މެންބަރުންގެ ޚިޔާލު: މިގައުމު އަމާންކަމާއެކު ކުރިއަށް ދިޔަދޭނެތަ؟

ފުނަމާ

ވެރިކަމުގެ ނިޒާމަށް އިސްލާހީ ބައިވެރީން ގެނުވި އިސްލާހީ އިންގިލާބަށްފަހު މިއަދު ގައުމު މިކުރިމަތިލީ އިގްތިސާދީ އިސްލާހީ އިންގިލާބަކާއެވެ. މިހާތަނަށް އަޅުގަނޑުމެން ތަޖުރިބާ ކޮށްފައި ނުވާފަދަ ބޮޑު ބަދަލަކާއެވެ. ކިތަންމެ ދަތިތަކަކާއި އެކުނަމަވެސް ﷲގެ ރަޙުމަތްފުޅުން އިގްތިސާދާގުޅޭ އެންމެ މުހިންމު ބިލު މިހާރުމިވަނީ ފާސްކުރެވި ނިމިފައެވެ. ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި މިބަދަލަށް ވާސިލް ވުމަށް އިގުތިސާދީ ޕެކޭޖުގެ ހުރިހައި ބިލެއް ފާސްވުމަކީ މުހިންމު ކަމެކެވެ. ކޮންމެ ގޮތަކުން ނަމަވެސް ޖީއެސްޓީ ބިލް ފާސްވިއިރު ގެނެވުނު ބައެއް އިސްލާހު ތަކުގެ ސަބަބުން ދައުލަތަށް ލިބެންވާ އާމްދަނީގެ ބޮޑުބައެއް އުނިވެފައި އޮތްކަމީވެސް ފާހަގަ ކުރެވޭ ކަމެކެވެ. މީގެ ސަބަބުން ގައިމުވެސް ދޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އެހެން ނަމަވެސް މިކަންކަމާ އެކުވެސް ކުރިޔަށް ދިއުމަށް ސަރުކާރަށް މިވަނީ ހިތްވަރު ލިބިދީފައެވެ.
ކޮންމެ ބަދަލަކާ ގުޅިގެންވެސް ތަފާތު ސުވާލުތަކެއް އެބަދަލުތައް ހިއްސާކުރާ ބައެއްގެ ހިތުގައި އުފެދޭނެއެވެ. މިކަންކަމަށް އެންމެފުރިހަމަ ޖަވާބެއް ލިބިދޭނީ ތަޖުރިބާއިން ކަމުގައި ދަންނަވާން ޖެހެއެވެ. ރާއްޖޭގައި މިއަދު މިއޮތް ސިޔާސީ ވެށީގައި ސަރުކާރުން ކުރާންއުޅޭ ކޮންމެކަމެއް ރައްޔިތުންނަށް ވިސްނައި ދިނުމަށް ސަރުކާރުންކުރާ މަސައްކަތާ ދިމާއިދިކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާތީވެ ރައްޔިތުންގެ ގިނަބައެއްގެ ހިތުގައި ސުވާލުމާރކުތަކެއް ޖެހިގެންދާނެކަން ގަބޫލުކުރާން ޖެހެއެވެ. ނަމަވެސް މިއަދު އިދިކޮޅު ފަރާތްތަކުގެ މަކުރުވެރި ރޭވުންތަކާއި އިޚުލާސްތެރި ކަމެއް އަމުދުން ނެތްކަން ރައްޔިތުން އެދަނީ ގަބޫލުކުރަމުންނެވެ. މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕާޓީގައި ހިމެނި ވަޑައި ނުގަންނަވާ ބޮޑެތި ވިޔަފާރިވެރީންގެ ތެރެއިންވެސް ފާހަގަކުރެވޭ ބައެއް ބޭފުޅުން ސަރުކާރުން ހުށައެޅުއްވި ހުށައެޅުއްވުމާ އެއްކޮޅަށް ވޯޓުދެއްވުމާ ، މިގައުމުގެ ބޮޑެތި ވިޔަފާރިތަށް ހިންގަވާ ފަރާތްތަކުން ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާއަށް ތާއީދު ކުރެއްވިކަމީ މިދެންނެވި ބަހުގެ ހެއްކެކެވެ. މީގެ ސަބަބުން ކުރިމަގުގައި ދައުލަތަށް އިތުރު ކުރިއެރުންތައް ލިބި ރައްޔިތުން އުފާފާގަތި ކަމަށް މިކުރާ އިންތިޒާރުތަކުގައި ހަގީގީ ކުލަޖެހިގެން ދާނެކަމާމެދު މިއަދު ޝައްކެއް ކުރާނެ ޖާގައެއް ނެތެވެ. ޓެކްސް ބިލް ފާސްވުމާއެކު މާލޭގައި ހަދަންފަށާ ނުނިމިހުރި އިމާރާތްތައް ނިންމުމަށް އެކަނި ކަނޑައެޅުނު ފައްސަތޭކަ މިލިޔަން ރުފިޔާއިންވެސް ދައުލަތައް ލިބޭ ކުރިއެރުންތަކުގެ ފައިދާ ރައްޔިތުންނަށް ކުރާކަން އެބައެނގެއެވެ. ނަމަވެސް ސަރުކާރުންކުރާ ކޮންމެކަމެއް ބަދަލުކޮށްލައިގެން ވަކި މީޑިޔާތަކަކުން މިކަންކަމާ އިދިކޮޅަށް އެކުރާ މަސައްކަތް ތަކަކީ އެމީޑިިޔާތައް ހިންގާ ފަރާތްތަކުގެ އިޚުލާސްތެރި ކަމެއް އަމުދުން ނެތްކަން ސާބިތުވާ ހެއްކެއް ކަމުގައި ގިނަމީހުން ބުނެއުޅެއެވެ.
މިހިސާބުން އުފެދޭ ސުވާލަކީ އިގްތިސާދީ މިބަދަލުގެ އެންމެފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބިދީ މިގައުމު ކުރިއަށް ގެންދިއުމަށް ސަރުކާރުން މިކުރާ މަސައްކަތުގެ ނަތީޖާ ނެރުމަށް އިދިކޮޅު ފަރާތްތަކުން ފުރުސަތުދީ އަމާންއޮމާން ކަމާއެކު ގައުމު ކުރިޔަށް ގެންދިއުމަށް މިކުރާމަސައްކަތް ފެންހިފިޔަ ދޭނެބާވައެވެ؟ ސަރުކާރު ވައްޓާލާ ވެރިކަމަށް އައުމަށް ކެތްމަދުވެފައި އެތިބަ ބޮޑެތި ޚިޔާނާތްތެރީން ކަމުގައި ބުނާ ބައެއްމީހުން މިއައި ބަދަލާއިއެކު އަދި އެމީހުންގެ ދަހިވެތިކަމުގެ އެދުން އިތުރަށް އުތުރިއަރާނެއެވެ. ދައުލަތައް އިތުރުވާނެ އާމްދަނީ ހިތައްއެރުމުން އެބައި ދަމައިގަތުމުގެ ދަހިވެތި ކަމުގައިވެސް ވެރިކަމުގެ ގޮނޑިއަށް ފައިނަގަން ތެޅިފޮޅި ގަންނާނެއެވެ. މީގެ ކޮޅުމަތި މިހާރުވެސް މިދަނީ ފެންނަމުންނެވެ. އެއްކަލަ ބޭގެ ވަށައިގެން އެނބުރޭ މީހުންނުކުމެ ޕާޓީއެއް ހަދާންއުޅޭ ކަމުގެ އަޑުތަކެއް އަރުވަން ފަށައިފިއެވެ. މިޕާޓީއަށް ކިޔާނެ ނަމެއް އުފައްދާނެ ގޮތެއް އަދި ނުނިމެޔޯލައެވެ. ބައެއް މީހުން ބުނަނީ ޕާޓީގެ ނަމަކަށް ” ވަކިމީހެއްގެ ފަހަތުން އެލިގެން އުޅޭ ޕާޓީގެ” ނަމުގައިވެސް މިޕާޓީ އުފެދި ދާނެކަމުގައެވެ. އަދި ހިތްއެދޭ ނަމެއް ދައުލަތުގެ މުއައްސަސާގައި ރެޖިސްޓުރީ ނުކުރެވޭނެނަމަ އެބުނާ ޒައީމުގެ އޮފީހުގައި ރަޖިސްޓަރީ ކޮށްލައިގެން ކުރިޔަށް ދާނެ ކަމުގައެވެ. މިމީހުންގެ މަގުސަދަކަށް ވާނީ ތާއަބަދު މަގުމަތީގައި މުޒާހަރާ ކުރުމާއި މީހުން ނިދިޔަނުދީ ހަޅޭއްލެވުމާއި ވިޔަފާރިތައް ބަންދުކުރުވުމާއި ކޯޓުތަކުގައި ކަރުދާސްބަރި ޖެހުން ކަމުގައިވެސް ބައެއް މީހުން ބުނެއުޅެއެވެ. މިކަންކަމަކީ މިސަރުކާރު ހުއްޓުވުމާއި ވެރިކަމުގެ ދަހިވެތިކަމުގައި މެނުވީ ކުރާންބޭނުން ވެގެން އުޅޭ ކަމެއް ނޫނެވެ. އެއްވެސް ރަނގަޅު މަގުސަދެއް އަމުދުންނެތި ތިމާމެންގެ އަމިއްލަ ސަލާމަތާ ރައްޔިތުންގެ ހަލާކަށް އެދިމެނުވީ މިމީހުން އެއްވެސް ކަމެއް މިހާތަނައް ކޮށްފައި ނުވާކަން ރައްޔިތުން ދަންނާނެއެވެ. އަށްސަތޭކަ މިލިޔަން ޑޮލަރާ، އެތައް ބައެއްގެ މަރުގެ ތުހުމަތު އެޅިފައިވާ ބަޔަކު އުޅޭނެ ހުރިހައި ގޮތަކަށް މިމީހުންވެސް އުޅޭނެތާއެވެ. ގައްޒާފީއާއި މުބާރަކުވެސް އުޅުނުގޮތް މިއޮތީ ފެންނާށެވެ. އެކަމުގެ އާޚިރު ނަތީޖާވެސް މިދަނީ ފެންނަމުންނެވެ. ކޮންމެއަކަސް ބުނެވެން އޮތީ މިއުންމީދު ކުރާހާ އަމާންކޮށް ، އޮމާންކޮށް މިގައުމު ކުރިޔަށް ގެންދިއުމަށް ސަރުކާރާއި ރައްޔިތުން މިކުރާ މަސައްކަތް ކުރިޔަށް ގެންދިޔަ ނުދިނުމަށް އަނިޔާވެރި ޖައްބާރު ކަލޭގެއާއި އޭނާގެ އެކުވެރީން މަރުދީގެން ނަމަވެސް މަސައްކަތް ކުރާނެ ކަމުގައެވެ.