންގެ އިހުސާސްތަކާ ވިންދާ އެއްގޮތަށް ކަންކަން ފަހިކޮށް ހިންގާންފެށި އެތައްކަމެއް އެހެރީ އިދިކޮޅު މީހުންގެ ނޭއްގާނި ކަމާއި ގޮތްދޫނުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެތައްތަނެއް ފަހައްޖެހިފައެވެ. ނަމަވެސް އުފާވަނީ ކޮންމެ ހާލަތެއްގައި ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކާއި އެކު ކުރިޔަށް ދިއުމަށް މަޖިލީހާއި ، ޝަރުޢީ ދާއިރާއިން އަޅަމުން ގެންދާ ހުރަސް ތަކާއި އެކުގައި ނަމަވެސް ކުރިޔަށް ދާކަމެވެ. ޗާޓުގެ ތެރެއިންނާއި ބައެއްފަހަރު ބޭރުންވިޔަސް ގައުމާއި ރައްޔިތުންގެ ޙައްޤުގައި ކުރާންޖެހުނު ކަމެއް ވިއްޔާ ނުކޮށެއް ސަރުކާރަކުން ދޫކޮށެއް ނުލައެވެ.
ގައުމުގެ ހާލަތު މިއަދު ބަދަލުވެފައިވާ މިންވަރާ ދުނިޔޭގެ ތަރައްގީ ރާއްޖޭގެ ރައްޔިތުންނަށް މިއަދު އޮޅުވާނުލެވޭނެކަމީ ހަގީގަތެކެވެ. ނަރުދަމާއާއި ސާފުބޯފެންފޮދެއް ނެތި ރައްރަށުގައި ރައްޔިތުން މިއުޅޭ ހާލު ވަޒަންކުރެވިފައިވާ ވެރިބަޔަކު ރާއްޖޭގައި މީގެ ކުރީން އުޅުނުނަމަ މިއަދު ގައުމު މިއޮތް ހާލުގައި އޮތީސް ހެއްޔެވެ؟ ގައުމުގެ ބިންތަކާއި ފަޅުތަކާއި ފަރުތައް އަދި، ފަޅުރަށްތައް މިސަރުކާރުން ވިއްކަމުން ގެންދަނީ ކަމުގައި ބުނެ ވަކިބަޔަކު ސަރުކާރާ ދިމާލަށް ގޮވައި ނަގާއިރު މިގައުމުގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށް ދިނުމަށް ބޭނުންވާ މާލީ މުއްސަނދިކަން ހޯދަން މިޖެހެނީ ރާއްޖޭގައި ހުރި ވަސީލަތެއްގެ ބޭނުންކޮށްގެންކަން އެމީހުންނަށް ކިޔަވައިދިން އެދުރުން އެމީހުން ގާތު ބުނެދީފައި ނެތަތީވެ ހިތާމަކުރަމެވެ. މިގައުމަށް ބޭނުންވާ ތަރައްގީގެ ވަސީލަތްތައް ގާއިމު ކޮށްދިނުމަށް ބޭރުންވިޔަސް އެތެރޭން ވިޔަސް ބަޔަކު ކުރިމަތިލާނީ ފައިސާ ނުވަތަ، އެހެންވެސް ވަސީލަތެއް އެބަޔަކަށް ދީގެންކަން ފަހެ އިގުތިސޯދީ ރޯނުއެދުރުވެގެން އެއުޅޭ މީހުން ނުދަންނަނީ ބާވައެވެ؟ ގައުމުގެ އެންމެންގެ އަތުން އެކިނަންނަމުގައި އޮޅުވާލައިގެން ނަގަމުން ގެންދިޔަ ނުސީދާ ޓެކްސްތަކާއި ޓުއަރިޒަމްއިން ރާއްޖެއަށް ލިބޭ އާމްދަނީއިން ހަމައެކަނި ސިވިލްސާވިސްއަށް މުސާރަދީފައި ބާކީވާ އެއްޗަކުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުސާރަ ދީފައި އަހަރަކު ރަށެއްގެ ނަރުދަމާ އަޅާނެ ފައިސާކޮޅެއް ބާކީ ނުވާއިރު އެނޫންގޮތެއް ހޯދަން ދައުލަތައް މަޖުބޫރުވާކަން ރައްޔިތުންގެ އިހުސާސްތައް ދަންނަ ބަޔަކު އެބަދަނެއެވެ. މީގެކުރީން ކާފާފުޅަށާއި ދޮންއަމަޔަށް ހިބައިން ދީފައިހުރި ފަޅުރައްތަކުން އެމީހުން އެކަނި ކައިބޮއެ ބަނޑުފުރާ ރިސޯޓު ހަދައިގެން މުއްސަނދި ވެފައި ތިބިޔަތީވެ މިއަދުވެސް ކަންއޮންނާންވާނީ އެގޮތައް ކަމުގައި ދެކެނީ ހެއްޔެވެ؟ ނޫނީ އެފަޅުރަށްތަކާއި ބިންތަކާއި ފަރުތައް ވަކިބަޔެއްގެ އަތުން ފޯއްއަޑިއެއް އަތުލާފައި ދީގެން ރައްޔިތުން ހަނާވާން ތިބޭންވީ ހެއްޔެވެ؟ މިއަދުގެ ސިކުނޑިތަކެއް މިކަމެއް ގަބޫލެއް ނުކުރާނެއެވެ.
ނަމަވެސް މިކަންކަން ހިގަމުން ދަނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތައްތޯ ބަލައި ސަރުކާރަށް ފާރަލައި ގޯސްމަގަކުން ދާނަމަ ސަރުކާރު ހަމަމަގަށް އަޅުވައި ޖަވާބުދާރީ ކުރުވާނެ ބަޔަކު ފިސާރި ކެރިގެން އެބަތިބޭން ޖެހެއެވެ. ދައުލަތުގެ ކަންބަލާ މުއައްސަސާތަކުގެ ސަމާލުކަމަށް ގޯހުން ގޯހަށް ކަންކަން ނުދަނީސް ރިޕޯޓުކުރާން ޖެހޭ ބަޔަކުވެސް އެބަތިބޭން ޖެހެއެވެ. ކޮންމެ ރައްޔިތަކީ އޭނާގެ އަމިއްލަ ދިރިއުޅުން ދޫކޮށްފައި އަނބިދަރީން ގުރުބާން ކޮށްފައި މިކަންކުރާން ތިބެވޭނޭ ބައެއް ނޫނެވެ. އެހެންކަމުން މަލްޓިޕާޓީ ޑިމޮކްރަސީ އެއްގައި އެކަން ކުރާން ވަކިބަޔަކު އެބަތިބެއެވެ. ދައުލަތުގެ ބެލެނިވެރީންގެ ގޮތުގައި ވެރިކަންކުރާ ފާޓީ ކަނޑައެޅިފައި މިނިޒާމުގައި އޮންނައިރު ، ވެރިކަންކުރާ ޕާޓީގެ ބެލެނިވެރީންގެ ގޮތުގައި މާނަކުރެވެނީ ކިތަންމެ ގޮތަކުން އެގައުމެއްގައި އޮންނަ އެންމެބޮޑު ސިޔާސީ އިދިކޮޅު ޕާޓީއެކެވެ. އިދިކޮޅު ޕާޓީއަކީ އަބަދުވެސް ސަރުކާރުން ކުރާ ކަންކަމުގެ ރަނގަޅު ނުރަނގަޅު ބަލައި ފާރަވެރިވެ ސަރުކާރުން ރައްޔިތުންނާއި ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ކުރާ ކޮންމެ މަސައްކަތެއްގައި ވާގިވެރިވެ ހަމައެހެންމެ ، ސަރުކާރު ފާލުންނެއްޓޭނަމަ ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރުމުގެ ޒިންމާއާއި ހަވާލުވެ ތިބޭ ފަރާތެވެ. މިއީ މަލްޓިޕާޓީ ޑިމޮކްރަސީގައި ކަންހިނގާ ގޮތެވެ. ނަމަވެސް މިއަދު ރާއްޖޭގައި އުފެދިފައިވާ އެންމެބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެދަނީ ރޫޅިގެންނެވެ. ހިތާމަޔަކީ އެކަން އެކުރަނީ ހަމައެޕާޓީގެ ތެރެއިން ބަޔަކު ނުކުމެ އަމިއްލަ އެދުމުގައި ކަމުގައި ވާތީއެވެ. މިއީ މިއަދު މިގައުމު ހަމަމަގުގައި ގެންދާން ބޭނުންވާ ކޮންމެ މުއާތިނަކުވެސް ހިތާމަކުރާނޭ ކަމެކެވެ.
މިކަންކަން މިމަގުން ހިނގަމުން ދާއިރު އެމްޑީޕީގެ އެންމެހާ މެންބަރުންގެ ބޮލުގައި މިއަދު އެޅިގެން މިދަނީ ” ކެއްސަމުން ލޯގަނޑު އުކުމުގެ” އުންދަނގޫ ޒިންމާއެވެ. މިއަދު ސަރުކާރު ހިންގާން އެތިބީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ކަމުގައި ވާއިރު ސަރުކާރު ލައްވައި ރައްޔިތުންގެ މުހުތާދުތައް ފުއްދުވައި ދިނުމާއި ސަރުކާރު ހަމަމަގަށް އަޅުވައި ޒިންމާދާރު ކުރުވުމުގެ ޒިންމާވެސް މިއެޅުނީ މިޕާޓީގެ މެންބަރުންގެ ކޮނޑުގައެވެ. މިއަދު އެންމެބޮޑު ސިޔާސީ ޕާޓީ ރޫޅާލައިގެން އެއުފައްދާ ޕާޓީއަކީ މިހާރުވެސް ކިތަންމެ ފަހަރަކު ރޫޅި ހަފުސްވެފައިވާ އަމިއްލަ އެދުން ފިޔަވައި އެއްވެސް އިތުރު އަމާޒެއްް އަމުދުން ނެތްބަޔަކު އިސްވެތިބެ އުފައްދާ ފާޓީއެއްކަމުން އެމީހުންގެ ފުށުން ކުރެވިދާނެ އެއްވެސް އުންމީދެއް ނޯންނާނެއެވެ. ފަހަރެއްގައި އެތައް މިލިޔަން ޑޮލަރެއްގެ ޚިޔާނާތާއި މިނޫންވެސް އެތަކެއް ޚިޔާނާތުގެ މައްސަލަ ތަކުގައި މިހާރުވެސް ކޯޓުތަކަށް ދަމާމީހުންތަކަކާއި ގެންދަން ކައިރިވަމުން އަންނަ ބަޔެއްގެ ހިމާޔަތުގައި އުތުރިއަރާނެ ބަޔަކު ވާވައްދައިގެން އެހެންނަމެއްގައި ހޯދުމުގެ މަގުސަދުގައި އެބަޔަކު އުޅެނީ ކަމުގައިވެސް ގިނަމީހުން ގަބޫލުކުރެއެވެ. ކޮންމެއަކަސް ސަރުކާރު ޒިންމާދާރު ކުރުވުމުގެ މެންޑޭޓު ރައްޔިތުން ހަވާލުކުރި އެންމެބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ރޫޅިގެން ދިޔައީއެވެ. މިއީ ކިތަންމެ ހިއްޗަސް މިއަދު ގަބޫލުކުރާންޖެހޭނެ ހަގީގަތެކެވެ